އެހެން ހުއްޓާ ސާރާ މަރުވުން ވެގެން ދިޔައީ އަނެއްކާވެސް އަނދިރީގެ ތެރެއަށް ޒައުލް ދާން މެދުވެރުވި ސަބަބަށެވެ.

ޝަކުވާތައް ޝައްކާ ވަހުމަށް ބަދަލުވެ އެންމެ ފަހުން، އިސްލާމް ދީނާއި އެއްކޮށް އޭނާ ދުރުވީއެވެ. އިސްލާމް ދީން ކީއްކުރަން ހެއްޔެވެ؟ އެއްވެސް ދީނެއް ޤަބޫލުކުރަން ވެސް އޭނާ ބޭނުން ނުވީއެވެ. ދުނިޔޭގައި ހަމަނުޖެހުން އުފެދި ފިތުނަ ފަސާދަވަނީ، ދީނުގެ ސަބަބުންކަމަށް އޭނާއަށް ވިސްނެން ފެށުނީ ކައިރީގައި އުޅުނު ނުރަނގަޅު އެކުވެރިންގެ ސަބަބުންނެވެ. ތިމަންނާ މީ އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހެކޭ ދުލުން ނުބުނާ ކަން އެކަންޏެވެ. ކީއްވެކަމެއް ނޭނގެއެވެ. އެ ލަފުޒު ދުލުން ބުނެލަން އޭނާ ޖެހިލުންވަނީއެވެ. އިސްލާމް ދީނޭ ކިޔައިގެން ޣައިރު މުސްލިމުން ދައްކާފައި ހުންނަ ހަޤީގަތެއް ނެތް ވާހަކަތައް ވެސް އެންމެފަހުން އޭނާއަށް ޤަބޫލުކުރެވެން ފެށީއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ކީރިތި ޤުރުއާނާ ސުންނަތް އުނގެނުމެއްނެތި އިސްލާމް ދީނުގެ ޢަދާވާތްތެރިންނާ ދުޝްމަނުން ދައްކާ ވާހަކަތައް ޤަބޫލުކުރާނަމަ، ދާދި ފަސޭހައިން އެމީހުން އިންސާނާގެ ސިކުނޑި ދޮވެލަފާނެއެވެ. އެހެންނަމަވެސް، ހަޤީގަތް ހޯދަން އުޅޭ މީހެއްނަމަ އެ ވާހަކަތަކުގައި ހުރި ދޮގާ މަކަރުވެރިކަން އެމީހަކަށް ފާހަގަވާނެއެވެ. އިސްލާމް ދީނަކީ ހައްދުފަހަނަ އަޅާފައިވާ ފިކުރެއްކަމުގައި ޒައުލްގެ ސިކުނޑިއަށް ވިސްނުނު މައިގަނޑު ސަބަބަކީ ވެސް އޭނާ ދީނާ ދުރުވުމެވެ. ހައްދު ފަހަނަ އަޅާފައިވަނީ އެމީހުންގެ ވިސްނުންކަމާއި ހަޤީޤީ މެދު މިނުގެ ދީނަކީ އިސްލާމް ދީންކަން އެ ސިކުނޑިއަށް ނުވިސްނުނު ސަބަބަކީވެސް އެއީއެވެ.

އަރީޝްއާއި ބައްދަލުކޮށްފައި ގެއަށް ގޮސް ޓިކެޓް ކަންތައް ހަމަޖައްސާފައި ޒައުލްގެ މަސައްކަތަކަށްވީ، އެއްޗެހިތައް ޕެކްކުރުމެވެ. އާދެވޭނެ ދުވަހެއް ނޭންގޭތީ އޭނާ ވަރަށް ގިނަ އެއްޗެހި ގެންދަން ނިންމިއެވެ. ބައެއް ސާމާނުތައް ފޮށިތަކަށް އަޅާ ބަންދުކޮށްފައި ފަހުން އެ އެއްޗެހި ކާގޯ ކޮށްދޭންވެސް، އޭނާ އަރީޝްގެ ގާތުގައި އެދުނެވެ.

ޒައުލްއަށް ޓިކެޓް ލިބުނީ އޭގެ އަނެއް ދުވަހުގެ ފްލައިޓަކަށެވެ.

*****

ބަލި ނަމަވެސް، ޒަމީރު އޮފީހަށް ދިޔައީ، ނުގޮސް ވާން ނެތުމުންނެވެ. އޭނާ އޮފީހަށް ނުގޮސްފިނަމަ، ކަންތައްތަކަށް ވަރަށް ދަތިވާކަން އެނގޭތީއެވެ. މިއަދުވެސް އޭނާ ކޮންމެހެން އެދަނީ ދާންޖެހޭ ވަރަށް މުހިންމު މީޓިންއެއް އޮތުމުންނެވެ. އުމުރުން ފަސްދޮޅަކާ ގާތްކުރަމުންދާ ޒަމީރުގެ ހަށިގަނޑު މިހާރުވަނީ ބަލިކަށިވެފައެވެ. އެހާ ވަރުން ޒައުލް ގެންނަން އުޅޭ ސަބަބަކީވެސް އެއީއެވެ.

ކެބިންއަށް ވަދެ ގޮނޑީގައި އިށީނދެލި ތަނާ އޭނާގެ މެއަށް ފާޑެއްގެ ތަދެއް އަރަން ފެށިއެވެ. ނޭވާލާންވެސް އޭނާއަށް ދަތިވާން ފެށިއެވެ. ފެންތަށީގެ މަތި ނަގާ ފެންކޯވަރެއް ބޮއިލާފައި ފުންނޭވާއެއް ލާން މަސައްކަތް ކުރިނަމަވެސް، ތަދުގެ ސަބަބުން އެކަންކުރަން އޭނާއަށް އުނދަގޫވިއެވެ. ފޯނު ނަގާފައި ކޮންމެވެސް މީހަކަށް ގުޅާލަން މަސައްކަތް ކުރިނަމަވެސް، އެކަން ވެސް ކާމިޔާބެއް ނުވިއެވެ. މީހާ ތުރުތުރު އަޅަން ފެށިއިރު، ފޯނުވެސް އަތުން ދޫވެގެން ޓައިލްސްތަކު މައްޗަށް ވެއްޓިއްޖެއެވެ. ހަދާނެގޮތް ހުސްވުމާއެކު ޒަމީރުގެ ދެލޮލުން ކަރުނައިގެ އަސަރުތައް ފާޅުވާން ފެށިއެވެ. އޭނާއަށް އެހީވުމަށްޓަކައި ކޮންމެވެސް މީހަކު އެތަނަށް ފޮނުވުމަށް އެދި ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވެން ފެށުނެވެ.

ދޮރުގައި ޓަކި ޖަހާލާފައި ކުއްލިއަކަށް އެތެރެއަށްވަނީ، ހައިޝަމް ނޫން ދެވަނަ މީހެއް ނޫނެވެ. ހައިޝަމްއަށްވެސް ޒަމީރަށް ވަމުން ދިޔަ ގޮތް ފެނުމާއެކު، އަތުގައި ހުރި ފައިލްތައް މޭޒުމަތީގައި ބަހައްޓަމުން ޒަމީރަށް އެހީވުމަށް އަވަސްވެގަތެވެ. އޭނާ ފެންތަށިން އެތި ފޮދެއް ޒަމީރަށް ދިނެވެ. އަދި ފޯނު ނަގާފައި އަވަސް އަވަހަށް އެންބިއުލާންސްއަށް ގުޅައިލިއެވެ. ހައިޝަމް، ޒަމީރު އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް ގެންގޮސް ސޯފާގައި ބޭއްވިއެވެ.

އެންބިއުލާންސް އަންނަންދެންވެސް ޒަމިރުއާ އެންމެ ގާތުގައި ހުރީ ހައިޝަމްއެވެ.

ހޮސްޕިޓަލަށް ޒަމީރު ގެންދެވި އެޑްމިޓްކުރެވި، ޓެސްޓުތައް ހެދުމަށްފަހު، ޑޮކްޓަރު ބުނީ ހެދި ޓެސްޓުތަކުން، އިންފެކްޝަންގެ އަސަރު އަދިވެސް ހުރި ކަމުގައެވެ. އެ ނޫނީ އަނެއްހެން މާ ބޮޑު މައްސަލައެއް ނެތްކަމުގައެވެ. އެފަދަ ގޮތަކަށް މެއަށް ތަދު އެރީ ޒަމީރު ކަންތައްތަކާ މާ ބޮޑަށް ވިސްނާތީކަމުގައެވެ. އެހެންނަމަވެސް އޮބްޒަވޭޝަންގައި ބޭއްވުމަށް ލަފާ ދިނީ އަދިވެސް އިތުރު ބައެއް ޓެސްޓްތައް ހެދުމުގެ ބޭނުމުގައެވެ.

*****

ރަންވޭ މައްޗަށް ބޯޓު ތިރިކޮށްލުމާއެކު، ޒައުލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެހާ ދުވަސްފަހުން ރާއްޖެ އާދެވުމުން ކަމަށްވެސް ވެދާނެއެވެ. މޫނުމަތިން ކޮންމެވެސްވަރެއްގެ ނުތަނަވަސްކަމެއްގެ އަސަރު ފާޅުވިއެވެ. ބޯޓުން ފައިބައިގެން އިމިގްރޭޝަން ކިއޫގައިވެސް އެހާ އިރު މަޑުކުރަން ޖެހުނެވެ. އެ ހުރިހާ ކަމަކަށް ހޭދަވި ވަގުތު ގިނަވުމާއެކު ތިމާގެ އަމިއްލަ ބޭނުންތެރި ވަގުތުތަކެއް ގެއްލިގެން ދިޔަ އިޙްސާސްއެއް ޒައުލްއަށް ކުރެވުނެވެ. ޚިދުމަތް ލަސްކަމުން ރުޅި އަންނަ ގޮތްވެސް ވިއެވެ.

އެ ކަންތައް ނިންމާލުމަށްފަހު އެއާޕޯޓުން ނުކުމެ ފޯނަށް ބަލައިލިއެވެ. ބައްޕަ ގުޅާނެކަމުގެ އުންމީދާއެކުގައެވެ. އެހެންނަމަވެސް، ބައްޕަގެ ކޯލެއް ނެތުމުން ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. ސިހުން ލިބުނީ ދާދި ގާތަށް ހުއްޓުމަށްފަހު، ކޮންމެވެސް މީހަކު އޭނާއަށް ގޮވައިލުމުންނެވެ. އިސްއުފުލައިލިއިރު ހުރީ ބައްޕަގެ ޚާއްސަ ޑްރައިވަރު، ޝާފިއުއެވެ. ޝާފިއުއަކީ މީގެ އެތައް އަަހަރެން ކުރިން ފެށިގެންވެސް ޒަމީރުގެ ޚާއްސަ މީހެކެވެ. އޭނާގެ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ސަބަބުން ޒަމީރުގެ އިތުބާރު ލިބިފައިވާ މީހެކެވެ. ޒައުލްއަށް އައިސްފައި ހުރި ބަދަލުތަކާއެކުވެސް ޝާފިއުއަށް އޭނާ ވަކިކުރަން އެނގުނެވެ. ޝާފިއުއާއެކު ހިނގައިގަތް ޒައުލްގެ ތުންފަތްމަތީގައި ބޮޑާ އެހެންނަމަވެސް، ކާމިޔާބުގެ ހިނިތުންވުމެއް ދައުރުވީ، އެތަނުގައި ތިބި ޒުވާން އަންހެން ކުދިންގެ ނަޒަރުތައް އޭނާއަށް ހުއްޓިފައިވާތީއެވެ. ފަޚުރުވެރިވެލާފައި އޭނާ ލޮލުގައި އަވި އައިނު އަޅައިލަމުން އޭނާގެ ފުންކަނޑެއްފަދަ މަޑު މުށިކުލައަކަށްދާ އެ ދެލޯ ފޮރުވައިލީ އިރުގެ އަލި ސީދާ މޫނަށް އެޅުމުންނެވެ.

ޒައުލްއަކީ ފިރެހެންވަންތަކަމުގައި ފުރިހަމަ ޒުވާނެކެވެ. އިސްކޮޅުން ދިގު ހަށިގަނޑާކާއެކު އޭނާ ކަސްރަތީ ހަށިގަނޑާއި، އަތުގެ ބާރުގަަދަ މުލައްދަނޑިއަކީ އޭނާގެ ފިރިހެންވަންތަ ސިފަތަކުގެ ތެރެއިން ބައެއް ސިފަތަކެވެ. ވާއަތުގައި ކުރަހާފައިވާ ޓެޓޫގެ ސަބަބުން ޒަމާނީ ފެޝަނުގެ އަވައިގައި ޖެހި ޣައިރު މުސްލިމުންގެ އާދަކާދަތަކަށް އޭނާ ލޯބިކުރާކަން އެނގެއެވެ. މަޑު ޗޮކްލެޓްކުލައެއް ޖައްސާލާފައި އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ގޮސް، އޭނާ ކާރަށް އަރާ އިށީނީ ޑްރައިވަރު ދޮރުފަތް ހުޅުވައިލަ ދިނުމުންނެވެ.

"ބައްޕަ ކޮބާ؟" އެ ސުވާލު ޒައުލްކޮށްލީ ޝާފިއު ކާރު ދުއްވައިލުމުންނެވެ.

"ބައްޕަ ހޮސްޕިޓަލުގައި…" ޝާފިއު ޖަވާބު ދެމުން ފަހަތުގައި އިން ޒައުލްއަށް ބަލައިލިއެވެ.

"ބައްޕައަށް ކިހިނެއްވީ؟ ކީއްވެ ހޮސްޕިޓަލުގައި....." ޒައުލްއަށް ދެވަނަ ސުވާލެއް ކޮށްލެވުނެވެ.

"ޒައުލްގެ ބައްޕަ އުޅުއްވަނީ ވަރަށް ބަލިކޮށް." މާ ބޮޑު ތަފްސީލެއް ނުދިންނަމަވެސް، ޝާފިއު އެ ސުވާލަށް ޖަވާބު ދިނެވެ.

"އަހަރެންގެ ފޮށިތައް ފަހުން ގެއަށް ގެންގޮސްދޭނަން ދޯ. އިހަށް އަހަރެން ގޮވައިގެން ބައްޕަ އޮތް ހޮސްޕިޓަލަށް ހިނގާބަލަ." ޒައުލް އެދުނެވެ. ޝާފިއު ބޯ ޖަހައިލިއެވެ. ކާރުގައި އިން ޒައުލްއަށް މަގުމައްޗާއި، އިންސްފްރާސްޓްރަކްޗަރއަށް އައިސްފައިވާ ބަދަލު ފާހަގަކުރެވުނެވެ.

*****

"ސާރ… މިހާރު ކިހިނެއް؟" އެނދުގައި އޮތް ޒަމީރަށް ބަލައިލުމާއެކު، ހައިޝަމް ވާހަކަ ދެއްކިއެވެ. އެވަގުތު ޙަޔާ ވެސް އެތާ ހުއްޓެވެ. އޭނާ އައީ ޒަމީރަށް ކާ އެއްޗެއް ހިފައިގެންނެވެ. ޒަމީރުމެން ގޭގައި ކައްކަން މީހަކު ގެންގުޅުނު ނަމަވެސް، އޭނާއަކީ އެއްގޮތަކަށްވެސް، ދިވެހި ކެއުން ތައްޔާރުކުރަން އެނގޭ މީހެއް ނޫނެވެ. ޙަޔާ ޒަމީރަށް ކާ އެއްޗެހި ގެނައީ ހައިޝަމް ޒަމީރު ހޮސްޕިޓަލުގައި ބާއްވާފައި އޮތް ވާހަކަ ބުނުމުންނެވެ. އަދި ގޭގައި ގެންގުޅޭ މީހާ ގެންނަ ކާއެއްޗެހި ޒަމީރަށް ނުކެވޭ ވާހަކަ ބުނުމުންނެވެ.

"ރަނގަޅު… " ވަރުދެރަ ގޮތަކަށް، ޒަމީރަށް ބުނެވުނެވެ. އޭނާ ގަޑިން ކިހާއިރެއްތޯ ސުވާލުކޮށްލިއެވެ.

"ހަތަރެއްޖަހަނީ…" ގަޑިއަށް ބަލައިލަމުން، ހައިޝަމް ބުނެލިއެވެ.

