18 Jul 2012, 09:33
ކާބުލް (ޖުލައި 18): އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އޮސްޓްރޭލިޔާ ސިފައިން އެޤައުމުން ބޭލުމުގެ މަސައްކަތް ފަށައިފި އެވެ.
މިކަން ހާމަކުރައްވަމުން އޮސްޓްރޭލިޔާގެ ބޮޑުވަޒީރާ ޖޫލިޔާ ގިލާޑް ވިދާޅުވީ އޮސްޓްރޭލިޔާ ސިފައިން އަފްޣާނިސްތާނުން ބާލަނީ އަފްޣާނިސްތާނުގެ އަމްނު ބެލެހެއްޓޭ މިންވަރަށް އެ ޤައުމުގެ ސަލާމަތީ ބާރުތައް އަހުލުވެރިވަމުންދާތީ ކަމުގަ އެވެ. އެމެރިކާ ސިފައިންނަށް އެހީތެރިވުމުގެ ގޮތުން އަފްޣާން ހަނގުރާމައިގާ ބައިވެރިވި އޮސްޓްރޭލިޔާ ސިފައިން މަރުކަޒުކޮށްފައި ވަނީ އަފްޣާނިސްތާނުގެ ދެކުނުގެ އުރުޒްޣާން ސަރަޙައްދުގަ އެވެ.
މިސަރަޙައްދުގައި އޮސްޓްރޭލިޔާ ސިފައިން ކުރަމުން ގެންދިޔަ މަސައްކަތްތައް އަފްޣާން ސިފައިންނާ ޙަވާލުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައި ވަނީ މިކަމަށްޓަކައި އެ ސަރަޙައްދުގައި ބޭއްވި ޙަފްލާއަކަށް ފަހު އެވެ. މިޙަފްލާގައި ކާބުލްގައި ހުންނަވާ އޮސްޓްރޭލިޔާގެ ސަފީރާ ޓެރިން ކޯޓް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އުރުޒްޣާން ސަރަޙައްދުގައި އޮސްޓްރޭލިޔާ ސިފައިން ކުރަމުން ގެންދިޔަ މަސައްކަތްތައް އަފްޣާން ސިފައިންނާ ޙަވާލުކުރުމަށާއި އޮސްޓްރޭލިޔާ ސިފައިން އަނބުރައި ޤައުމަށް ދިޔުމަށާއި ހަތިޔާރާއި އެމީހުން ގެންގުޅުނު އެނޫންތަކެތި ވެސް އަފްޣާނިސްތާނުން ގެންދިޔުމަށް 12 މަހާއި 18 މަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ޓެރިން ވިދާޅުވި އެވެ. އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އޮސްޓްރޭލިޔާ ސިފައިންގެ ޢަދަދަކީ ގާތްގަނޑަކަށް 1500 މީހުންނެވެ.
ދެހާސް އެއް ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނާ ދެކޮޅަށް ފެށި ހަނގުރާމައިގާ ބައިވެރިވުމަށްޓަކައި އޮސްޓްރޭލިޔާ ސިފައިން އަފްޣާނިސްތާނަށް ފޮނުވީ ހަމަ އެއަހަރު އެވެ. އޮސްޓްރޭލިޔާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ މަސައްކަތް ފަށާނީ 2013 ވަނަ އަހަރުގައި ކަމަށް އެޤައުމުން ކުރީން ޢިޢްލާންކުރި ނަމަވެސް ފަހުންވަނީ މިނިންމުން ބަދަލުކޮށްފަ އެވެ. (ރޮއިޓާސް)