ސައުތު ސިނަމާގެ އެންމެ މަގުބޫލު އަދި ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ ނަޔަންތާރާއަށް 'ލޭޑީ ސުޕަސްޓާ'ގެ ނަމުން މުޚާތަބުނުކުރަން ސަޕޯޓަރުންގެ ގާތުން އެދެފިއެވެ.

ނަޔަންތާރާ ސަޕޯޓަރުންގެ ގާތު މިގޮތަށް އެދިފައިވަނީ އިންޑިއާގެ ޓެމިލްނާޑޫއަށް ނިސްބަތްވާ ނަޔަންތާރާގެ ވަރަށް ގިނަ ސަޕޯޓަރުންތަކެއް ބަތަލާއަށް 'ލޭޑި ސުޕަސްޓާ'ގެ ނަމުން މުޚާތަބުކުރަން ފެށުމާ ގުޅިގެންނެވެ.

މިދިޔަ އަންގާރަ ދުވަހު މިކަމާ ގުޅިގެން ނަޔަންތާރާގެ އެކްސް އެކައުންޓުގައި ވަނީ ސްޓޭޓްމަންޓެއް ނެރެފައެވެ. މި ސްޓޭޓްމަންޓްގައި ބަތަލާ ވަނީ، އޯޑިއަންސްގެ ފަރާތުން މިހާތަނަށް ނަޔަންތާރާއަށް ލިބެމުން އަންނަ ލޯތްބާއި ތަރުހީބަށް ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.

ނަޔަންތާރާ ބޮލީވުޑަށް ތައާރަފްވި ފިލްމު "ޖަވާން"ގެ މަންޒަރެއްގައި ފިލްމު ލީޑް އެކްޓަރު ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ

ނަމަވެސް، 'ލޭޑީ ސުޕަސްޓާ' ފަދަ ހައިބަތު ހުރި ލަގަބަކާ އެކު އޯޑިއަންސާ ދެމެދު އޮންނަ ގުޅުމުގައި ވަކި އިމެއް ގާއިމުކުރެވި ބަތަލާގެ އުފެއްދުންތެރި ކަމަށް ވެސް އޭގެއިން އަސަރުކޮށްފާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް "ޖަވާން"ގެ ބަތަލާ ވަނީ ބުނެފައެވެ.

ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ތެރޭ ހިމެނޭ ނަޔަންތާރާ ބުނެފައިވަނީ 'ލޭޑީ ސުޕަސްޓާ'ގެ ތާޖު ސަޕޯޓަރުން ދިނުމާ މެދު ދެކޮޅުވެރިނުވާ ކަމަށާއި އެއީ ވަރަށް ބަރު ބުރަހެލި ތާޖެއް ބޮލުގައި އެޅުވުމުގެ އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ.

އެހެންކަމުން އެހާ ބޮޑު ޒިންމާއެއް ކޮނޑުގައި އަޅައިގެން ފިލްމީ ދާއިރާއިން ކުރިއަށްދާން ބޭނުންނުވާ ކަމަށް ނަޔަންތާރާ ވަނީ ބުނެފައެވެ. ބަތަލާއަށް 'ނަޔަންތާރާ'ގެ ނަމުން މުޚާތަބު ކުރުމަށާއި އެ ނަމަކީ ބަތަލާގެ ހިތާއި ވަރަށް ބޮޑަށް ގުޅިފައިވާ ނަމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެ ނަމަކީ ބަތަލާގެ ވުޖޫދު ސިފަކޮށްދޭ ނަމެއް ކަމަށާއި މިހާތަނަށް ފިލްމީތަރިއެއްގެ ހައިސިއްޔަތުން ހޯދި ހުރިހާ ކާމިޔާބީއެއް ހޯދި ނަޔަންތާރާގެ ނަން ބޭނުންކޮށްގެން ކަމަށް ވެސް ބަތަލާ ނެރުނު ސްޓޭޓްމަންޓްގައި ވަނީ ބުނެފައެވެ.

ނަޔަންތާރާ އަބަދު ވެސް އާއްމުންނަށް އެނގެން ބޭނުންވަނީ 'ނަޔަންތާރާ'ގެ ނަމުގައި ކަމަށާއި އެކަން ބެލުންތެރިންނާއި ސަޕޯޓަރުން ހެޔޮހިތުން ބަލައިގަތުމަށް ބަތަލާ ވަނީ އެދިފައެވެ.

ނަޔަންތާރާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ނެޓްފްލިކްސްއިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ޓެސްޓް"ގައެވެ. ބަތަލާ އަންނަނީ ސައުތު ސިނަމާގެ ހަތް ފިލްމެއްގައި މި އަހަރު މަސައްކަތް ކުރަމުންނެވެ.