18 Jul 2012, 13:14
ދިރާގް ދިވެހި ލީގުގައި އިއްޔެ ހަވީރު ވިޔަންސާ އަތުން 2-0 ލަނޑުން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކުލަބް އަލުން ލީގުގެ ދެ ވަނަ މަގާމަށް ކުރިއަށް ޖެހިލައިފި އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގައި ވިކްޓަރީން ވިޔަންސާ ކޮޅަށް ޖެހި އެ ޓީމްގެ ދެ ގޯލްވެސް މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު އުމެއިރު އެވެ.
އިއްޔެ މޮޅާ އެކު ލީގުގެ ދެ ވަނާގައި ވިކްޓަރީ އޮތީ 21 ޕޮއިންޓާ އެކު އެވެ. އަދި މި މޮޅާ އެކު އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓްގެ ލީޑު ވަނީ ހަ ޕޮއިންޓަށް އަނެއްކާ ވެސް ކުޑަވެެފަ އެވެ. ތާވަލްގެ ތިން ވަނައިގައި ވީބީ އައްޑޫ އެފްސީ އޮތީ 18 ޕޮއިންޓާ އެކު އެވެ. އަދި އިއްޔެ މެޗުން ބަލިވި ވިޔަންސާ އޮތީ ލީގުގެ ހަތް ވަނައިގައި ނުވަ ޕޮއިންޓާއެކު އެވެ.
އިއްޔެގެ މެޗުގައި ވިކްޓަރީގެ ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 55 ވަނަ މިނެޓުގައި އުމައިރު ކާމިޔާބު ކުރިއިރު، ދެ ވަނަ ލަނޑު އޭނާ ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 81 ވަނަ މިނެޓުގަ އެވެ. އަދި އުމައިރު އިއްޔެ ވިކްޓަރީއަށް ކާމިޔާބު ކޮށްދިން ދެ ގޯލާއެކު މިސީޒަންގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރިކޯޑް ވެސް އަދި އޮތީ އޭނާ އަތުގަ އެވެ. އެގޮތުން އޭނާ ވަނީ މިސީޒަންގައި ވިކްޓަރީއަށް 13 ގޯލް ކާމިޔާބު ކޮށްދީފަ އެވެ.
ލީގުގައި މިއަދު ހަވީރު ބައްދަލުކުރާ ދެ ޓީމަކީ އޭވައެލްއާއި މާޒިޔާ އެވެ.