05 Mar 2025, 09:26
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބޮލީވުޑް ފިލްމު "ޖަންނަތު"ގެ ބަތަލާ ސޯނަލް ޗޯހަން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
ސޯނަލް ވަނީ ރާއްޖެ އައުމަށްފަހު ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
ސޯނަލް ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ ފަސްތަރީގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ފުރަވެރި މޯލްޑިވްސްގައެވެ. މީގެ ކުރިންވެސް ޗުއްޓީއަށް ރާއްޖެ އައިސްފައިވާ ބަތަލާގެ މިފަހަރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައި ވަނީ ކޮންބަޔަކާ އެކު ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ބަތަލާ ސޯނަލް 2023ވަނަ އަހަރު ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން ކުރި ދަތުރުގެ ފޮޓޯއެއް--ފޮޓޯ/ބަތަލާގެ އިންސްޓަގްރާމް
ފުރަވެރި ރިސޯޓުގެ ބީޗް އަދި ބަތަލާ މަޑުކޮށްލައިގެން ހުންނަ ވިލާގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުން ބުނެފައި ވަނީ އެހެން އެއްވެސް ކަމަކާ އެއްގޮތްނުކުރެވޭނެފަދަ ހިތްގައިމު ޖާދުވީ ތަޖުރިބާތަކެއް އެ ރިސޯޓުގައި ކުރަމުން އަންނަ ކަމަށެވެ.
ބޮލީވުޑް ފިލްމުތަކުގެ އިތުރުން ސައުތު ސިނަމާގެ ތެލުގޫ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާ އަކީ 2005 ވަނަ އަހަރުގެ ފެމިނާ މިސް އިންޑިއާގެ ތާޖު ހާސިލުކުރި ފަރާތެކެވެ. މީގެއިތުރުން އެ އަހަރުގެ މިސް ވޯލްޑްގެ 'މިސް ވޯލްޑް ޓޫރިޒަމް'ގެ މަގާމު ވެސް ލިބުނީ ބަތަލާ ސޯނަލް އަށެވެ.
އެކްޓަރު އިމްރާން ހާޝްމީއާ އެކު ފިލްމު "ޖަންނަތު"އިން ހިންދީ ސިނަމާއަށް ތައާރަފްވި ބަތަލާ މިހާތަނަށް ފެނިފައިވާ ބޮލީވުޑް ފިލްމުތައް ވަރަށް މަދެވެ.
އެ ފިލްމުތަކަށް މާބޮޑު ތަރުހީބެއް ނުލިބުމާ އެކު ފަހުން ސޯނަލް ބޮޑަށް ފެނިފައި ވަނީ ސައުތު ސިނަމާގެ ފިލްމުތަކުންނެވެ. ސޯނަލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްވި ބެންގާލީ/ހިންދީ ފިލްމު "ދަރްދް"އިންނެވެ.