ޔުއޭފާ ޔޫރޮޕާ ލީގުގެ ރައުންޑް އޮފް 16 ގައި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި ފުރަތަމަ ލެގު އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރު ވެއްޖެއެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ސޮސިއެޑާޑްއިން ބޯޅަ ގެންގުޅުނުއިރު ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަކަށް ވެސް ހަމަހަމަ ކޮށެވެ.

މި މެޗުގެ ބޮޑުބައިގައި މޮޅަށް ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. މި ގޮތުން ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ތަނަވަސް ކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ޔުނައިޓެޑަށް ހިފޭގޮތެއް ނުވިއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ޖޯޝިއާ ޒާކްޒީ ކާމިޔާބު ކޮށްދިން ލަނޑުން ޔުނައިޓެޑެވެ. މި މެޗުގައި ސޮސިއެޑާޑްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުންނެވެ.

ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ދިން މި ޕެނަލްޓީ ސޮސިއެޑާޑްއަށް ކާމިޔާބު ކޮށްދީފައިވަނީ މިކޭލް އޮޔަރުޒަބާލްއެވެ.

މި ލަނޑު ވެގެންދިޔައީ ޔުނައިޓެޑްގެ ކީޕާ އަންޑްރޭ އޮނާނާއަށް މެޗުގެ އެހާތަނަށް ކުރިމަތިލާން ޖެހުނު ސޮސިއެޑާޑްގެ ފުރަތަމަ ހަމަލާ އަށެވެ. ނަމަވެސް މިލަނޑާއެކު ޔުނައިޓެޑްގެ ކުޅުމަށް އަސަރު ކުރިތަން ފެނިގެންދިޔައިރު ސޮސިއެޑާޑްގެ ކުޅުން އިތުރަށް ރަނގަޅުކުރިތަން ފެނިގެންދިޔައެވެ. އަދި މިއާއެކު އެ ޓީމަށް ވަނީ މެޗުން މޮޅުވާނެ ރަނގަޅު ދެތިން ހަމަލާ އުފައްދާފައެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ހަފުތާގައި ޔުނައިޓެޑްގެ ދަނޑުގައެވެ.

މި މުބާރާތުގައި އޭއެސް ރޯމާ އާއި އެޓްލެޓިކް ބިލްބާއޯ ބައްދަލުކުރި ފުރަތަމަ ލެގު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ރޯމާއެވެ. ރޯމާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ބިލްބާއޯގެ އިނާކީ ވިލިއަމަސް މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބުކުރި ނަމަވެސް ރޯމާއިން ވަނީ ފަހަތުން އަރާ ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ދެ ލަނޑު މެޗުގެ 56 ވަނަ މިނެޓާއި އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެންޖެލީނިއޯ އާއި އެލްޑޯ ޝޮމުރޮޑޯވްއެވެ. މި މެޗުގެ 85 ވަނަ މިނެޓުގައި ބިލްބާއޯގެ ޔަރޭ އަލްވަރޭޒްއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ.

މީގެ އިތުރުން ލާޒިއޯ އާއި ވިކްޓޯރިއާ ޕްލެޒެން ބައްދަލުކުރި ފުރަތަމަ ލެގު ރަށުން ބޭރުގައި ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލާޒިއޯއެވެ. މި މެޗުގައި ލާޒިއޯއިން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ޖަހައިދީފައިވަނީ އެލޭސިއޯ ރޮމަގްނޯލީ އާއި ގުސްޓާވް އިސާކްސެންއެެވެ. އަދި ޕްލެޒެންގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ ރާފިއު ޑުރޮސިންމީއެވެ. މި މެޗުގައި ލާޒިއޯގެ ދެ ކުޅުންތެރިން ކަމަށްވާ ނިކޮލާ ރޮވޭލާ އާއި ސެމިއުލް ގިގޮޓްއަށް ސީދާ ރަތްކާޑު ދައްކާފައެވެ. މި މެޗުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ހަފުތާގައި ލާޒިއޯގެ ދަނޑުގައެވެ.