07 Mar 2025, 16:01
ޔުއޭފާ ކޮންފަރެންސް ލީގުގެ ރައުންޑް އޮފް 16 ގައި ޗެލްސީ އާއި ކޯޕެންހޭގަން ބައްދަލުކުރި ފުރަތަމަ ލެގު ޗެލްސީއިން ކާމިޔާބު ކޮށްފިއެވެ.
ކޯޕެންހޭގަންގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ޗެލްސީއިން ބޯޅަ ގެންގުޅުނު ނަމަވެސް ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށް ވެސް ހަމަހަމަ ކޮށެވެ. އަދި މުޅި މެޗަށް ބަލާއިރު ދެ ޓީމަށް ވެސް ހަމަލާ އުފެއްދިފައިވަނީ ވަރަށް މަދުންކަން ފާހަގަ ވެގެންދިޔައެވެ.
މި ގޮތުން މުޅި މެޗުގައި ވެސް ކޮންމެ ޓީމަކަށް ވެސް އުފެއްދިފައިވަނީ ފަސް ހަމަލާއެވެ. އަދި މީގެތެރެއިން ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައިވަނީ ދެ ހަމަލާއެވެ.
އެހެން ކަމުން މި މެޗުގައި ޗެލްސީއިން ކާމިޔާބުކުރި ދެ ލަނޑުގެ އިތުރުން އިތުރު ހަމަލާއެއް ކޯޕެންހޭގަންގެ ގޯލަށް އަމާޒު ކުރެވިފައެއް ނުވެއެވެ.
މި މެޗުގައި ޗެލްސީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 46 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ރީސް ޖޭމްސްއެވެ. އަދި ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ 65 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒްއެެވެ. ކޯޕެންހޭގަންއިން މި މެޗުގައި ކާމިޔާބުުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ 79 ވަނަ މިނެޓުގައި ގެބްރިއެލް ޕެރެއިރާއެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހަފްތާގައި ޗެލްސީގެ ދަނޑުގައެވެ.
މި މުބާރާތުގައި ޕެނަތިނައިކޯސް އާއި ފިއޮރެންޓީނާ ބައްދަލުކުރި ފުރަތަމަ ލެގު ތިން ލަނޑު ދެ ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޕެނަތިނައިކޯސްއެވެ. ޕެނަތިނައިކޯސްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިން ލަނޑު ޖަހައިދީފައިވަނީ ކަރޯލް ސްވިޑާސްކީ އާއި ނެމެންޔާ މަކްސިމޯވިޗް އަދި ޓެޓޭއެވެ. އަދި ފިއޮރެންޓީނާއިން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ ލޫކަސް ބެލްޓްރާން އާއި ނިކޮލޯ ފަޖިއޯލީއެވެ.
މި ދެ ޓީމުގެ ދެވަނަ ލެގު މި އަންނަ ހަފުތާގައި ފޮއިރެންޓީނާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވުމުން ކްއާޓާ ފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ފިއޮރެންޓީނާއަށް ވެސް އަދި އެބައޮތް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
މި މުބާރާތުގެ ފުރަތަމަ ލެގުގެ އެހެން ނަތީޖާ ތަކަށް ބަލާލާއިރު މޯލްޑޭ އާއި ލެގިއާ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ތިން ލަނޑު ދެ ލަނޑުން މޯލްޑާ ކާމިޔާބުކުރިއިރު ރެއާލް މެޓިސް އާއި ވިޓޯރިއާ އެސްސީ ބައްދަލުކުރި މެޗު ދެ ލަނޑު ދެ ލަނޑުންވީ އެއް ވަރެވެ. ބޮރަކް ބީބީ އާއި ރެޕިޑް ވިއެނާ ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވިއިރު ސެލްޔޭ އާއި ލުގާނޯ ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސެލްޔޭއެވެ. އަދި ޖަގިއެލޯނިއާ އާއި ސާސުލް ބްރުޖް ބައްދަލުކުރި މެޗު ތިން ލަނޑު ސުން ލަނޑުން ޖަގިއެލޯނިއާ ކާމިޔާބުކުރިއިރު ޕަފޯސް އާއި ޔާގާޑެން ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޕަފޯސްއެވެ.