04 Mar 2025, 09:50
އަބީޝެކް ބައްޗަންގެ އާ ފިލްމު "ބީ ހެޕީ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
އަބީޝެކްގެ އިތުރުން ނޯރާ ފަތޭހީ، ޖޯނީ ލީވަ އަދި ހަރުލީނު ސެތީ މުހިއްމު ރޯލް ކުޅެފައިވާ މި ފިލްމަކީ، މަޝްހޫރު ކޮރިއަގްރާފަރު ރެމޯ ޑިސޫޒާއާއި އޭނާގެ އަންހެނުން ލިޒެލް ޑިސޫޒާ ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ.
މި ފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން ފިލްމުގެ ޑައިރެކްޓަރަކީ ވެސް ރެމޯއެވެ. ބައްޕައަކާއި އަންހެން ދަރިއަކާއި ދެމެދު އޮންނަ ގުޅުން ނެށުމުގެ ތެރެއިން ދައްކައި، އެ ގުޅުން ވަރުގަދަ ކުރުމުގެ މުހިއްމުކަން މި ފިލްމުން ދައްކުވައިދޭނެއެވެ.
ފިލްމުގައި އަބީޝެކްގެ އަންހެން ދަރިފުޅުގެ ރޯލުން ފެންނާނީ މީގެކުރިން ވެސް އެކްޓަރާއެކު މަސައްކަތްކޮށްފައިވާ ޗައިލްޑް ބަތަލާ އިނާޔަތު ވަރުމާއެވެ.

އަބީޝެކްގެ އެންމެ ފަހުން ރިލީޒްވި ފިލްމު "އައި ވޯންޓު ޓޯކް"ގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އެމޭޒަން ޕްރައިމްގައި މި މަހުގެ 14ވަނަ ދުވަހު ޕްރީމިއާކުރާ މި ފިލްމާ ގުޅޭގޮތުން ރެމޯ ބުނެފައި ވަނީ، ޕްރައިމް ވީޑިއޯއާއެކު މަސައްކަތްކުރަން ލިބުނު ފުރުސަތަކީ ވަރަށް ގިނަ ކަންކަން ދަސްވެ ތަޖުރިބާކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.
ޕްރައިމް ވީޑިއޯއަކީ ވަރަށް ގިނަ ވާހަކަތަކެއް ބެލުންތެރިންނަށް ޑިޖިޓަލީ ގެނެސްދެމުން އަންނަ ޕްލެޓްފޯމެއް ކަމަށާއި އާއްމުންގެ މެދުގައި މި ޕްލެޓްފޯމަށް ލިބެމުން އަންނަ މަގުބޫލުކަމަކީ އޭގެ ހެއްކެއް ކަމަށް މީގެކުރިން ވެސް ފިލްމު ޑައިރެކްޓްކޮށްފައިވާ ރެމޯ ވަނީ ބުނެފައެވެ.
އަބީޝެކް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްވި ފިލްމު "އައި ވޯންޓު ޓޯކް"އިންނެވެ. މި ފިލްމުގައި އަބީޝެކްގެ ކެރެކްޓާ ގެނެސްދިން ގޮތް ފުރިހަމަކަމުން އިންޑަސްޓްރީގެ ވަރަށް ގިނަ ބައެއްގެ ތައުރީފު އަބީޝެކްއަށް ލިބުނެވެ.
އަބީޝެކްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ މި އަހަރުގެ ޖޫން މަހު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ހައުސްފުލް 5" ހިމެނެއެވެ.