"ފޯނު…" ވަށައިގެން ބަލައިލަމުން، ޒަމީރު ސުވާލުކޮށްލުމުން ހައިޝަމް، އޭނާއަށް ހަނދާން ނެތިގެން ޒަމީރުގެ ފޯނު ނުގެނެވޭ ވާހަކަ ބުންޏެވެ. ޒަމީރު ވިސްނައިލީ ޒައުލްއަށް ގުޅާނެ ގޮތަކާ ދޭތެރޭގައެވެ. އޭނާ އާއްމުކޮށް ޒައުލްއަށް ގުޅަނީ އޮންލައިންކޮށް ކަމަށްވާތީ، އެ ނަންބަރުވެސް ހިތަކުން ނޭނގެއެވެ. އެހެންކަމުން، މާޔޫސްކަމާއެކު އޭނާ އިސްޖަހައިލިއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އޭނާއަށް ޝާފިއު މަތީން ހަނދާންވުމާއެކު، ހައިޝަމްގެ ފޯނުން ޝާފިއުއަށް ގުޅައިލި އެވެ. ރިންގްވެފައި ކެނޑުނުއިރުވެސް ޝާފިއު ފޯނެއް ނުނެގިއެވެ.

"ސާރ. އެއްޗެއް ކާލަންވީނު." ޙަޔާ އެދުނެވެ.

"ޙަޔާވެސް ބަލިވެ އުޅޭ ވާހަކަ ހައިޝަމް ބުނި. ބަލިވެ އުޅެމުންތަ ކައްކައިގެން ތިއައީ." ޒަމީރު ސުވާލުކޮށްލިއެވެ. އޭނާ ޙަޔާއަށް ޝުކުރުވެރި ބެލުމަކުން ބަލައިލިއެވެ.

"ނޫން ސާރ، އަދި އެހާ ބައްޔެއް ނޫން. އުޅެވޭވަރުވޭ. ٱلْحَمْدُ لِلَّٰهِ." ޙަޔާ އެހެން ބުނެލީ ހިނިތުންވެލަމުން ނަމަވެސް، ކޮންމެވެސް ކަހަލަ ހިތާމައެއްގެ އަސަރު ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޙަޔާގެ އަޑުން ފާޅުވިހެން ޒަމީރަށް ހީވިއެވެ.

"އެއީ.... އަނެއްކާ ބޮޑުކަމެއްވީތަ؟" ޒަމީރަށް އެ ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

"ސާރ… ފަހުން ތި ވާހަކަ ދައްކަމާ. މިވަގުތު އެހަށް އެއްޗެއް ކާލަން އުޅެމާ." ޙަޔާއަށް ބަލައިލުމަށްފަހު، ހައިޝަމް އެހެން ބުނެލުމުން ވެސް ޒަމީރަށް ޝައްކުވިއެވެ. އެހެންނަމަވެސް އެވަގުތު އިތުރު ސުވާލެއް އޭނާ ނުކުރީ ޙާލަތަށް ވިސްނާލާފައެވެ. ހައިޝަމްގާތުން ފަހުން އޮޅުން ފިލުވަން އޭނާ ނިންމަމުންނެވެ.

ފަހުން ކާނީ." ކާހިތް ނެތުމުން ޒަމީރު ބުނެލިއެވެ.

އެވަގުތު ނަރުސްކުއްޖަކު އައިސް، ބޭސް ސިޓީއެއް ދިއްކޮށްލާފައި އެއަށް ބޭސް ނަގައިގެން ގެނެސްދޭން ބުނުމުން ހައިޝަމް ދާން އުޅުނު ނަމަވެސް، ޒަމީރު ފާޚާނާއަކަށް ދާން ބުނުމުން ޙަޔާ ވާހަކަ ދެއްކީ އެކަނި އެނދުން ތެދުވެ ހެދުން ޒަމީރަށް އުނދަގޫވާނެކަން އެނގުމުންނެވެ.

"ދޮންބޭ. ގެނޭ އަހަރެން އަތަށް. ބޭސް ނަގައިގެން ގެނެސް ދީފާނަން. "ޙަޔާ ބުނެލިއެވެ. ހައިޝަމްވެސް ބޭސް ސިޓީ ޙަޔާ އަތަށް ދެމުން ޒަމީރަށް އެހީވުމަށް އަވަސްވެގަތެވެ.

