"ކޮން ހައްޤެއް. ކޮން މިނިވަންކަމެއް؟ ބޮޑު ހެދުން ލައިގެން އެހާ ފޮރުވިގެން ތިބެންޏާ ވަޒީފާ އަދާނުކުރީމަ ވީނުން. ކާކު ބުނެގެންތަ އެ ޖުއްބާ ލަނީ؟" އެ ހުރިހާ ވާހަކައެއް އަޑު އަހަން ހުރި، ޒައުލްގެ ހިތަށް ވަގުތުން ޝައިޠާނާގެ ވަސްވާސްތައް ވެރިވިއެވެ.

ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އަޤީދާ ބަލިކަށި ނަމަ، ޝައިޠާނާއަށް އިންސާނާގެ ސިކުނޑިއާ ކުޅެލަން ފަސޭހަވާނެއެވެ. ވަސްވާސްތަކުން އިންސާނާގެ ސިކުނޑި ހައްލައިލަން ފަސޭހަވާނެއެވެ. މުސްލިމެއްގެ ގޮތުގައި ތިމާ ވީނަމަވެސް، އަދި ނޫންނަމަވެސް، ޝައިޠާނާ އޭނާގެ މަޤްސަދު ހާސިލްކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެއެވެ.

ހައިޝަމް ހުރީތީ، އެއްޗެއް ނުބުނެ ހުރި ޒައުލްގެ ހިތަށް ރުޅިވެރިކަމެއްވެސް ވެރިވިއެވެ. ހައިޝަމްއާ މެދު ނުރުހުމުގެ ނަޒަރުން އޭނާއަށް ބެލެވެން ފެށިއެވެ. ހައިޝަމްއަކީ ކަންތައްތަކުގައި ގޮތް ކިޔަން ކާކު ހެއްޔެވެ؟ ޔަޤީނުންވެސް ބައްޕަ ހައްލާލައިގެން ބައްޕަގެ ސިކުނޑި ދޮވެލީ މި ޒުވާނާއޭ އޭނާގެ ހިތަށް އެރިއެވެ. ބޭބެއާ ކޮއްކޮއާ ދެމީހުންވެސް މީ ހަމަ އެއްވަރުގެ ހައްދުފަހަނަ އަޅާފައިވާ ދެމީހުންނޭ ވެސް ހިތަށް އެރިއެވެ. ކޮންމެ ކަމެއްގެ ތެރެއަށް ހަމަ ދީން ވައްދަން ޖެހޭ ހެއްޔެވެ؟ ޒައުލްއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.

"އެންޑް ސާރ. އަޅުގަނޑު އެއްކަަލަ މީހުންނާވެސް ވާހަކަ ދެއްކިން. އެމީހުން މިހާރު ކޮންޓްރެކްޓް ކެންސަލް ނުކުރާ ގޮތަށް އެއްބަސްވެއްޖެ." ހައިޝަމް ބުނެލިއެވެ.

"ٱلْحَمْدُ لِلَّٰهِ" ޒަމީރަށްވެސް ﷲއަށް ޝުކުރުވެރިވެވުނެވެ. ލިބޭ ކޮންމެ ކާމިޔާބީއެއްގައި ﷲ އަށް ޝުކުރުކުރުމަކީ އަހަރެމެން ހުރިހާ އެންމެންގެވެސް އާދައަކަށް ހަދަން ޖެހެއެވެ. ނިޢުމަތް ދެއްވާ ފަރާތުން އިރާދުކުރައްވައިފިނަމަ އެ ނިޢުމަތް އަތުން ބީވެގެން ދިޔުމަށް ސިކުންތެއްވެސް ނުނަގާނެއެވެ.

