ތެހެރާން (ޖުލައި 18) : މިޔަންމާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ޤަތްލުއާންމު ހިންގައި އެމީހުންގެ ނަސްލުނައްތާލަމުން ގެންދާތީ އިސްލާމީ ބައެއް ޤައުމުތަކުންނާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޯއައިސީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިޔަންމާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ހައްދުފަހަނަޅާފައިވާ ބުދު ދީނުގެ މީހުން ހިންގަމުންގެންދާ ޤަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ކުށްވެރިކުރަމުން އީރާނުގެ ޚާރިޖިއްޔާއިން މިޔަންމާ ސަރުކާރަށާއި އޯއައިސީއަށާ އަދި ބައިނަލްއަޤްވާމީ މުޖްތަމައަށް އިއްޔެ ގޮވާލީ މިޖަރީމާތައް ހުއްޓުވައި މިޔަންމާގެ ނިކަމެތި މުސްލިމުން ޙިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. މިޔަންމާގެ ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނަކީ ނަސްލު ނައްތާލުމުގެ ޖަރީމާއާ ކުރިމަތިލާންޖެހިފައިވާ ބައެއްކަމަށް އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާން ރަމޭން މެހްމާ ބްރާސްތް ވަނީ ސިފަކުރައްވާފަ އެވެ.

ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ވަރަށް ޙާލުގައި ދިރިއުޅެންޖެހިފައިވާ ރޮހިންގިޔާ ދަރިކޮޅުގެ ނިކަމެތި މުސްލިމުންނަށް އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ ކަމަށާއި ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް އެމީހުންނަށް އިންސާނީ އެހީފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ގެންދާކަންވެސް އީރާނު ޚާރިޖިއްޔާއިންވަނީ ހާމަކޮށްފައެވެ.

ތުރުކީގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންވެސް ވަނީ މިއާ އެއްފަދަ މޭރުމަކުން އިބާރާތްކޮށްފައިވާ ބަޔާނެއް ނެރެފައެވެ. މިބަޔާން އޯއައިސީ އަށާއި ބައިނަލްއަޤްވާމީ މުޖްތަމައަށާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ގޮވާލާފައިވަނީ މިޔަންމާގެ ނިކަމެތި މުސްލިމުން ޙިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅައި އެމީހުންނަށް ކުރިމަތިވެފައިވާ އަނިޔާތަކުން އެމީހުން ސަލާމަތް ކުރުމަށެވެ. މިސްރާއި ސަޢޫދީ އަރަބިޔާއިން ވެސްވަނީ މިޔަންމާގެ މުސްލިމުން ޙިމާޔަތްކުރުމަށް ގޮވާލާ މިފަދަ ބަޔާންތައް ނެރެފައެވެ.

ޙާލުގައި ޖެހިފައިވާ މިޔަންމާގެ ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން ބަންގްލަދޭޝްގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ހިޔާވަހިކަމެއްނެތި ތިބި ރެފިއުޖީންނަށް އީރާނުގެ އިތުރުން ސައޫދީ އަރަބިޔާ، ތުރުކީ، ޤަތަރު އަދި ޔޫއޭއީ އާއި ކުވައިތުން ވެސް ގެންދަނީ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދެމުންނެވެ. ނަމަވެސް ޙާލުގައިޖެހިފައިވާ ރޮހިންގިޔާ މުސްލިމުންނަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ކާބޯތަކެއްޗާއި ބޭހާއި ހިޔާވަހިކަން ފޯރުކޮށް ނުދެވޭކަމަށް އިންސާނީ އެހީދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ބުނެއެވެ.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަކްމަލުއްދީން އިޙްސާން އޮގްލޯ ވިދާޅުވީ މިޔަންމާގެ ރެކިން ސްޓޭޓްގެ ބައި މަދު ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެޤައުމުގެ ހައްދުފަހަނަޅާފައިވާ ބުދުދީނުގެ ޖަމާއަތްތަކުން ޖިސްމާނީގޮތުން އަނިޔާކޮށް މީހުންމަރައި މިސްކިތްތައްތަޅައި ގެދޮރުގައި ހުޅުޖަހައި ވަޒަނުން ބޭރުކުރަމުން ގެންދާތާ އެތަށް އަހަރެއްވެއްޖެ ކަމަށާ މުސްލިމުންނާ ދެކޮޅަށް ހިންގާ މިޖަރީމާތައް ހައްދުން ނައްޓާފައިވާ ކަމުގައެވެ.

އޮގްލޯ އިސްލާމީ ޤައުމުތަކަށާއި ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލެއްވީ މިޔަންމާގެ ހައްދުފަހަނަޅާފައިވާ ބުދުދީނުގެ މީހުންގެ ކިބައިން އެޤައުމުގެ ބައި މަދު ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުން ސަލާމަތް ކުރުމަށް ޓަކައި މިޔަންމާ ސަރުކާރާ ވާހަކަ ދެއްކުމަށެވެ. އަދި މިޔަންމާގެ މުސްލިމުން މަރައި އެމީހުން އަމިއްލަ ވަޒަނުން ބޭރުކުރަމުންގެންދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް މިޔަންމާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް ވެސް އިސްލާމީ ޤައުމުތަކަށާއި ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހެން ޤައުމުތަކުގެ ކިބައިން އޮގްލޯވަނީ އެދިވަޑައިގެންފައެވެ. މިޔަންމާގެ ރެކިން ސްޓޭޓްގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ބުދުދީނުގެ މީހުން އިއްޔެ ހިންގި ޖަރީމާތަކުގައި ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 2 ހާސް މީހަކު މަރާލައި މުސްލިމުންގެ އެތަށް ބައެއްގެ ގެދޮރު އަންދާލާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިޔަންމާއާއި ބަންގްލަދޭޝްއާ ގުޅުނު ހިސާބުގައި ދިރިއުޅޭ ރޮހިންގިޔާ ދަރިކޮޅުގެ މުސްލިމުންނަކީ މިޔަންމާއިން އެޤައުމުގެ ރައްޔިތުންގެ ގޮތުގައި ބަލައިނުގަންނަބައެކެވެ. އެހެންކަމުން ރޮހިންގާ ދަރިކޮޅުގެ މިސްލިމުންނަކީ ހުރިހާ ހައްޤުތަކަކުން މަޙްރޫމް ކޮށްލެވިފައިވާ އަދި ދުނިޔޭގައި އެންމެ ފަގީރު އަދި އެންމެ ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ ބައިމަދު ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ އެއްޖަމާއަތް ކަމަށް އދ. ން ސިފަކުރެއެވެ. -- ނޫސްއެޖެންސީތައް