ޅ. ކަނުހުރާ އައިލެންޑް ރިސޯޓުން ހާހަކަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި ޔޫރޯ ވަގަށް ނަގައިގެން ފިލި އެ ރިސޯޓްގެ މުވައްޒަފަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ވައްކަމުގެ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރަކާއެކު މިއަދުން ފެށިގެން ހޯދަމުންދަނީ އައްޑު އަތޮޅު ހިތަދޫ ސްޓްރޯބެރީގޭ، އާސިމް އިބްރާހިމް 21، ކަމަށެވެ. އަދި ބުނީ އޭނާ ފިލާފައިވަނީ ރިސޯޓްގެ ރިސެޕްޝަން ކޭޝިއަރަށް ލިބިފައިހުރި 1250 ޔޫރޯ އާއި 1470 ޑޮލަރު ވަގަށް ނަގައިގެން ކަމަށެވެ. އާސިމް ފިލީ ކޮން އިރަކު ކަމެއް ފުލުހުން ނުބުނެ އެވެ.

ސަބްއިންސްޕެކްޓާ ހަސަން ހަނީފް މިރޭ ވިދާޅުވީ އާސިމް ހޯދަން ފަށާފައިވާއިރު އޭނާގެ ހަބަރެއް އަދި ނުވާ ކަމަށާއި މައްސަލައިގެ އިތުރު ތަފުސީލު ފަހުން ހާމަކުރާނެ ކަމަށެވެ.