"އެ މަސައްކަތް ހައިޝަމްއާ ހަވާލުކުރީވެސް، ހައިޝަމްއަށް އިތުބާރުކުރާތީ. މިއަދު ހައިޝަމްއާ މެދު އޮތް ޔަޤީންކަން އިތުރު ވެއްޖެ.." ޒަމީރު ބުނެލިއެވެ. އެއާއެކު ހައިޝަމްވެސް ޝުކުރުވެރި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"ސާރ. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު ކުރާނަމަ އެކަމެއްގައި ﷲ އަޅުގަނޑުމެންނަށް ވާގިވެވޮޑިގަންނަވާނެ. މިއަދު، އަޅުގަނޑުމެންގެ އަތުން އެ ޕްރޮޖެކްޓް ގެއްލުނު ނަމަވެސް، އެކަމުގައިވެސް ކޮންމެވެސް ހެވެއް ވާނެ. އިންޝާ ﷲ…. އެނގޭ ގެއްލުނުނަމަ ބޮޑެތި ގެއްލުންތައް ލިބޭނަކަންވެސް، އެކަމަކު، ﷲއަށް ޝުކުރުވެރިވާނަމަ އެއަށް ވުރެ މާ ފާގަތިކަމާ އުފާވެރިކަން އަހަރެމެންނަށް ލިބޭނެ. އަދި ތަނަވަސްކަންވެސް. މިންވަރަށް އީމާންވުމަކީ އަހަރެމެން ކުރަން ޖޭހެނެ ކަމެއް." ހައިޝަމްގެ ވާހަކަތަކުން ޒައުލްއަށް އޭނާގެ ކަޅި މައްޗަށް އަރުވައިލެވުނެވެ. ހައިޝަމް އެ ދައްކާ ހުރިހާ ވާހަކައެއް ވެސް ދިޔައީ އޭނާގެ ބޯމަތީންނެވެ. އެ ވާހަކަތަކަކީ އޭނާ އަޑު އަހަން ބޭނުން ނުވާ ވާހަކައަކަށް ވާތީކަމަށްވެސް ވެދާނެއެވެ. ނޫނީ، ހިތުގައި އިސްލާމް ދީނާ މެދު ވާ ރުޅިވެރިކަމެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އެނގޭހާވެސް އެއްޗަކީ އެފަދަ ވާހަކަތައް އަޑު އަހަން އޭނަ ބޭނުންނުވާކަމެވެ. ކޮންމެ ކަމެއްގައި ދީން އެދޭތެރެއަށް ވެއްދުމަކީ އޭނާ އެންމެ ރުޅި އަންނަ އެއް ކަމެވެ.

ހައިޝަމް އަނެއްކާވެސް ނައުފާގެ ކަންތައްތައް ޒަމީރަށް ހަނދާންކޮށްލަދިނުމުން ޒައުލްއަށް މިފަހަރަކު ކެތެއް ނުކުރެވުނެވެ.

"ބައްޕާ… އޮފީހުގައި ޖުއްބާލާފަ މޫނު ނިވާކޮށްގެން އުޅޭ މީހުންނަށް މަސައްކަތްކުރަން ކިހާ ދަތިވާނެތަ؟ ތަހުޒީބީ ޤައުމުތަކުގައިވެސް އެކަން މަނާކޮށްފައި އޮންނަނީ ސަބަބެއް އޮތީމައެއްނު." ޒައުލް ހީވަނީ އެކަން ޤަބޫލުކުރަން ދަތިވެގެން އުޅޭހެންނެވެ.

"މީހެއްގެ ހުންނަ ޤާބިލުކަމަށް ވުރެ އަޅާ ހެދުން މުހިންމުވާން ޖެހޭ ސަބަބެއް ބައްޕައަކަށް ނުވިސްނޭ." ޒަމީރު ބުނެލިއެވެ. ޒައުލް އެހެން ބުނެލި ރާގުން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވި ނަމަވެސް، އޭގެ ހިތިކަން ބަލައިލި މީހަކަށް އިޙްސާސްކޮށްލެވޭނެއެވެ. އެއީ މީގެ ކުރިން ޚުދު އޭނާވެސް ގެންގުޅުނު އުސޫލެކެވެ. އޮފީހުގައި އުޅޭއިރު، މޫނު ނުފެންނަ ކަމުގައިވާނަމަ އުނދަގޫވާނެކަމުގައި އޭނާވެސް ޤަބޫލުކުރިއެވެ. އެހެންނަމަވެސް، އެއީ މުޅީން ކުށްހީއެއްކަން މިހާރު އޭނާއަށް ވިސްނެއެވެ. ހުރިހާ ވެސް މައްސަލައަކީ ހުޅަނގުން އަހަރެމެން މުސްލިމުންގެ ސިކުނޑިތަކަށް ވައްދާފައިވާ ވާހަކަ ތަކެވެ. ބޭނުން ހުރިހާ ގޮތަކަށް އުޅުމުގެ ހައްޤު އެމީހުންނަށް އޮވެއެވެ. އެ މިނިވަންކަން ވެސް އޮވެއެވެ. އެއީ އިންސާނަކަށްވީތީ ލިބެން ޖެހޭ އިންސާނީ ހައްޤެއްކަމަށް އެމީހުން ޤަބޫލުވެސް ކުރެޔޯލައެވެ. އެހެންނަވެސް، މުސްލިމު އަންހެނަކު ނިޤާބު އަޅާ ނިވާވެއްޖެނަމަ އެއާ ދިމާ އިދިކޮޅަށް ވާހަކަ ދައްކާއިރު ކުރިން ބުނި މިނިވަންކަން ވަނީ ކޮންތާކަށް ކަމެއް ވެސް ނޭނގެއެވެ. ދެރައީ މުސްލިމުންގެ ތެރޭގައިވެސް ހުޅަނގުގެ އެފަދަ ޤަބޫލުކުރުންތަކަށް ޖާގަދެވިފައިވާތީއެވެ. އެފަދަ ވިސްނުންތަކުގައި އިން ޒަމީރަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"މޫނު އެޅުމަކީ ކިޔެވުމާ ވަޒީފާ އަދާކުރުމަށް އޮތް ހުރަހެއްކަމަކަށް ބައްޕަ ޤަބޫލެއް ނުކުރަން…. މީގެ ކުރިން ތީ ބައްޕަވެސް ގެންގުޅުނު ވިސްނުމެއް. އެކަމަކު މިހާރަކު ނޫން." ޒައުލްއަށް ބަލަން އިނދެފައި ޒަމީރު އިތުރުކޮށްލިއެވެ.

ޒަމީރުގެ ވާހަކައާ ޒައުލް އެއްބަސް ނުވިނަމަވެސް، އޭނާ އިތުރު އެއްޗެއް ނުބުނީ ބައްޕަގެ ވިސްނުން ގޮސްފައިވާ މިންވަރު އޭނާއަށް ފެނުމުންނެވެ. ބައްޕަގެ އެ ވިސްނުންވެސް އެ ދަނީ ހައްދުފަހަނަ އަޅާ ދިމާލަށޭ ޒައުލްގެ ހިތަށް އެރިއެވެ.

*****

ހައިޝަމް އޮފީސް ނިންމާލާފައި ގެއަށް ގޮސް ވަތްއިރު ޙަޔާ އިނީ ސޯފާގައެވެ. ތައްޔާރުވެގެން އިނީ ބޭރަށް ދާންވެގެންނެވެ.

"މިއަންނަނީ ފެންވަރާލައިގެން އިނގޭ. އެހާ ލަހެއް ނުވާނެ." ހައިޝަމް އެހެން ބުނެލާފައި، ޙަޔާއަށް ބަލައިލުމާއެކު ޙަޔާ ބޯ ޖަހައިލިއެވެ. އޭނާ އިނީ ޑޮކްޓަރަށް ދައްކަން ދާން ތައްޔާރުވެގެންނެވެ. އެޕޮއިންޓްމެންޓު ލިބުނީ ހަވީރު ފަހެއް ޖަހާއިރަށެވެ.

ހައިޝަމް ތައްޔާރުވެލައިގެން ނުކުތުމާއެކު، ޙަޔާ ދާންވެގެން ތެދުވިއެވެ. އެއާއެކު ބަނޑަށް ފާޑަކަށް ތަދެއް އެރުމާއެކު އޭނާއަށް އެ ދިމާލުގައި އަތް ޖައްސައިލެވުނެވެ.

"ކިހިނެއްވީ؟" ކަންބޮޑުވި ހައިޝަމް އެ އައި ގޮތަށް އައިސް ޙަޔާގެ ގާތުގައި ހުއްޓުނެވެ.

"ފާޑަކަށް ތަދެއް އެރީ. މިހާރު އޯކޭ." ދެތިން ނޭވާ ނިކަން ފުންކޮން ދޫކޮށްލާފައި ޙަޔާ ބުނެލިއެވެ.

"މިއަދު ގޭގައި މާ ބުރަކޮށް މަސައްކަތްކުރީ ދޯ ޙަޔާ." ހައިޝަމްއަށް ބުނެވުނެވެ. އޭނާ ހުރީ ހަމަ ހަޤީގަތުގައިވެސް ޙަޔާއާ މެދު ވަރަށް ކަންބޮޑުވެފައެވެ. ޙަޔާ މާ ބުރަކޮށް އުޅުނީއޭ ހިތާ ނުރުހުންވެސް ވެވުނީ އެހެންވެގެން ކަންނޭނގެއެވެ.

"ނޫން ދޮންބޭ…މާ ގިނަ މަސައްކަތެއް ނުކުރަން. " ޙަޔާ ޖަވާބު ދިނެވެ.

"ހިނގާ އަވަހަށް ދާން. މިހާރު އެޕޮއިންޓްމެންޓް ގަޑި ޖެހެނީ." ހައިޝަމް ބުންޏެވެ. ޙަޔާވެސް ގަޑިއަށް ބަލައިލަމުން ހައިޝަމްއާއެކު ހިނގައިގަތެވެ.

ގެއިން ނުކުމެގެން ގޮސް، ދެމީހުންވެސް ހުއްޓުނީ ފަހުގެ އެއާރބްލޭޑް ސައިކަލެއްގެ ކުރިމައްޗަށެވެ. ހައިޝަމް ސައިކަލަށް އަރާ އިށީނުމުން، ޙަޔާވެސް ސައިކަލަށް އަރާ އެއްފަރާތަކަށް ވާގޮތަށް އިށީނދެލިއެވެ.

"އޯކޭތަ؟" ހައިޝަމް ސުވާލުކޮށްލިއެވެ. ޙަޔާއަށް ރަނގަޅަށް ސައިކަލު މައްޗަށް އެރުނުތޯ އޭނާ ޔަޤީންކޮށްލަން ބޭނުންވީއެވެ.

"އާނ. އޯކޭ. ހިނގާ ދާން." ޙަޔާ ބުނެލިއެވެ. އެއާއެކު ހައިޝަމްވެސް ލަސްނުކޮށް ސައިކަލު ދުއްވައިލިއެވެ.

ހޮސްޕިޓަލަށް ދިޔަތާ މާ ގިނަ އިރެއް ނުވެ ނަންބަރު ޖެހިއްޖެއެވެ. ޙަޔާއާއެކު، ހައިޝަމްވެސް އެތެރެއަށް ވަނެވެ.

ޑޮކްޓަރަކަށް އިނީ ދިވެހި ފިރިހެނެކެވެ. އުމުރުން ތިރީސް އަހަރުގެ ހައިދަރަކީ ކެންސަރުގެ ޚާއްސަ ޑޮކްޓަރެކެވެ. އޭނާ ލަފާ ދިނީ ވީހާވެސް އަވަހަކަށް ފަރުވާ ފެށުމަށެވެ. އަދި ފަރުވާ ލަސްވާ ކޮންމެ ދުވަހަކީވެސް، ކެންސަރު ހަށިގަނޑަށް ފެތުރުމަށް ދެވޭ ފުރުސަތެއް ކަމުގައެވެ.

