18 Jul 2012, 08:23
ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތައް ހައްލެއް ހޯދަން ލީޑަރުންގެ މެދުގައި މަޝްވަރާތައް ފެށުމަށް ކޮމަންވެލްތުން ވެސް ގޮވާލައިފި އެވެ.
ދާދިފަހުން ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ ސަފީރު ވެސް ވަނީ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާ ދެ ބޭފުޅުން ވެސް ސިޔާސީ ޕާޓީތަކުގެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސާ ޑޮނަލްޑް މެކިނަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާއި ރައީސް ނަޝީދާއެކު އިއްޔެ ކުރެއްވި މަޝްވަރާތަކަކަށް ފަހު ނެރުއްވި ބަޔާނުގައި ބުނަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ މައްސަލަތަކަށް ހައްލު ހޯދޭނެ ހަމައެކަނި ގޮތަކީ ސިޔާސީ މަޝްވަރާތަކެއް ކަމަށާއި މަޝްވަރާގެ ތެރެއިން އެ މައްސަލަތަކަށް ހައްލު ހޯދަންޖެހޭ ކަމަށެވެ.
"އެހެންކަމުން ރާއްޖޭގެ ހުރިހާ [ސިޔާސީ] ލީޑަރުންނަށް ގޮވާލަން އިހުލާސްތެރިކަމާއެކު ގައުމާއި ރައްޔިތުންނަށްޓަކައި ސިޔާސީ ވާހަކަތަކުގައި ބައިވެރިވެ އެ ވާހަކަތައް ކުރިއަށް ގެންދިޔުމަށް،" މެކިނަން ވިދާޅުވެފައިވެ އެވެ.
މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަތުމަށް ސިޔާސީ ލީޑަރުންނަށް މެކިނަން ގޮވާލެއްވިއިރު ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ވިލަރެސްވެރިޔާ އަހުމަދު މުޖުތަބާ ވެސް ވަނީ ސިޔާސީ ޕާޓީތަކުގެ ވާހަކަތައް އެހެން ގޮތަކަށް ބަދަލުކުރަން ޖެހޭ ކަމަށާއި ސިޔާސީ ލީޑަރުންގެ މެދުގައި ވާހަކަތައް ބާއްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ވަހީދާއި މައުމޫން ވެސް ވަނީ ރައީސް ނަޝީދާއެކު ވާހަކަތަކުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފަ އެވެ
ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން މެކިނަން ވިދާޅުވެފައިވަނީ ރާއްޖެއަށް މިވަގުތު ބޭނުންވަނީ މަޑުމައިތިރިކަމާއި ހަމަޖެހުން ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް އެ ގޮތައް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"ސިޔާސީ ހަމަނުޖެހުމަކަށް މަގުފަހިވާނޭ އެއްވެސް ކަމެއް ކުރުމަކީ އިގުތީސޯދީ ގޮތުން އުނދަގޫ ދަނޑިވަޅެއްގައި ރާއްޖެއަށް ފައިދާ ހުރިކަމެއް ނޫން،" މެކަނަން ވިދާޅުވެފައިވެ އެވެ.
އިންކްއަރީ ކޮމިޝަނާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މެކަނަން ވިދާޅުވެފައިވަނީ ކޮމިޝަން ރިފޯމް ކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަވެފައިވާއިރު އެ ކޮމިޝަންގެ މަސައްކަތައް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށެވެ.
"އިންކްއަރީ ކޮމިޝަންގެ މަސައްކަތް ވަގުތަށް ނިންމާ ނަތީޖާއެއް ނެރުމަށް އަމާން މާހައުލެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް، އެހެން ކަމުން އެންމެހާ ފަރާތްތަކަށް އަޅުގަނޑު ގޮވާލަން ހަމަނުޖެހުމަށް ޖާގަ ލިބޭފަދަ ކަމެއް ނުހިންގުމަށް،" މެކަނަން ވިދާޅުވެފައިވެ އެވެ.
ކޮމަންވެލްތުން ބުނީ ރައީސް ވަހީދާއި ނަޝީދާއެކު ކުރި މަޝްވަރާތަކުގައި ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާބެހޭ ގޮތުން ވެސް މެކިނަން މަޝްވަރާކުރެއްވި ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުގެ ތަފްސީލެއް ސްޓޭޓްމަންޓްގައި ހާމަކޮށްފައެއްނުވެ އެވެ.
ރާއްޖޭގެ ވެރިކަން ފެބުރުއަރީ ހަތް ވަނަ ދުވަހު ބަދަލުވި ފަހުން ރާއްޖޭގެ މަޝްރަހުގައި ކޮމަންވެލްތުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.