08 Mar 2025, 01:14
ސަރުކާރުން ގާނޫނާ ޚިލާފަށް ދައުލަތުގެ ބާރުތަކަށް އަރައިގަންނަ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ކުރި ކުއްލި އިހުތިޖާޖުގައި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގައިފިއެވެ.
ސުލްހަވެރި މި އިހުތިޖާޖު ފެށީ އެމްޑީޕީ ހަރުގެ ސަރަހައްދުންނެވެ.
މި އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމާއި، މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ރާއީގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ގެ އިތުރުން ވެސް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މި އިހުތިޖާޖުގައި އެމްޑީޕީން ކަންބޮޑުވުން ފާޅުކުރީ ސަރުކާރުން ސުޕްރީމް ކޯޓަަށާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުން ދިއުމާ ގުޅޭގޮތުންނެވެ.
ގިނަ ޕާޓީ އެކުލެވޭ، ދެ ފުށް ފެންނަ ނިޒާމެއް ރާއްޖޭގައި ގާއިމްވުމުގެ ކުރިން، ސަރުކާރުތަކުގެ ކިބައިން ފެނިގެންދިޔަ އަނިޔާވެރިކަން މިއަދުގެ ސަރުކާރުގެ ކިބައިން ފެންނަމުންދާކަމުގެ ކަންބޮޑުވުން އިހުތިޖާޖުގެ ބައިވެރިންވަނީ ފާޅުކޮށްފައެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ޝަރުތު ފަރާތްތަކަށް ފްލެޓު ދިނުން ލަސްވާ މައްސަލައިގައި ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ވެސް އިހުތިޖާޖުގެ ތެރެއިން އަލިއަޅުވާލާފައިވެއެވެ.
އިހުތިޖާޖުގެ ބައިވެރިންވަނީ ތަރުކާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައިފައެވެ.
ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ފުލުހުންވަނީ އިހުތިޖާޖު ރޫލައިލުމަށް މަސައްކަތްކޮށްފައެވެ. އެ ގޮތުން އިހުތިޖާޖުގެ ބައެއް ބައިވެރިން ކޮށްޕައި، އަޑުގަދަކުރާ އަތުލަން ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އިހުތިޖާޖުގެ ބައިވެރިން، އިހުތިޖާޖު ހުއްޓައިލުމަށް ދެކޮޅު ހަދައި، ސުލްހަވެރި ކަމާއެކު ދިޔައީ އަޑު އުފުލަމުންނެވެ.
މަޖީދީ މަގާ ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗާ އިހުތިޖާޖުގެ ބައިވެރިން އަރާ ހަމަވިއިރު، ފުލުހުން ވަނީ ވެހިކަލެއްގައި އައިސް އެ ސަރަހައްދުން މީހުން ދުރުކުރުމަށް މަސައްކަތް ކޮށްފައެވެ.
އެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބެ، އިހުތިޖާޖު ނިންމައިލީ ޚާއްސަ ދުއާއަކުންނެވެ.
މި އިހުތިޖާޖުގެ ތެރެއިން އެއްވެސް މީހެއް ހައްޔަރުކޮށްފައެއް ނުވެއެވެ.