"ކަންބޮޑުނުވޭ. އިރާދުކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ." ފަރުވާ ފެށުމަށްޓަކާ އަދި އިތުރު ބައެއް ޓެސްޓުތަކާއި އެމްއާރްއައި އެއް ހެދުމަށްފަހު އައުމަށް ޑޮކްޓަރު އެދުނެވެ.

ޑޮކްޓަރު ކޮޓަރިން ނުކުތުމާއެކު ހައިޝަމް ޙަޔާއަށް ގޮވައިލީ ހަޔާގެ ލޮލުން ކަރުނައިގެ އަސަރު އޭނާ ދުށީތީއެވެ.

"ޙަޔާ! އިރާދުކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ." ހައިޝަމްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ޙަޔާއަށް ހިތްވަރު ދިނުމުގެ ގޮތުން އެވަގުތު ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ.

"އިންޝާ ﷲ، ދޮންބޭ." އެހެން ބުނެލި ޙަޔާގެ ހަނދާނަށް އައީ ބަޤަރާ ސޫރަތުގެ 286 ވަނަ އާޔަތުގެ މާނައެވެ. ﷲ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަަކަށް މެނުވީ ތަކުލީފެއް ނުޖައްސަވާކަމުގައި ވަޙީކުރައްވާފައިވާ އާޔަތެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، މާޔޫސްވި ހިތަށް އެ އާޔަތުގެ މާނަ ހިތަށް އެރުމުން ދިރުމެއް ލިބިގެން ދިޔައެވެ. މިއީވެސް އޭނާއަށް ކުރިމަތި ކުރެއްވި ވަރުގަދަ އިމްތިޙާނެކެވެ. ވީއިރު މި އިމްތިޙާނާ އޭނާ ކުރިމަތިލާން ޖެހޭނީ ކެތްތެރިކަމާއެކުގައެވެ. އޭނާއަށް އޮތް ގޮތަކީ ގިނަގިނައިން ދުޢާކޮށް ކެތްތެރިކަމާއެކު ފަރުވާ ކުރިއަށް ގެންދިޔުމަށެވެ. ﷲ ސުބުޙާނަކީ ވަތަޢާލާ އެކަލާނގެ ވަޢުދުފުޅާ އެއްގޮތަށް ކެތްތެރީންނަށް ދަރުމަޔާއި އޭގެ އަޖުޒު ދެއްވާނެއެވެ. މިފަދަ ކޮންމެ ހިތާމަވެރިދަނޑިވަޅަކީ ، ﷲ ސުބުޙާނަހޫ ވަތަޢާލާ އާ ތިމާއާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް ލިބޭ ފުރުސަތެކެވެ. ކެތްތެރިވެ އެކަލާނގެ ހަޟްރަތަށް ގިނަގިނައިން ދުޢާކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. އެހެންކަމުން ޙަޔާ ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާލާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ އިމްތިޙާނަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ﷲ ގެ މިންވަރު ފުޅާ އޭނާ ރުހި ޤަބޫލުވާނެއެވެ.

ހައިޝަމްގެ ކަންބޮޑުވުންތައްވެސް ޙަޔާ ދުރުކޮށްދިނީ އެ ވާހަކަތައް ހައިޝަމްއަށް ހަނދާންކޮށްދެމުންނެވެ. ދުނިޔެއާ މެދު ކޮއްކޮ އެ ގެންގުޅޭ ނަޒަރިއްޔާތާއި އެ ޙާލަތާ މެދު ކޮއްކޮގެ ހިތުގައިވާ އިޙްސާސްތައް އެނގުމުން، ހައިޝަމް އުފާވިއެވެ. މަންމަމެން މިއަދު ދުނިޔޭގައި ތިބި ނަމަވެސް، އެމީހުންވެސް ޙަޔާއާ މެދު އިންތިހާއަށް ފަޚުރުވެރިވާނެކަން ހައިޝަމްއަށް ޔަޤީންކުރެވުނެވެ. މަންމަމެންގެ މަތީން ހަނދާންވުމާއެކު އޭނާ އެ ދެމީހުންނަށް ރަޙްމަތްލެއްވުން އެދި ދުޢާކުރިއެވެ. އެ ދެމީހުން މި ދުނިޔެ ދޫކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީވީކަމުގައި ވީނަމަވެސް، އަދިވެސް ހައިޝަމް އަދި ޙަޔާގެ ހިތުންވެސް އެ ދެމީހުންގެ ހަނދާންތަކެއް ފަނޑެއް ނުވެއެވެ. މައިންބަފައިންނަށްޓަކައި ކޮންމެ ދުވަހަކު އެ ދެމީހުން ހެޔޮ ދުޢާކުރެއެވެ.

