05 Mar 2025, 09:28
އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޖަވާން"ގެ ޑައިރެކްޓަރު އެޓުލީ ސަލްމާން ޚާންއާ އެކު އުފައްދަން ނިންމި ފިލްމަށް ތެލުގޫ އެކްޓަރު އައްލޫ އަރުޖުން ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ ސަލްމާން ޚާން މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ސިކަންދަރު"ގެ ބަތަލާ ރަޝްމިކާއާ އެކު އެޓުލީ އުފައްދަން ނިންމި ފިލްމެއް ކަމަށް ވެސް މީގެކުރިން އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
އެޓުލީ އެންމެ ފުރަތަމަ ވެސް މި ފިލްމުގެ ކާސްޓަށް ގެންނަން ބޭނުންވީ "ޕުޝްޕާ 2"ގެ އެކްޓަރު އައްލޫ އަރުޖުން ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް އޭރު އައްލޫ އަރުޖުން ފިލްމަށް އެއްބަސްނުވީ ތަމަޅަ ޑައިރެކްޓަރު އެޓުލީއާ އެކު ކުރެވުނު މަޝްވަރާތަކަށް ވަކި ގޮތެއް ނުނިމި ދިގުލައިގެން ދިއުމުން ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އެޓުލީ ފިލްމު "ބޭބީ ޖޯން"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އެ ފިލްމުގެ ކާސްޓުންނާ އެކު--ފޮޓޯ/ޕިންކްވިލާ
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕިންގްމޫންގައި ބުނެފައިވާ ގޮތުގައި އައްލޫ އަރުޖުން ވަނީ މިހާރު އެޓުލީގެ ފިލްމަށް އެއްބަސްވެ ސަލްމާން ޚާންގެ މަގާމު ކާސްޓުން ހޯދާފައެވެ. މި ފިލްމަކީ "ޕުޝްޕާ 2"އަށްފަހު އައްލޫ އަރުޖުން މަސައްކަތް ކުރާނެ ފުރަތަމަ ފިލްމަށްވާނެ ކަމަށާއި ފިލްމުގެ އަމަލީ މަސައްކަތް މި އަހަރުގެ އޭޕްރީލް-މެއި މަހުތެރޭ ފަށަން ނިންމާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މި ފިލްމު ސަލްމާން ދޫކޮށްލީ ކީއްވެގެންތޯ ސުވާލުކުރުމުން އެޓުލީގެ ސްޕޯކްސްޕާސަން ބުނެފައި ވަނީ ފިލްމާ ގުޅޭގޮތުން ވަކި އެއްޗެއް ބުނަން އަދި އަވަސް ކަމަށެވެ.
އެޓުލީ އެންމެފަހުން ޕްރޮޑިއުސްކުރި ފިލްމު "ބޭބީ ޖޯން"އަށް ބޮކްސް އޮފީހުގައި ލިބުނު ފިނި ތަރުހީބާ އެކު އޭނާގެ ކުރިއަށްހުރި ފިލްމުތަކާ ބެހޭގޮތުން ވާހަކަދައްކަން އަދި މާ އަވަސް ކަމަށް އެޓުލީގެ ޓީމުން ވަނީ ބުނެފައެވެ.