މިނިސްޓްރީ އޮފް އެންވަޔަރުމެންޓް އެނާޖީން ބޭރުގެ އެހީގޮތުގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަމުން އަންނަ ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީއާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ހާމަކުރުމަށް މިއަދު ވެލާނޭގެ ޕްރެސް ރޫމްގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ބޭރުގެ އެހީތައް ރާއްޖެ އަށް ލިބިފައިވާ އެތައް ޕްރޮޖެކްތެއް ނުފެށި ވަނީ ކުރިން ޕްރޮޕޯސަލްތައް ނުނިމި ނުވަތަ ބޭނުންވާ މައުލުމާތުތައް ސާފުނުކުރެވި ހުރުމުގެ ސަބަބުން ކަމަށާއި ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްކޮށް ގިނަ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ލިބި އޭގެން ބައެއް މަޝްރޫއުތައް ވެސް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.

ޝަކީލާ ވިދާޅުވީ މިނިސްޓްރީން ހިންގާ ބޮޑު ފަސް ޕްރޮޖެކްޓަށް ބޭރުގެ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ ފެނާއި ނަރުދަމާގެ މަޝްރޫއުއަށް 525 މިލިއަން ރުފިޔާ އާއި ތިމާވެށީގެ ދާއިރާ އަށް ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދިރާސާ އާއި އެކިކަން ކަމަށް 15 މިލިއަން ރުފިޔާ އާއި ހަކަތައިގެ ދައިރާ ކުރިއެރުވުމަށް 355 މިލިއަން ރުފިޔާ އާއި ކުނި މެނޭޖުކުރުމުގެ ދާއިރާ އަށް ހަރަދުކުރުމަށް 123 މިލިއަން ރުފިޔާ ކަމަށެވެ.

"ޖުމުލަ 1.2 ބިލިއަން ރުފިޔާގެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ. އިރާދަ ފުޅުކުރެއްވިއްޔާ މި ހުރިހާ މަސައްކަތަކީ ވެސް ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވާގޮތަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތްތައް،" ޑރ. ޝަކީލާ ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ކުރިން އެހީ ލިބިފައިވާ އެކިއެކި ޕްރޮޖެކްޓުތަކުގެ ތެރެއިން ވަރަށް ގިނަ ޕްރޮޖެކްޓްތައް ހުއްޓިފައި ހުރި ނަމަވެސް މިހާރު ވަރަށް ގިނަ މަޝްރޫއުތައް ފަށައިގެން ކުރިއަށް ގެންދަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީ އުފެދުނު ފަހުން ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެ މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ތިމާވެއްޓާއި ބެހޭ ގައުމީ ކައުންސިލެއް އުފެއްދުމާއި ކުލައިމެޓް ޗޭންޖިން އެންދް އެޑްވައިޒަރީ ކައުންސިލެއް އުފެއްދުމާއި އެންވަޔަރުމަންޓް ޕްރޮޓެކުޝަން އެޖެންސީގެ ގަވަނީން ބޯޑު އެކުލަވާލުމާއި ބ. އަތޮލުގައި ބައެސްފިޔާ ރިޒާވެއް ގާއިމްކޮށް އޮފީހެއް ގާއިމުކުރެވުނު ކަމަށެވެ. މީގެ އިތުރަށް އިޔާދަ ކުރެނިވި ހަކަތައިގެ ޕްލޭނެއް ތައްޔާރުކުކުރެވެމުންދާ ކަމަށާއި އެ ޕްލޭނުގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ ތޭރަގައި ހުށައެޅޭ ވަރުވާނެ ކަމަށް ޝަކީލާ ވިދާޅުވި އެވެ.

"މިމަސައްކަތް ގާތްގަނޑަކަށް މުޅިން ނިމި އޯގަސްޓް މަހުގެ ތެރޭގައި ހުށައަޅާނަން. މިޕްލޭން ހުށައެޅުމުން އަޅުގަނޑުމެންނަށް 30 މިލިއަން ޑޮލަރު ލިބޭނެ. ޑޮލަރަކަށް ހަތަރު ޑޮލަރުގެ މަގުން ލެވެރޭޖް ކުރުމުން އިތުރަށް 120 މިލިއަން ޑޮލަރު ލިބޭނެ،" ޝަކީލާ ވިދާޅުވި އެވެ.