"އަހަރެން މިތާގައި އިށީނދެލައިގެން މަޑުކޮށްލިޔަސް އޯކޭތަ؟" ކުޑަކޮށް ވަރުބަލިކަން އިޙްސާސްކުރެވޭތީ ހައިޝަމްއާއެކު އެމްއާރުއައި ހެދުމަށް އެޕޮއިންޓްމެންޓް ނަގަން ނުދާންވެގެން ޙަޔާ ބުނެލިއެވެ.

"އޯކޭ. މި އަންނަނީ ގޮސްލާފައި." އެމްއާރުއައި ކައުންޓަރ ހުންނަނީ ތަންކޮޅެއް ދުރުގައިކަމުން ޙަޔާ ގެންދަން، ހައިޝަމްވެސް އެހާ ވަރަކުން ނޫޅުނެވެ. ހައިޝަމް ދިޔުމުން ޙަޔާ އެތަނުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި، އިށީނދެ މަޑުކޮށްލިއެވެ.

އޭގެ އިރުކޮޅެއްފަހުން، އެހެން މީހަކުވެސް އައިސް އެ ގޮނޑިބަރީގައި އިށީނދެލިއެވެ. ޙަޔާއަށްވެސް އެ ދިމާލަށް ބަލައިލެވުމާއެކު އެއީ ޒަމީރުކަމުން އޭނާއަށް ގޮވައިލެވުނެވެ.

"އައްސަލާމު ޢަލައިކުމް. " ޙަޔާ ޒަމީރުގެ ސަމާލުކަން ހޯދައިލިއެވެ. އޭނާ ގޮވައިލުމާއެކު ޒަމީރަށްވެސް އެއީ ޙަޔާކަން ދެނެގަނެވިއްޖެއެވެެ.

"ވަޢަލައިކުމުއްސަލާމް. ޙަޔާ… މިގަޑީގަ؟" ޒަމީރު ކުޑަކޮށް ހައިރާންވިއެވެ.

"ޑޮކްޓަރަށް ދައްކާލަންވެގެން އައީ. ސާރ. ދޫކޮށްލީތޯ؟" ޙަޔާ އަދަބުވެރިކަމާއެކު ސުވާލުކޮށްލިއެވެ.

"އާނ. ދެންމެ. ޒައުލް ބޭސް ނަގަން ދިޔައިމަ މި މަޑުކޮށްލީ." ޒަމީރު ބުނެލިއެވެ. "މިހާރު ދެއްކިއްޖެތަ؟"

ޙަޔާ ކުރިން ބުނެލި ވާހަކައަށް ޒަމީރު ސުވާލެއް ކޮށްލިއެވެ.

"ލައްބަ." ޙަޔާ ޖަވާބު ދިނެވެ.

"އެކަނިތަ އައީ؟" ޒަމީރު އަނެއްކާވެސް ސުވާލުކޮށްލީ ވަށައިގެން ބަލައިލަމުންނެވެ. ހައިޝަމް ފެނޭތޯއެވެ.

