07 Mar 2025, 11:17
އިންޑިއާގެ ކަންނާޑާއަށް ނިސްބަތްވާ ބަތަލާ ރާންޔާ ރާއޯ ދުބާއީއިން އިންޑިއާއަށް ވަގަށް ރަން އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހުގެރޭ ޑައިރެކްޓްރޭޓް އޮފް ރެވެނިއު އިންޓެލިޖެންސްއިން ރާންޔޯ ރާއޯ އަތުލައިގަތީ ސެކިއުރިޓީ ބައިޕާސް ކުރަން އުޅުމުގެތެރޭގައި، މޮޑިފައިކޮށްފައިވާ ބޮޑީ ޖެކެޓެއްގެ ތެރޭގައި ފޮރުވާފައި ހުރި 14.8 ކިލޯގެ ރަނާއެކުއެވެ.
ދުބާއީއިން އެތެރެކުރި މި ރަނުގެ އަގު 125،600،000 ޑޮލަރަށް (އެއް ސަތޭކަ ފަންސަވީސް މިލިއަން ހަ ސަތޭކަ ރުޕީސް) އަރާ ކަމަށް އިންޑިއާ މީޑިއާތަކުން ވަނީ ބުނެފައެވެ.
ރާންޔާ ހައްޔަރު ކުރުމާ އެކު އިންޑިއާގެ ކަރްނާޓަކާގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންނަށް ހައިރާންކަމެއް ލިބިފައިވާއިރު އޭނާ އަކީ ކަރްނާޓަކާގެ ސީނިއަ އައިޕީއެސް އޮފިސަރު ރާމަޗަންދުރަ ރާއޯއާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

ރާންޔާ ރާއޯ އަދި ބަތަލާގެ ދޮން ބައްޕަ ސީނިއަ އައިޕީއެސް އޮފިސަރު ރާމަޗަންދުރަ ރާއޯ--ފޮޓޯ/ޓައިމްސްނައު
ސީނިއަ އައިޕީއެސް އޮފިސަރު ރާމަޗަންދުރަ ރާއޯ އަކީ ރާންޔާގެ ދޮން ބައްޕައެވެ. ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އިންޑިއާ ޓުޑޭ ނިއުސްއިން ބުނެފައި ވަނީ މީގެކުރިން ވެސް ރާންޔާ އިންޑިއާއަށް ވަގަށް ރަން އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭ ރާންޔާ ވަނީ 30 ފަހަރެއްގެ މަތިން ދުބާއީއަށް ދަތުރުކޮށްފައި ކަމަށާއި، މި ދަތުރު ތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިތަކުގައި ބައިވެރިވެފައިވާ ކަމުގެތުހުމަތު ރާންޔާގެ މައްޗަށް ވަނީ ކޮށްފައެވެ.
މިއިން ކޮންމެ ދަތުރެއްގައި ރާންޔާ އިންޑިއާއަށް ރަން އެތެރެކޮށްފައި ކަމަށް ބެލެވޭ ކަމަށާއި ކޮންމެ ދަތުރަކުން ވެސް ގާތްގަނޑަކަށް 12-13 ލައްކަ އިންޑިއަން ރުޕީސްގެ އާމްދަނީ ހޯދާފައިވާ ކަމަށް އިންޑިއާ ޓުޑޭގައި ވަނީ ބުނެފައެވެ.
މި މައްސަލައިގެ އިންވެސްޓިގޭޓް ކުރިއަށްގެންދާ އިސް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާންޔާ އަކީ ވަރަށް ވިސްނުންތެރިކަމާ އެކު ރަނުގެ ސްމަގްލިންގް ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެކެވެ.
އޭނާ ރަން އެތެރެކުރުމަށް ގެންގުޅޭ ބޮޑީ ޖެކެޓަކީ އޭގެ އެތެރޭގައި ވަރަށް ގިނަ ކޮމްޕާޓްމަންޓްތައް ފޮރުވިފައި ހުންނަ ގޮތަށް ފަރުމާކޮށްފައިވާ ޖެކެޓެއް ކަމުން ރަން އެތެރެކުރުމަކީ ރާންޔޯއަށް މާ ދަތިކަމަކަށް ވެފައި ނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ރާންޔާ ރާއޯ ހައްޔަރުކޮށްފައި މިވަނީ 15 ދުވަހުގެތެރޭ ހަތަރު ފަހަރު ދުބާއީއަށް ދަތުރުތަކެއް ކުރުމާ ގުޅިގެން އޭނާގެ ހަރަކާތްތަކަށް ޑައިރެކްޓްރޭޓް އޮފް ރެވެނިއު އިންޓެލިޖެންސްއިން ފާރަލަމުން އަންނަނިކޮށެވެ.
އިންޑިއާގެ ބެންގަލޫރު އެއާޕޯޓުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ރާންޔާ ހައްޔަރުކޮށް ހަށިގަނޑު ބަލައި ޗެކް ކުރަން އުޅުމުން ރާންޔާ ވަނީ ނުފޫޒުގެ ބޭނުންކޮށްގެން އޭނާ އަކީ އައިޕީއެސް އޮފިސަރު ރާމަޗަންދްރާ ރާއޯގެ ދޮންދަރިއެއް ކަމަށް އޮފިޝަލުން ގާތު ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އައިޕީއެސް އޮފިސަރު ރާމަޗަންދްރާ ރާއޯ ބުނެފައި ވަނީ މި މައްސަލައާ އޭނާއަށް އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ރާންޔާ އަކީ ބަތަލާގެ ފިރިމީހާއާ އެކު ވަކިން ދިރިއުޅެމުން އަންނަ މީހެއް ކަމަށާއި ރާންޔާގެ ފަރާތުން އޭނާގެ މަސައްކަތުގެ ރެކޯޑުގައި ކަޅު ލައްގަނޑެއް ޖެހިފައިވާ ކަމަށް އޮފިސަރު ރާމަޗަންދްރާ ވަނީ ބުނެފައެވެ.