އައިލެންޑް ޓީވީގެ ނަމުގައި އޮންލައިންކޮށް ބެލޭނެ ޓީވީ ޗެނަލެއް އެމްޑީޕީން ތައާރަފްކޮށްފި އެވެ.

އެޗެނަލް ރަސްމީކޮށް ލޯންޗް ކޮށްފައި ވަނީ ރޭ އުސްފަސްގަނޑުގައި އެޕާޓީން ބޭއްވި އެއްވުމެއްގަ އެވެ.

އެމްޑީޕީން ބުނީ ހަމައެކަނި އޮންލައިން މެދުވެރިކޮށް ބެލޭ އެ ޗެނަލް އުފެއްދީ އެ ޕާޓީގެ ޚަބަރުތަކާއި ހަރަކާތްތައް މުޅި ދުނިޔެއަށް ފޮނުވުމަށްޓަކައި ކަމަށެވެ.

އެމްޑީޕީން ބުނީ އެ ޗެނަލް މެދުވެރިކޮށް "ސީދާ ކުއްލި ހަރަކާތު" ގެ ނަމުގައި އެޕާޓީން ކުރާ މުޒާހަރާތައް ވެސް ލައިވްކޮށް ފެންނާނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި އެމްޑީޕީން ހިންގާ ހަރަކާތްތަކުގެ ޚަބަރާއި މައުލޫމާތު ވެސް އެ ޓީވީ މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ރާއްޖޭގެ ކޮންމެ ރަށަކުން އެ ޗެނަލް ފެންނަގޮތަށް ހެދުމަށްޓަކައި އެ ޕާޓީގެ ކޮންމެ ހަރުގެއަކުން އެ ޗެނަލް ފެންނާނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މިހާރު މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިއީ މިހާތަނަށް ހަމައެކަނި އޮންލައިން މެދުވެރިކޮށް ބެލޭގޮތަށް ރާއްޖޭގައި އުފެއްދި ފުރަތަމަ ޓީވީ ޗެނަލް އެވެ.