"ނޫން. ދޮންބެއާ އެކީ. އެމްއާރްއައި ކައުންޓަރ ދޮށަށް ގޮސްވީ. " ޙަޔާ ބުނެލިއެވެ. އެހެން ބުނުމުން ޒަމީރަށް ބުމަ އަރުވައިލެވުނީ ގަސްތަކު ނޫނެވެ. އެކަމަކު އެމްއާރުއައިގެ ވާހަކަ ބުނުމުން އެގޮތަށް އަމަލުކުރެވުނީއެވެ. އޭނާގެ ހިތަށް ވީ ގޮތެއްގެ ސަބަބުންނެވެ. ޙަޔާއަށް ބޮޑުކަމެއް ވީއޭ އޭނާގެ ހިތް ބުނެލީތީއާވެސް އެކުގައެވެ. ސުވާލުުކުރަންވީބާއޭ ނުވަތަ ނޫންބާއޭ ހިތަށް އަރާފައި އިރުކޮޅަކު ޒަމީރު މަޑުކޮށްލިއެވެ. ޙަޔާއާ އެ ސުވާލުކުރުމަށްވުރެ ހައިޝަމްއާ ކުރުން ރަނގަޅުވާނެކަމަށް ނިންމާފައި ޒަމީރު އެންމެފަހުން މަޑުކޮށްލީއެވެ.

"ބައްޕާ. ހިނގާ ދާން." އެ ދެމީހުން ސިހުނީ ޒައުލްގެ އަޑަށެވެ. ބަލައިލިއިރު ޒައުލް ހުރީ ފަހަތުގައެވެ.

"ހުރިހާ ބޭހެއް ލިބުނު ދޯ." ޒަމީރު ސުވާލުކޮށްލުމުން ޒައުލް ބޯ ޖަހައިލިއެވެ.

" ދަނީ އިނގޭ… އިންޝާ ﷲ. ހުރިހާކަމެއް ވެސް ރަނގަޅުވާނެ." ޒަމީރު ބުނެލިއެވެ.

"ލައްބަ ސާރ. ﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ." ޙަޔާ ބުނެލިއެވެ. ޒައުލްއަށް އެއީ ޙަޔާކަން އެނގުނީވެސް އެހާ ހިސާބުންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މުޅި ހަށިގަނޑު ފޮރުވައިގެން އުޅެންޏާ ވަކިކުރަން އެނގޭނެ ހެއްޔެވެ؟

ޙަޔާގެ ވާހަކަތަކުން ޒަމީރަށް ޔަޤީންވީ ހަމަ ހަޤީޤަތުގައިވެސް ހަޔާ ބަލިކަމެވެ. އެހެންނަމަވެސް، ޙަޔާގެ އަޑުން އޭނާއަށް އުންމީދުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. ﷲ އާ ހުރިހާކަމެއް ވަކީލުކޮށް އެކަލާނގެ ކޮންމެ ނިންމެވުމަކާ ޙަޔާ ހުރީ ރުހިގެންކަންވެސް ޒަމީރަށް އިޙްސާސްވީ ޙަޔާގެ ވާހަކަތައް ހުރި ގޮތުންނެވެ. އަދި ވިސްނަމުން ދިޔަ ނަޒަރުގެ ސަބަބުންނެވެ.

ޒަމީރާއެކު ހިނގައިގަންނަމުން ޒައުލް އަދިވެސް އެއްފަހަރު ޙަޔާއަށް ބަލައިލިއެވެ. ކިތަންމެ ވަރަކަށް ޙަޔާއާ ދިމާލަށް އެއްޗެހި ކިޔުނު ނަމަވެސް، އެ ކުއްޖާ ފެނުމުން ކޮންމެވެސް ކަހަލަ ޝަޢުޤުވެރިކަމެއް ހަމަ އުފެދެނީއެވެ. އޭރުވެސް ޙަޔާ އިނީ އިސްޖަހާލައިގެންނެވެ. އިސްއުފުލައިލާ އޭނާއަށް އެންމެ ނަޒަރެއްވެސް ނުދިނެވެ.

(ނުނިމޭ)