18 Jul 2012, 13:13
"އެމެރާލްޑް އެންއެސްޑަބްލިއު ބޮޑީބޯޑް ސްޓޭޓް ޓައިޓަލްސް ރައުންޑް 2" ގެ ސީނިއާ މެންސް ކެޓަގަރީޒް އިން ދިވެހިރާއްޖޭގެ ރާޅާއެޅުންތެރިޔާ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެއްވަނަ ހޯދައިފި އެވެ.
މިމުބާރާތަކީ އޮސްޓްރޭލިޔާގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އެންމެ ބޮޑު މުބާރާތެވެ. މިމުބާރާތުގައި ރާއްޖޭގެ ދެ މީހަކު ވަނީ ބައިވެރިވެފަ އެވެ. އެއީ އަލީ ހުޝްރުވާން އަހުމަދުގެ އިތުރުން އަދުނާން މުސާ އެވެ.
އަލީ ކުޝްރުވާން އަކީ ރާއްޖޭގައި ރާއްޅާއެޅުމުގައި ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި ރާޅާ އެޅުންތެރިއެކެވެ. އަދި މީގެ ކުރިން އޭނާ ވަނީ ރާއްޖެ އިން ބޭރުގައި ބޭއްވި އިންޓަނޭޝަނަލް ތިން މުބާރާތްތެއްގައި ބައިވެރިވެ، ވަރަށް ފާހަގަ ކޮށްލެވޭ ވަނަތަކެއް ވެސް ހޯދައިފަ އެވެ. އެގޮތުން އައްޔަ ވަނީ 2011 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވުނު ރާޅާ އެޅުމުގެ މުބާރާތުން ތިން ވަނަ މަގާމް ވެސް ހޯދައިފަ އެވެ.
މިއަހަރުގެ އޭޕްރީލްގައި މިމުބާރާތުގެ ފުރަތަމަ ރައުންޑްގައި ބައިވެރިވެ، އައްޔަ ވަނީ "އެމެރާލްޑް އެންއެސްޑަބްލިއު ބޮދީބޯޑު ސްޓޭޓް ޓައިޓަލްސް" އިން ތިން ވަނަ ހާސިލްކޮށްފަ އެވެ. އެގޮތުން މީގެ ތިން ވަނަ ރައުންޑް މިއަހަރުގެ އޮކްޓޫބަރު މަހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އުމުރުން އެންމެ 13 އަހަރުގައި ބޮޑީ ބޯޑިންގެ ތެރެއަށް ވަދެ، ބޮޑެތި ކުރިއެރުންތަކެއް ރާއްޖެ އަށް ހޯދައި ދެމުން އަންނަ އައްޔަ ވަނީ 2010 ވަނަ އަހަރުގެ ކުރީކޮޅު މެލޭޝިއާގައި އޮތް ބިލަބޮން ޕްރޯ މުބާރާތުގައި ބޮޑީ ބޯޑިން އިން ފުރަތަމަ ފަހަރަށް ރާއްޖެ އަށް އެއް ވަނަ ގެނެސްދީފަ އެވެ.