ޔުއޭފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގައި އެފްސީ ބާސެލޯނާ އާއި ބެންފީކާ ބައްދަލުކުރި ފުރަތަމަ ލެގު ކާމިޔާބުކޮށް ބާސާއިން ބެންފީކާގެ މައްޗަށް ލީޑު ނަގައިފިއެވެ.

ބެންފީކާގެ ދަނޑުގައި ކުޅުނު މިމެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. މިދެޓީމުވަނީ މިމުބާރާތުގެ ލީގު ފޭސްގައިވެސް މިދަނޑުގައި ބައްދަލުކޮށްފައެވެ. ގިނަ ލަނޑު ތަކެއް ފެނިގެންދިޔަ އެމެޗު ފަސް ލަނޑު ހަތަރު ލަނޑުން ކާމިޔާބު ކޮށްފައިވަނީ ބާސާއިންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުންވެސް ހަމަލާއަށް އިސްކަން ދީގެން ކުޅުނު ތަން ފެނިގެންދިޔައެވެ. މިއާއެކު މިމެޗުގައިވެސް ގިނަ ލަނޑުތަކެއް ފެނިގެން ހިނގައިދާނެކަމަށް ބެލެވިގެންދިޔައެވެ.

ނަމަވެސް މެޗުގެ ކުރީކޮޅު ފެނިގެންދިޔަ ހަމަލާ ތަކާއެކު ދެން ފެނިގެންދިޔައީ މެޗުގެ 22ވަނަ މިނެޓުގައި ބާސާގެ ޒުވާން ކުޅުންތެރިޔާ ޕައު ކުބާސީއަށް ރަތް ކާޑު ދެއްކިގެން ދިޔަ ތަނެވެ. އޭނާއަށް މިކާޑު ދައްކާފައިވަނީ އެންމެ ފަހު ކުޅުންތެރިޔާއަށް ވެ ހުރެ ބެންފީކާގެ ފޯވަޑް ވެންޖެލިސް ޕަވްލީޑިސްއަށް ލަނޑު ޖެހުމަށް ލިބިގެންދިޔަ ފުރުސަތެއްގައި ކުޅުންތެރިޔާއަށް ފައުލް ކުރުމުންނެވެ. އެހެން ކަމުން މެޗުގެ ބޮޑުބައި ބާސާއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އެންމެ ފަހު މެޗުގައި ޕަވްލީޑިސް ހެޓްރިކް ހެދި ނަމަވެސް މިމެޗުގައި ލަނޑު ޖަހާނެ ފުރުސަތު ލިބުމާއެކުވެސް އޭނާއަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިއާއެކު މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މިމެޗުގެ ދެވަނަ ހާފުގައި ބާސާ ފެނިގެންދިޔައީ ބޮޑަށް ޑިފެންސަށް އިސްކަންދީގެން ކުޅުނު ތަނެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ މާގިނައިރު ތަކެއް ނުވެ ޕަވްލީޑިސްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އެފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މިމެޗުގައި ބާސާއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 61ވަނަ މިނެޓުގައި ބެންފީކާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ކާމިޔާބު ކޮށްފައިވަނީ ރަފީނިއާއެވެ. މިއީ އޭނާ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ބާސާއަށް ކާމިޔާބު ކޮށްދިން 9ވަނަ ލަނޑެވެ. އަދި ސީޒަނަށް ބަލާއިރު ކާމިޔާބުކުރި 25ވަނަ ލަނޑެވެ. މިދެޓީމު ލީގު ފޭސްގައި ބައްދަލު ކުރި މެޗުގައިވެސް ބާސާ މޮޅުވި ލަނޑު އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ރަފީނިއާއެވެ.

މި ކާމިޔާބީއާއެކު މިއަންނަ ހަފުތާގައި ބާސާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ނިކުންނައިރު ބާސާއިން މިވަނީ މުހިންމު ލީޑެއް ލިބިފައެވެ. އަދި ބެންފީކާއަށް މިވަނީ އެއް ކުޅުންތެރިއެއް އިތުރަށް ހުރުމާއެކުވެސް އެކަމުގެ ފައިދާ ނެގޭގޮތް ނުވެފައެވެ.