06 Mar 2025, 09:31
މި ފަހުން މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނު ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ތަމަންނާ ބާޓިއާއާއި ވިޖޭ ވަރުމާ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ވަކިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ތިން އަހަރު ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދެ ތަރިން ވަކިވެފައިވަނީ މި ގުޅުން ކައިވެންޏާ ހަމައަށް ގެންދަން ނިންމާފައިވަނިކޮށް ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ވަނީ ބުނެފައެވެ.
ވިޖޭއާއި ތަމަންނާގެ ގާތް މީހަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ, ދެ ތަރިންގެ ލޯބީގެ ގުޅުމަށް ނިމުމެއް އައި ނަމަވެސް ދެ މީހުންގެ ވަކިވުމުގެ ނިންމުމަށް އެކަކު އަނެކަކު އިހުތިރާމުކުރާނެ ކަމަށާއި ރަހުމަތްތެރިކަމުގެ ގުޅުން ދެ ތަރިންގެ މެދުގައި ވެސް އޮންނާނެ ކަމަށެވެ.

ތަމަންނާ އާއި ވިޖޭ އެކީގައި މަސައްކަތްކުރި ފިލްމު "ލަސްޓް ސްޓޯރީސް 2"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
ފިލްމު "ބާހޫބަލީ"ގެ ރޯލަކުން ވެސް ފެނިފައިވާ ބަތަލާ ތަމަންނާއާއި ވިޖޭގެ ލޯބީގެ ގުޅުން ރަސްމީކޮށްފައިވަނީ 2023ގައި ދެ ތަރިން އެކީގައި މަސައްކަތްކުރި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީ 2" ރިލީޒްކުރި ދުވަސްވަރެވެ.
މި ފިލްމު ރިލީޒްކުރުމުގެ ހަފުތާއެއްހާ ދުވަސްކުރިން އިންޑިއާގެ ގޯއާގައި އޮތް ޕާޓީއެއްގައި ތަމަންނާއާއި ވިޖޭ ގައިގޯޅިކޮށް އުޅުނު މަންޒަރު މީޑިއާއަށް ފެނި ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަށް ވަރަށް ގަދައަށް އޭރު ވަނީ ދެކެވިފައެވެ.
މީގެ ކުރިން މީޑިއާއަށް ދީފައިވާ އިންޓަވިއުތަކުގައި އެކަކު އަނެކަކަށް ދެ ތަރިން ވެސް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކާފައިވާއިރު ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނައީ ކޮން ސަބަބަކާ ހެދިކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ތަމަންނާއާއި ވިޖޭގެ ފަރާތުން ވެސް ރަސްމީކޮށް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ބޮލީވުޑްގެ ފިލްމުތަކުން މަދުން ނަމަވެސް ފެންނަ ބަތަލާ ތަމަންނާއަކީ ސައުތު ސިނަމާގެ އެންމެ މަޝްހޫރު އެއް ފިލްމީ ތަރިއެވެ.
ބޮލީވުޑް ފިލްމު "އިސްތިރީ 2"ގައި ތަމަންނާ ކުޅެފައިވާ ލަވަ 'އާޖުކީ ރާތު' އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ލަވައެކެވެ.