24 Aug 2010, 05:20
10:19
ކުރުނބާ މޯލްޑިވްސްގައި ކުރަމުން ދިޔަ މުޒާހަރާ ތިން ދުވަސް ފަހުން ހުއްޓާލުމަށް ފަހު ހަތަރު މުވައްޒަފަކު ފިޔަވައި އެހެން އެންމެން ވަޒީފާ އަށް ނުކުންނަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު، ސަބް އިނިސްޕެކްޓާ އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ފުލުހުން އިއްޔެ އެ ރިސޯޓަށް ގޮސް މުޒާހަރާ ކުރަމުން ދިޔަ މީހުންނާ ވާހަކަ ދެއްކުމުން ރޭ ދަންވަރު އެ މީހުން މުޒާހަރާ ހުއްޓާލުމަށް ފަހު، މިހާރު ވަޒިފާ އަށް ނުކުންނަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށާއި މުޒާހަރާގައި އެ މީހުން ބޭނުން ކުރި ސާމާނުތައް ވެސް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މުޒާހަރާގައި ބައިވެރިވި ހަތަރު މުވައްޒަފަކު ވަޒީފާގައި އުޅެން ބޭނުންނުވާ ކަމަށް ބުނުމުން އެމީހުން ވަޒިފާއިން ވަކިކުރުމުގެ މަސައްކަތް މެނޭޖުމަންޓުން ކުރަމުން އަންނަ ކަމަށެވެ.
ޝިޔާމު ވިދާޅުވީ މުޒާހަރާ ކުރި މީހުން އާދިއްތަ ދުވަހު ރިސޯޓްގެ ބައެއް އެއްޗިއްސަށް ގެއްލުން ދިނުމާ ގުޅިގެން އެ މައްސަލާގައި ހައްޔަރު ކުރި 19 މީހުންނާ އަދިވެސް ސުވާލު ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އިތުރު އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މެނޭޖްމަންޓުން ދިވެހި މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ކުއްލި ގޮތަކަށް ކުރުނބާގައި ފެށި މުޒާހަރާއާ ގުޅިގެން އެ ރިސޯޓުގައި ތިބި ޓޫރިސްޓުން ރިސޯޓު ދޫކޮށް އިއްޔެ ފުރައިގެން ގޮސްފައިވާއިރު ރިސޯޓު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ޔުނިވާސަލްގެ ޗެއާމަން މުހަންމަދު އުމަރު މަނިކު އިއްޔެ ވިދާޅުވީ މުޒާހަރާއާ ގުޅިގެން ދެ މިލިއަނެއްހާ ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރައްވާނެ ކަމަށެވެ.
މުޒާހަރާގައި ބައިވެރިވި މީހުންގެ ފޯންތައް ނިއްވާލާފައިވާތީ އެ މީހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.