ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް، 22 ދުވަސް ވަންދެން ކ. ގިރިފުށީގައި ބެހެއްޓި މައްސަލައާ ގުޅިގެން ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރާއި ސިފައިންގެ ތިން އޮފިސަރެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަނބުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ހުޅުމާލޭ ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭ ފާނާއި ސިފައިންގެ ތިން އޮފިސަރުންގެ މައްޗަށް ދައުވާ ކުރަން އެ ކޯޓަށް ފޮނުވި މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ ކޯޓުތަކާ ބެހޭ ގާނޫނު ބުނާ ގޮތުން އެ މައްސަލަތަކަކީ "އަދި އެ ކޯޓަށް ބަލައިގެން ކުރިއަށް ގެންދެވިދާނެ" މައްސަލައެއް ކަމަށް ނުފެންނާތީ ކަމަށެވެ.

"އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލީ، ކޯޓުތަކާ ބެހޭ ގާނޫނުގެ 66 ވަނަ މާއްދާ، މެޖިސްޓްރޭޓް ކޯޓުތަކުގެ އިހުތިސޯސް އާއި 69 ވަނަ މާއްދާ، ކޯޓުތަކުގެ ސަރަހައްދީ އިޚުތިސޯސްގައި ބަޔާން ކުރައްވާފައިވާ ގޮތުން މި މައްސަލަތަކަކީ އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބަލައިގަނެ ކުރިއަށް ގެންދެވޭނެ މައްސަލަތަކެއް ކަމަށް ނުފެންނާތީ،" ހުޅުމާލޭ ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލަތައް އެ ކޯޓަށް ބަލައިގެން ކުރިއަށް ގެންދެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނާއި ޖުޑީޝަލް ކައުންސިލުގެ އެއްބަސްވުމާ އެކު އެ މައްސަލަތައް ބެލުމުގެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމަށް އުއްތަމަ ފަނޑިޔާރުގެ ގަރާރެއް ނެރުމުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އަދި މިހާތަނަށް އެފަދަ ގަރާރެއް އުއްތަމަ ފަނޑިޔާރު ނެރުއްވާފައި ނުވާ ކަމަށާއި އެފަދަ ގަރާރެއް ނެރުއްވުމަށް ފަހު އެ ކޯޓަށް އެ މައްސަލަތައް ހުށަހަޅައިފި ނަމަ ކޯޓުން އެ މައްސަލަތައް ބަލާނެ ކަމަށެވެ.

ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ދައުލަތުން ކުރަނީ ކުށެއް ނުކުރާ މީހަކު ގާނޫނާއި ޚިލާފަށް ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ދައުވާ އެވެ.

ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2،000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.