07 Mar 2025, 15:38
ޔުއޭފާ ޔޫރޮޕާ ލީގުގެ ރައުންޑް އޮފް 16 ގައި ޓޮޓްނަމް ހޮޓްސްޕާ އާއި އޭޒީ އާލްކްމާ ބައްދަލުކުރި ފުރަތަމަ ލެގު އޭޒީ ކާމިޔާބު ކޮށްފިއެވެ.
އޭޒީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ސްޕާސްއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އޭޒީއިންނެވެ. އަދި އޭޒީއިން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ސްޕާސްގެ ލޫކަސް ބާގްވާލް އަތުން ބައިކޮޅަށް ވަތް ލަނޑާއެކު މެޗުގެ ލީޑު ނަގާފައެވެ.
މި މެޗުގައި ސްޕާސްއަށް މާ ރަނގަޅު ހަމަލާއެއް އުފެއްދިފައިނުވާއިރު އޭޒީގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައި ވަނީ ވެސް އެންމެ ހަމަލާއެކެވެ. އެއާ ހިލާފަށް ސްޕާސްގެ ކީޕާ ޖުއިލިއެލްމޯ ވިކާރިއޯ ވަނީ އޭޒީގެ ނުރައްކާތެރި ތިން ހަމަލާއެއް ދިފާއު ކޮށްފައެވެ.
ސްޕާސްއަށް އެއްވެސް ކަމެއް ރަނގަޅަށް ނުދިޔަ މި މެޗުގައި މައްސަލަތައް އިތުރަށް ގޯސްވެގެން ދިޔައީ އަނިޔާއިން އެނބުރި އައިސް ފުރަތަމަ މެޗު ކުޅެމުންދިޔަ ފޯވަޑް ޑޮމިނިކް ސޮލާންކީއަށް އަނެއްކާވެސް އަނިޔާވެ 20 މިނެޓްގެ ތެރޭގައި އޭނާ ބަދަލު ކުރަން ޖެހުމުންނެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ މި އަންނަ ހަފުތާގައި ސްޕާސްގެ ދަނޑުގައެވެ.
މި މުބާރާތުގައި ފެނަބާޗޭ އާއި ރޭންޖާސް ބައްދަލުކުރި ފުރަތަމަ ލެގު ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ތިން ލަނޑު އެއް ލަނޑުން ރަށުން ބޭރުގައި ކާމިޔާބު ކޮށްފައިވަނީ ރޭންޖާސްއެވެ. ހޯސޭ މިރީނިއޯގެ ކޯޗު ކަމުގެ ދަށުން ކުޅެމުންދާ ފެނަބާޗޭއަށް މި މެޗުގައި ރޭންޖާސް މަތަކުރުމުގައި މާބޮޑު ކުރި އެރުމެއް ލިބިގެނެއް ނުދިޔައެވެ.
މި މެޗުގައި ރޭންޖާސްގެ ތިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސިރިއަލް ޑެސާސް އާއި ވަކްލާވް ސާނީއެވެ. އަދި ފެނަބާޗޭގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެލެގްޒެންޑާ ޖީކޫއެވެ.
މި ދެޓީމުގެ މެޗުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ރޭންޖާސްގެ ދަނޑުގައި ކަމުން ކްއާޓާ ފައިނަލްގެ ފުރުސަތު މިހާރު ބޮޑީ ރޭންޖާސްއަށް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.
ނަމަވެސް މޮރީނިއޯ ހާމަކުރިގޮތުގައި ރޭންޖާސްއިން އަދި ހަމަޖެހެން ޖެހޭ ކަމަށާއި ދެވަނަ ލެގު އަދި ކުރިއަށް އެބައޮތް ކަމަށެވެ. މި މެޗުގައި އޭނާގެ ކުޅުންތެރިންނަށް ހުރިޙާ ދިމާލަކުންވެސް ގޯސް ހެދިފައިވާ ކަމަށާއި އަދި ރޭންޖާސްއިން ވަނީ މެޗު ލަސް ކުރުމުގައި ގިނަ ވަގުތު ތަކެއް ދުއްވާލައިފައި ކަމަށް މޮނީރިއޯ ބުންޏެވެ. މޮރީނިއޯގެ ވާހަކަ ހުރިގޮތުން އޭނާ ހުރީ ދެވަނަ ލެގުގައި ރަނގަޅު ނަތީޖާއެއް ނެރި ކްއާޓާ ފައިނަލްގެ ޖާގައެއް ލިބިދާނެކަމުގެ އުންމީދާއެކުއެވެ.
މީގެ އިތުރުން ފުރަތަމަ ލެގުގައި ނިކުން އެހެން ނަތީޖާ ތަކަށް ބަލާލާއިރު ލިއޯން އާއި އެފްސީއެސްބީ ބައްދަލުކުރި މެޗު ތިން ލަނޑު އެއް ލަނޑުން ރަށުން ބޭރުގައި ލިއޯން ކާމިޔާބުކުރިއިރު ބޯޑޯ ގްލިމްޓް އާއި އޮލިމްޕިއާކޯސް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބޯޑޯ ގްލިމްޓްއެވެ. އަދި އެއިންޓްރެކްޓް ފްރޭންކްފާޓް އާއި އަޔެކްސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފްރޭންކްފާޓްއެވެ.