06 Mar 2025, 10:41
ޔުއޭފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގައި އިންޓާ މިލާން އާއި ފެޔެނޯޑް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް އިންޓާއިން ކުއާޓާ ފައިނަލަށް ކުރާ އުންމީދު އާކޮށްފިއެވެ.
ފެޔެނޯޑްގެ ދަނޑުގައި ކުޅުނު މިމެޗު އިންޓާއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ.
މިމެޗުގައި އިންޓާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 38ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މާކަސް ތުރާމްއެވެ. މިއީ އޭނާ މިސީޒަންގައި އިންޓާއަށް ކާމިޔާބު ކޮށްދިން 15ވަނަ ލަނޑެވެ. މިހާފުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު އިންޓާއަށް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ.
މިމެޗުގައި އިންޓާގެ ލީޑު އިތުރަށް ފުޅާކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސް މިނެޓް ފަހުން ޕިއޮޓްރޭ ޒިއެލިންސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކެޕްޓަން ލައުޓާރޯ މާޓިނޭޒްއެެވެ. މިއީ އޭނާ ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކާމިޔާބު ކުރި 18ވަނަ ލަނޑެވެ.
މިލަނޑާއެކު އޭނާ މިވަނީ އިންޓާގެ ތާރީހްގައި ޔޫރަޕިއަން ކަޕާއި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. މި ރިކޯޑު މިހާތަނަށް އޮތީ ކްލަބްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ސަންދްރޯ މަޒޮލާ އަތުގައެވެ. މިމެޗުގައި އިންޓާއަށްވަނީ ތިންވަނަ ލަނޑެއް ޖެހުމަށްވެސް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އިންޓާއަށް ލިބިގެންދިޔަ ޕެނަލްޓީ ފެޔެނޯޑްގެ ކީޕާ ޓިމޮން ވެލެންރެއުތާ ވަނީ ދިފާއުކޮށްފައެވެ.
މިމެޗުގައި ފެޔެނޯޑްއިން ލަނޑެއް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އެޓީމަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އެޓީމުން ލަނޑެއް ޖެހުމާ އެންމެ ގާތަށް ގޮސްފައި ވަނީވެސް ޔާކޫބް މޮޑާއެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އިންޓާގެ ގޯލްގެ ހުރަސް ދަނޑިއަށެވެ.
މިކާމިޔާބީއާއެކު އިންޓާއިން މިވަނީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ފަރުޖައްސާފައެވެ. އަދި މިއަންނަ ހަފުތާގައި ކުޅޭ ދެވަނަ ލެގުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ފަރުޖައްސާލައިފިނަމަ އެވެގެންދާނީ ޗެމްޕިއަންސް ލީގުގައި އިންޓާއިން ބައިކޮޅަށް ލަނޑެއް ވަނަ ނުދީ އެންމެ ގިނަ މެޗު ފުރިހަމަ ކުރި ސީޒަނަށެވެ.