04 Mar 2025, 09:56
ބަދިގެ ތެރޭގައި ކެއްކުމުގައި އަވަދިނެތި އުޅޭއިރު އެންމެ ކަންބޮޑުވާ އެއް ކަމަކީ ކެއްކުމަށްފަހު ގޭތެރެއިން ކާއެއްޗެހީގެ ވަސް ނުފިލުމެވެ.
ޚާއްސަކޮށް ރޯދަމަހުގެ މެންދުރުފަހަކީ އިރުއޮއްސޭ ވަގުތާ ހަމައަށް ބަދިގެތެރޭ ކެއްކުމުގައި އަޅުގަނޑުމެން މަޝްއޫލުވެގެން އުޅޭ މަހެކެވެ.
ބަދިގޭގައި ކައްކާ ކެއުންތަކަކީ އެ ވަގުތު ކިތަންމެ މީރު ވަސް ދުވާ ކެއުންތަކަށްވީ ނަމަވެސް ފަހުން އުޅެންޖެހެނީ ގޭތެރޭއިން އޭގެ ވަސް ނުފިލައިގެންނެވެ. އާއްމުކޮށް މި މައްސަލަ ގިނަފަހަރަށް ދިމާ ވަނީ ގޭގެ ބަދިގެއާއި ސިޓިންގްރޫމް އަދި ކާބައި އެކީގައި ހުންނަ ނަމައެވެ.
ގޭތެރޭގެ ވެންޓިލޭޝަނަކީ ގޭތެރޭގައި ދުވާ މިފަދަ ވަސްވަހުން ގޭގެ މާހައުލު ރައްކާތެރިކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ކަންތަކެވެ.

ކައްކާ ވަގުތު ކުޑަ ދޮރުތައް ހުޅުވާލާފައި ހުރުމަކީ ފަސޭހައި ވަސްތައް ބޭރުކޮށްލަދޭން އެހީތެރިވެދޭނެ ކަމެއް--ފޮޓޯ/ޒައިލިސް
ހާއްސަކޮށް ބަދިގޭގެ ވެންޓިލޭޝަން ރަނގަޅުވެއްޖެނަމަ ކައްކާއިރު އެ ދުވާ ވަސްގަނޑު ފަސޭހައިން ބޭރުވުމަށް މަގުފަހިކޮށްދެއެވެ. ކައްކާއިރު ބަދިގޭގައި ހުޑެއް ހުންނަނަމަ ކެއްކުމުގެ ކުޑައިރުކޮޅެއް ކުރިން ހުޑް ޖައްސާލެވިދާނެއެވެ. ހުޑް ބޭނުންކުރާނަމަ އޭގެ ފިލްޓާތައް ގަވައިދުން ސާފުކުރުމަކީ އޭގެ އެތެރެ ބެދުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ.
ބަދިގޭ ނުވަތަ ކާބައިގައި ކުޑަ ދޮރު ހުންނަނަމަ ދޮރުތައް ހުޅުވާފައި ބެހެއްޓުމަކީ ވެސް ކައްކާއިރު ބޭރުވާ ވަސްތައް ގޭތެރެއަށް ދިޔުމުގެ ބަދަލުގައި ބޭރަށް ވަސްތައް ދިއުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ކައްކާއިރު ގޭތެރޭގައި 'ޝެފްސް ކެންޑްލް'ގެ ނަމުން ހާއްސަކޮށްފައި ހުންނަ އުއްބަތިއެއް ރޯކޮށްފައި ބެހެއްޓުމުން ވެސް ގޭތެރެއިން ކާއެއްޗެހީގެ ވަސް ފިލައިދެއެވެ. މިފަދަ އުއްބަތީގައި ހުންނަ އެސެންޝަލް އޮއިލްގެ ސަބަބުން ގޭތެރޭގައި ތާޒާ ވަހެއް ހަރުލާފައި ހުރެއެވެ.

ލުނބޯ ފެން ކައްކާލުމުން ވެސް ގޭތެރޭގަިއ ހިފާފައި ހުންނަ ކާއެއްޗެހީގެ ވަސްތައް ނައްތާލުމަށް ފަސޭހަވޭ--ފޮޓޯ/ޒައިލިސް
ޚަރަދުކުޑަގޮތަކަށް ވެސް ގޭތެރެއިން ކާއެއްޗެހީގެ ވަސްތައް ފިލުވާލުމަށް އެހީތެރިވެދޭ ގިނަ ކަންކަން ކުރެވެން އޮތްއިރު ލުނބޯ ބޭނުންކޮށްގެން މިކަން ކުރެވެން އެބައޮތެވެ.
ލުނބޮއެއް ފަޅިކޮށްލުމަށްފަހު ގާތްގަނޑަކަށް ދިހަ މިނެޓު ވަންދެން ފެނުގައި ކައްކާލުމުން ވެސް ގޭތެރެއިން ވަސް ފިލައިދެއެވެ. ހާއްސަކޮށް ލޮނުމެދު، ފިޔާ އަދި އަސޭމިރުސްފަދަ ވަސްތަކާ ދެކޮޅަށް ލުނބޯ ފެނަކީ ބޭނުންކޮށްލެވިދާނެ މޮޅު ހަތިޔާރެކެވެ.
ގޭތެރޭގައި ހިފައިފައި ހުންނަ ކާއެއްޗެހީގެ ވަސް ފިލުވާލުމަށް ކޮފީ އަކީ ވެސް ބޭނުންކުރެވިދާނެ ވަރަށް މުހިއްމު ބާވަތެކެވެ. މުގުރާފައި ހުންނަ ކޮފީ ތަށްޓަކަށް އަޅާލުމަށްފަހު ބަދިގެތެރޭގައި ބެހެއްޓުމުން ވެސް ރޭގަނޑުގެ ކެއުމަށްފަހު ގޭތެރޭގައި ހިފާފައި ހުންނަ ވަސްތައް ނައްތާލުމަށް އެހީވެދެއެވެ.
ހަމައެއާއެކު ހުދު ވިނެގަ އަދި ބައިކާބޮނޭޓް ސޮޑާއަކީ ވެސް ކާއެއްޗެހީގެ ވަސްފިލުވާލުމަށް ބޭނުންކުރެވިދާނެ ބާވަތްތަކެކެވެ.