ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ކޮއްކޯފުޅު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ހުކުމެއް ނުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޯޓަކުން ކުރާ ހުކުމެއް އެމްޑީޕީން ބަލައި ނުގަންނާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އުސްފަސްގަނޑުގައި އެމްޑީޕީން ރޭ ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ނަޝީދަށް 2008 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓުކަން ލިބުމުން އެދުވަސް ވަރުވެސް އެމަނިކުފާނުގެ މައްސަލަތް ކޯޓަށް ވައްދައިގެން އިންތިޚާބުގައި ވާދަ ނުކުރެވޭގޮތް ހެެދުމަށް އެޕާޓީއާ ދެކޮޅު ފަރާތްތަކުން މަސައްކަތް ކުރިކަމަށެވެ. މިފަހަރުވެސް އެމަނިކުފާނުގެ މައްސަލަ ކޯޓަށް ވައްދާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެމަނިކުފާނު ވެވަޑައިގަތުމުން ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުވާލުމަށްޓަކައި ކަމަށެވެ.

"އަޅުގަނޑުމެންގެ މި ޕާޓީގެ ފަރާތުން ރިޔާސީ ކެނޑިޑޭޓަކަށް [ނަޝީދަށް އިޝާރާތް ކުރައްވާ] މަނިކުފާނު އެންމެ ފުރަތަމަ 2008 ވަނަ އަހަރު އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އިންތިޚާބު ވުމާއި ގުޅިގެން ވެސް ހަމަ މިހާރު މިއޮތް ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތި ކުރުވިއޭ. ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް މަނިކުފާނު ހޮވި ވަޑައިގެންފާނެތީވެ އަޅުގަނޑުމެންނާއި އިދިކޮޅު މީހުން އޭރުވެސް ދިމާކުރި މަނިކުފާނު ކޯޓަށް ގެންގޮސްގެން ކޯޓުން ކަމެއް ކުރަން. އެދުވަހުވެސް އަޅުގަނޑުމެން ތިބީ ސާބިތުކަމާއި އެކީގަ. މިއަދުވެސް މި ޕާޓީން ޔަގީންކަން މިދެނީ ހުކުމެއް ކުރަންޏާ ކުރަންޖެހޭނީ އަޅުގަނޑުމެންގެ ސާޅީސް ހާސް މެންބަރުންނަށް އެއްކޮށޭ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ހުކުމެއް ކުރައްވަންޏާ ކުރަން ޖެހޭނީ އެޕާޓީގެ ހުރިހާ މެންބަރުންގެ މައްޗަށް ކަމަށާއި ރައީސް މައުމޫނާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ނުކޮށް ރައީސް ނަޝީދުގެ މައްޗަށް ކުރާ ހުކުމެއް އެޕާޓީން ބަލައި ނުގަންނާނެ ކަމަށެވެ. އަދި އެވާހަކަ ގާޒީންނަށާއި ޕްރޮސެކިއުޓާ ޖެނެރަލަށް ދަންނަވާކަމަށް ވެސް ވިދާޅުވި އެވެ.

"ގާޒީންނަށް ވެސް ދަންނަވަން އޮތީ މިވާހަކަ ދައުވާ ކުރާ ފަރާތަށް [ޕްރޮސެކިއުޓާ ޖެނެރަލް އަށް] ވެސް ދަންނަވަން އޮތީ މިވާހަކަ. އަޅުގަނޑުމެންގެ ގައިގައި ތަޅާ ސުންނާފަތިކޮށް އަޅުގަނޑުމެން ފުނޑާލާފައި މިގައުމުގެ 30 އަހަރު ވެރިކަން ކުރި ބޮޑު މީހަކު ހުއްޓާ، އަޅުގަނޑުމެންނަށް މި އަނިޔާތައް ދިން މީހުން ބައިތިއްބާފަ އެހެން މީހަކު ކޯޓަށް ވައްދައިގެން ކުރާ ހުކުމެއް ބަލައިގަތުމެއް މިޕާޓީއަކުން ނޯންނާނެ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުމޫނާއި ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ 800 މިލިއަން ޑޮލަރުގެ މައްސަލަ ވެސް ބަލަންޖެހޭނެ ކަމަށާއި އެ މައްސަލަ ނުބެލޭނަމަ ރައްޔިތުންގެ މަޖިލީސް ވެސް އޮންނަން ނުޖެހޭނެ ކަމަށެވެ.

މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލަ އަލުން ބަލަން ފަށާނެ ކަމަށާއި އެ މައްސަލައިގައި ރައީސް މައުމޫން މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭ ކޯޓަށް ރައީސް ނަޝީދުގެ މައްސަލަ ހުށަހެޅުމުން ވެސް މޫސަ ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މާލޭގައި ވެސް އެ މައްސަލަ ބެލޭނެ ކޯޓުތައް ހުރިކަމަށެވެ. އަދި ކޮންމެ ތަނެއްގައި ރައީސް ނަޝީދުގެ ޝަރީއަތް ހިންގި ނަމަވެސް އެމަނިކުފަނާއެކު ޕާޓީގެ މެންބަރުން އެތަނަކަށް ދާނެ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަނޭޅީ އެ މައްސަލައިގައި އިސް ގާޒީ އަބްދުﷲ މުހައްމަދުގެ އަމިއްލަ މަސްލަހަތު އޮތުމުން ކަމަށެވެ.

މާލޭގައި ޖިނާއީ މައްސަލަ ބަލަން ހުންނަނީ އެންމެ ތިން ކޯޓެވެ. އެއީ ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓެވެ. ޖުވެނައިލް ކޯޓަކީ ހަމައެކަނި ކުޑަކުދިންގެ މައްސަލަތައް ބަލަން ހުންނަ ކޯޓެކެވެ. ޑްރަގް ކޯޓަކީ ހަމައެކަނި މަސްތުވާތަކެތީގެ މައްސަލަތައް ބަލާ ކޯޓެވެ. ދެން ހުނަނަނީ ހަމައެކަނި މަދަނީ މައްސަލަތައް ބެލުމުގެ އިޚުތިސޯސް ގާނޫނުން ދީފައިވާ ސިވިލް ކޯޓާއި އަދި އާއިލީ މައްސަލަތައް ބެލުމުގެ ބާރު ލިބިދީފައިވާ ފެމެލީ ކޯޓެވެ.