ދާދިފަހުން ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން ބައިވެރިވި ޕްރޮމޯޝަނަލް އިވެންޓެއްގައި އެކްޓަރު ފެނުނީ އަތުކުރީގައި އަގުބޮޑު ދެ ގަޑި އަޅައިގެން ހުއްޓައެވެ.

މީގެކުރިންވެސް އަބީޝެކްއަކީ އޭނާ ގެންގުޅޭ އާދަޔާ ޚިލާފު ސްޓައިލްއާ ގުޅިގެން މީޑިއާގެ ސަމާލުކަން ލިބެމުން އަންނަ އެކްޓަރެކެވެ.

އަބީޝެކް އެންމެފަހުން ފެނުނު އިވެންޓުގައި ދެ އަތުގައި ދެ ވައްތަރުގެ ގަޑި އަޅައިގެން ހުރުމާއެކު އޭގަފަހަތުގައި ފޮރުވިފައި ވަނީ މިހާރުގެ ޓްރެންޑަކާ ގުޅިފައިވާ ސްޓައިލެއްތޯ ނުވަތަ ނޫންތޯ އެނގެން މީޑިއާއިން ވަރަށް ބޮޑަށް ބޭނުންވިއެވެ.

ފާހަގަކުރެވޭ ކަމަކީ އަބީޝެކް އަކީ ބައްޗަން އާއިލާގައި މިގޮތަށް ދެ ގަޑި އަތުކުރީގައި އަޅާ ހަމައެކަނި ފަރާތް ނޫން ކަމެވެ. އަބީޝެކްގެ ބައްޕަ އަދި އިންޑިއާގެ މެގަ ސްޓަ އަމީތާބް ބައްޗަން އަކީ ވެސް އަތުކުރީގައި ދެ ގަޑި އެޅުމަށް އާދަވެފައިވާ މީހެކެވެ.

އިންޑިއާގެ މެގަ ސްޓަ އަމީތާބް ބައްޗަން--ފޮޓޯ/ޕިންކްވިލާ

ފިލްމީ ދާއިރާގެ ވަރަށް ގިނަ ހަފުލާތަކުން އަމީތާބް ވަނީ ދެ ގަޑި އަޅައިގެން ހުއްޓާ ފެނިފައެވެ. ބައްޗަން އާއިލާގެ މެމްބަރުންގެ ފަރާތުން ފެންނަ މި ޔުނީކް ސްޓައިލްގެ ފަހަތުގައި ފޮރުވިފައިވާ ހަގީގީ ސިއްރު ގުޅިފައި ވަނީ އަބީޝެކްގެ މަންމަ އަދި ކުރީގެ ބަތަލާ ޖަޔާ ބައްޗަންއާއެވެ.

އަބީޝެކް ތަންކޮޅެއް ކުރިން އިންޑިއާ ޓީވީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އަބީޝެކް ޔޫރަޕްގެ ބޯޑިން ސްކޫލެއްގައި ކިޔެވި ދުވަސްވަރު އަތުކުރީގައި ދެ ގަޑި އެޅުވުމަކީ ޖަޔާގެ އާދައެއް ކަމަށެވެ.

އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ ދެ ގައުމުގެ ޓައިމް ޒޯން ތަފާތު ވުމުން ކަމަށާއި ދެ ގައުމުގެ ވަގުތުގެ ތަފާތު ދެނެގަންނަން ފަސޭހައަކަށް ފަހުން އަމީތާބް ވެސް ވަނީ އަތުކުރީގައި ދެ ގަޑި އަޅަން ފަށާފައި ކަމަށް އަބީޝެކް ބުނެފައިވެއެވެ.

ނަމަވެސް ފަހުން އަމީތާބް އެގޮތަށް ދެ ގަޑި އަޅަން ފެށީ ފެޝަނެއްގެ ގޮތުގައި ކަމަށާއި އަބީޝެކް ބައެއް ފަހަރު ތިން ގަޑި ވެސް އަތުކުރީގައި އަޅާ ކަމަށް ވަނީ ބުނެފައެވެ.

ކޮންމެއަކަސް ބައްޗަން އާއިލާއިން ފެންނަން ފެށި މި ޔުނީކް ސްޓައިލް ވަރަށް އަވަހަށް ޓްރެންޑަކަށްވެ ގިނަ ބަޔަކު މިގޮތަށް އަތުކުރީގައި ގަޑި އަޅަން ފެށުމަކީ ކައިރިކަމެކެވެ.