ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އޮންނަ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ކޮމިޓީން އިސްތިއުފާ ދެއްވައިފިއެވެ.

ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ބަލާ މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޓީއެއް އޮވެއެވެ. އެ ކޮމިޓީގައި ހިމެނެނީ ބަންޑާރަނައިބު އަހުމަދު އުޝާމާއި ޖޭއެސްސީއަށް މި ފަހުން އައްޔަންކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދާއި ވަކީލުންގެ ތެރެއިން އައްޔަން ކުރެއްވި އަލީ އަބްދުއްލަތީފެވެ.

ނަމަވެސް އިތުބާރުހުރި މަސްދަރަކުން "ސަން"އަށް ޔަގީންކޮށްދިން ގޮތުގައި އުޝާމް ވަނީ މިހާރު އިސްތިއުފާ ދެއްވައިފައެވެ.

އުޝާމް އެ ކޮމިޓީން އިސްތިއުފާ ދެއްވިއިރު މިއަދު ވަނީ ފަނޑިޔާރުންނަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރުންނާ ދެކޮޅަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން 56 ފިޔަވަޅު އެޅި ކަމަށާއި، ނަމަވެސް މި ސަރުކާރުން މިހާތަނަށް އެޅީ ފަސް ފިޔަވަޅު ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް އެފަދައިން ވިދާޅުވި އިރު، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ސުޕްރީމް ކޯޓުން ކުރި އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ، އެ އޮފީހާމެދު ފިޔަވަޅު އަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ސިޓީއެއް ވަނީ ހުށަހަޅައިފައެވެ.

އެއީ ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.