ބޭސް ސިޓީ ހިފައިގެން ނުކުތް ޙަޔާ އެންމެ ފުރަތަމަ ދިޔައީ ހޮސްޕިޓަލު އެތެރޭގެ ފާމަސީއަށެވެ. އެތެރޭގެ އެއްވެސް ތަނަކުން ބޭސް ނުލިބުމުން އޭނާ ދެން ގަސްތުކުރީ ހޮސްޕިޓަލު ބޭރުގައި ހުރި ފާމަސީއަކަށް ދާށެވެ. އެ ދިމާލަށް ދާންވެގެން އެނބުރިލި ވަގުތު ކުއްލިއަކަށް ކުރިމައްޗަށް އެރި ޒުވާނާގެ ގައިގައި ޙަޔާ އަޅައިގަތުމާއެކު، އޭނާގެ ނޭފަތުގައި ހަރުލީ މީރުވަސްދުވާ ފިރިހެން ސެންޓެއްގެ ވަހެވެ.

"ސޮރީ…" ޙަޔާއާ އެ ޒުވާނާއަށް ބުނެލެވުނީ އެކު އެކީގައެވެ.

އެ ޒުވާނާވެސް ޙަޔާއަށް އިސް އުފުލައިލާ ބަލައިލުމާއެކު، އޭނާގެ ދެބުމަ ކުޑަކޮށް ގާތްވެގެން ދިޔުމާއެކު، ނުރުހުންތެރިކަން އެ މޫނުމަތީން ފާޅުވިއެވެ.

"ބަލައިގެން އުޅެބަލަ. ކިހާ ދެރަކަމެއްތަ؟" އެ ޒުވާނާގެ ނުރުހުންތެރިކަންވި އަޑު ޙަޔާގެ ކަންފަތުގައި ގުގުމާލިއެވެ. ޙަޔާ ނިކަން އަވަސް އަވަހަށް އެ ޒުވާނާއާ ނަޒަރު ވަކިކޮށްލަމުން ހިނގައިގަތީ އަދިވެސް އެއްފަހަރު މާފަށް އެދިފައެވެ.

އެ އަންހެން ކުއްޖާގެ އަޑުން މަޑުމައިތިރިކަން ފާޅުވިއެވެ. ނުރުހުންވެ ހުރެ ޒައުލްއަށް އެ ކުއްޖާ ގޮސް ލޯމަތީން ގެއްލެންދެން ބަލަހައްޓައިގެން ހުރެވުނެވެ. ނިޤާބު އަޅައިގެން ހުރިއިރު ލާފައިވާ ގަޔަށް ދޫ ޖިލްބާބު ސަބަބުން ހަށިގަނޑުގެ ބައްޓަން އެއްވެސް ވަރަކަށް ނޭނގެއެވެ. ލޯ ނޫނީ މުޅި އެ ހަށިގަނޑުން އެއްވެސް ތަނެއް ފެންނާކަށް ނެތެވެ. އިސްލާމްދީނުގައި އަންހެނުންގެ ހައްޤުތަށް ނިގުޅައިގަނެފައި ވާކަމަށް ބުނާ ބުނުމުގެ ހަޤީގަތް މިދަނީ ލޯމަތިން ފެންނާށެވެ. ޒައުލްގެ ހިތަށް އެރިއެވެ. އެ އަންހެން ކުއްޖާއަށް އެކަން ކުރަން މަޖުބޫރުކުރީ އަނެއްކާ، އޭނާގެ ކާކު ބާވައެވެ. ބައްޕަ ބާވައެވެ. ނޫނީ ފިރިމީހާބާއެވެ. އެހެން ނޫނީ އަނެއްކާ އެއީ މިއުޅޭ ހަރުކަށި ފިކުރުގެ އަންހެން ކުއްޖަކީ ހެއްޔެވެ؟ ޒައުލްގެ ނަޒަރުގައި ނިޤާބު އަޅާ ނިޔާވެގެން، އުޅޭނީ ދެ ވައްތަރެއްގެ އަންހެން ކުދިންނެވެ. އެއް ވައްތަރަކީ، މަޖުބޫރީގެ ސަބަބުން ނިޤާބު އަޅާ ކުދިންނެވެ. އަނެއްބައި ކުދިންނަކީ، ދީނަށް އުޅޭށޭ ކިޔާފައި އުޅޭ ހަރުކަށިފިކުރުގެ މީހުންނެވެ.

(ނުނިމޭ)