މާދަމާ ހެނދުނު އޮންނަ އެފްއޭއެމް އިންތިހާބުގައި ވިކްޓަރީގެ ވޯޓު މިހާރުގެ ޗެއާމަން އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ދޭން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ މިރޭ ބޭއްވި ވިކްޓަރީގެ ހިންގާ ބޯޑުގެ ބައްދަލުވުމުގަ އެވެ. ވިކްޓަރީގެ ފަރާތުން ވޯޓުލާން ދަނީ ޗެއާޕާސަން އަދި ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ އަބުދުﷲ އެވެ.

މާދަމާގެ އިންތިހާބުގައި އާޒިމާ ވާދަ ކުރައްވާނީ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އޭނާ އަށް ސަޕޯޓްކުރަން ނިންމާފައިވާ ނިލަނަދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.

މާދަމާ އިންތިހާބު ކުރިއަށްދާނީ އޭއެފްސީ އާއި ފީފާގެ އޮފިޝަލުންގެ ބެލުމުގެ ދަށުންނެވެ. އިންތިހާބުގައި ވޯޓުދޭނީ 13 ކުލަބަކުންނެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝނުގެ ތިން ކުލަބާއި ތިން ވަނަ ޑިވިޝަނުގެ ދެ ކުލަބެވެ. މާދަމާގެ ކޮންގްރެސްގައި ފުރަތަމަ އޮންނާނީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުން ވޯޓުލާނެ ކުލަބުތައް ހޮވުމަށް ބާއްވާ ޕްރައިމަރީ އެވެ.