18 Jul 2012, 01:01
މާލޭ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކުގެ ގުރުއަތުލުން ބާއްވަނީ ވަކި ބަޔަކަށް މަންފާވާ ގޮތަށް ކަމަށް ބުނެ، ބައެއް ދަނޑުވެރިން ސިޓީ ކައުންސިލްގެ މެންބަރުންނާ ޒުވާބުކޮށް ހަމަނުޖެހުން ހިންގައިގެން ގޮޅިތަކުގެ ގުރުވަތުލުން މިރޭ ހުއްޓުވައިފި އެވެ.
އެހެން ރޯދަ މަސްތަކުގައި ވެސް އޮންނަ އުސޫލުން ގޮޅިތައް ބަހަން ގުރުއަތުލުމަށް ޓައިސޭ ކޮށީގައި މިރޭ ގުރުއަތު ނަގަން ތައްޔާރުވެފައި ވަނިކޮށް މައްސަލަ ހޫނުވީ ގުރުއަތުގައި ބައެއް ގޮޅިތައް ނުހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުނި ހިސާބުންނެވެ.
ދަތުރުވެރިންގެ މާރުކޭޓްގައި ހިމެނެނީ 172 ގޮޅި އެވެ. ދަނޑުވެރިން މިރޭ ގުރުއަތަށް ދިއުމުން ކައުންސިލުން ބުނީ އޭގެ ތެރެއިން މިރޭ ގުރުއަތުލާނީ 117 ގޮޅީގެ މެދުގައި ކަމަށެވެ. އަނެއް 55 ގޮޅީގެ ގުރުއަތުލުން ނުލާ ގޮތަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހިސާބުން ދަތުރުވެރި ދަނޑުވެރިން ވަނީ އެކަމާ ދެކޮޅު ހަދައި ގުރުއަތުގައި ހުރިހާ ގޮޅިތައް ވެސް ހިމަނަން ޖެހޭނެ ކަމަށާއި ގުރުއަތު ލާން ވަނީ މީގެ ކުރިން ވެސް ހުރިހާ ގޮޅިއެއް އެކުގައި ގުރުއަތުލާ އުސޫލުން ކަމަށް ބުނެ ސިޓީ ކައުންސިލުން ބޭނުންވި ގޮތަށް ގުރު ނެގުމަށް ހުރަސް އަޅާފަ އެވެ.
"އަޅުގަނޑުމެން މި ބުނަނީ އިންސާފުވެރި ކަމާއެކު މިކަން ނިންމާށޭ. އެއްވެސް ސަބަބަކާ ނުލާ ކައުންސިލުން ނިންމި ގޮތެކޭ ކިޔާފަ ބައެއް ގޮޅިތަކެއް މުއްދަތެއް ނެތް ގޮތަށް އެވަނީ ދަނޑުވެރިންތަކަކަށް ދޫކޮށްފައި. ލާހިކެން ނޫން [ކައުންސިލް މެންބަރު] ސުޖާމެން އެ މީހުންގެ ގޮޅިތައް ގުރުއަތުގައި ނުހިމަނައި، ގޮޅިތައް ބަހާކަށް،" ކައުންސިލާ ދެކޮޅަށް އަޑުއުފުލި ތޮއްޑޫގެ ދަނޑުވެރިއެއް ކަމަށްވާ ހުސައިން ބުންޏެވެ.
ދަނޑުވެރިން ދެކޮޅު ހެދި ނަމަވެސް ކައުންސިލުން ބޭނުންވީ 55 ގޮޅި ނުހިމަނައި ގުރުއަތުލުން ކުރިއަށް ގެންދާށެވެ. އެހިސާބުން މަންޒަރުން ބަދަލުވީ ގުރު ނެގުން ހުއްޓުވާނެ ކަމަށް ބުނެ އެތަނުގެ ތެރޭގައި ހުރި މޭޒުތަކުގައި ތަޅާ، މޭޒުތަކުގެ މައްޗަށް އަރާތިބެ ކައުންސިލްގެ މެންބަރުންނަށް ނިސްބަތްކޮށް ހުތުރު ބަހުރުވައިން މުއާމަލާތްކޮށް އިޝާރާތްތައްކުރި އެވެ. ދަނޑުވެރިން ހަމައަކަށް އަޅުވަން ސިޓީ ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ ޑީއާރްޕީގެ މެންބަރު އިބްރާހިމް ސުޖާ އާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) މަސައްކްތް ކުރެއްވި އެވެ.
ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު މިރޭ ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓްގެ 55 ގޮޅިއެއް ގުރުއަތުގައި ނުހިމަނައި ދަނޑުވެރިންތަކަށް ދޫކޮށްފައި ވަނީ ކައުންސިލަށް ދަނޑުވެރިންތަކެއް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން، އެ ދަނޑުވެރިން ހާޒިރު ކުރުމަށްފަހު އެއްބަސްވެގެން ކައުންސިލްގެ މެޖޯރިޓީން ކަމަށެވެ. އަދި އެ 55 ގޮޅީގައި މިހާރު ތިބި ދަނޑުވެރިންނަކީ ބަރާބަރަށް ކުލި ދައްކަމުން ދިޔަ ފަރާތްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދަނޑުވެރިންނަކީ 40،000ރ. އާއި 60،000ރ. އާ ދެމެދުގެ ތަރުކާރީ އާއި މޭވާ މާރުކޭޓަށް ވައްދާފައިވާ ބައެއް ކަމަށާއި ނަމަވެސް އެ މީހުން އެތަނުން ބޭރުކޮށްލައި، ތަން ސާފުކޮށްފިނަމަ ދަނޑުވެރިން ކުރި ބުރަ މަސައްކަތުގެ ފަނުފުލުން ދިޔައީ ކަމަށެވެ. އަދި އެ ދަނޑުވެރިންނަށް ގެއްލުން ނުވާނެ ގޮތަށް އެ ގޮޅިތައް ހުސްނުކޮށް ރޯދަ މަހަށް ވެސް އެ ގޮޅިތައް އެ ދަނޑުވެރިންނަށް ދޫކޮށްލީ ކަމަށް ސުޖާއު ވިދާޅުވި އެވެ.
ނަމަވެސް ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތައް އެއްކޮށް ހުސްކުރުމަށްފަހު އަލުން ގުރުއަތުލުން މިމަހު ބާއްވާނެ ކަމަށެވެ. ސުޖާއު ވިދާޅުވީ އެގޮތައް އިއުލާންކޮށްފައި އޮތް ނަމަވެސް ކައުންސިލުން އެ ގޮޅިތައް ދަނޑުވެރިންނަށް ދޫކޮށްފައިވަނީ ދަނޑުވެރިން އަމިއްލައަށް މެޖޯރިޓީން ނިންމި ނިންމުމަކަށް ބަރޯސާވެގެން ކަމަށެވެ.
ސުޖާ އަދި ވިދާޅުވީ މި ގުރުއަތުން ބާކީވާ ދަނޑުވެރިންނަށް ސޯސަން މަގުގައި ހުންނަ ކުރީގެ ނާދީ، ބްލޫހެވަންގެ ގޯތީގައި ހަދާ މާރުކޭޓަކުން ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އެއްވެސް ދަނޑުވެރިޔަކު ބާކީ ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިރޭގެ ބައެއް ދަނޑުވެރިން ހަމަނުޖެހުން ހިންގުމުން ގުރުއަތުލުން ފަސްކޮށްފައި ވަނީ މާދަމާ ރެ އަށެވެ. މާދަމާރޭ ގުރުއަތުލުން ބާއްވާނީ ގޮޅި ހޯދުމަށްއެދި ފޯމް ހުށަހަޅައި ސްލިޕްކޮޅު ދީފައިވާ ފަރާތްތަކަށް ކަމަށް ސުޖާއު ވިދާޅުވި އެވެ. ގުރުއަތުލުން އޮންނަނީ މާދަމާ ރޭ ތައިސޭ ކޮށީގައި ފުލުހުން ގެ ހާޒިރުގަ އެވެ.