02 Mar 2025, 17:01
ފްރެންޗް ލީގު އާންގައި އެންމެ ފަހުގެ ޗެމްޕިއަންގެ އިތުރުން ތާވަލްގެ އެއްވަނައިގާ އުޅޭ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އާއި ލީލް ބައްދަލުކުރި މެޗު ޕީއެސްޖީން ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މިމެޗު ޕީއެސްޖީއިން ފަށާފައިވަނީ ވެސް ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ހަވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޑްލީ ބާކޯލާއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 22ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން މާކީނިއޯސްއެވެ.
މިލަނޑު ޖެހިތާ ހަ މިނެޓް ފަހުން އުސްމާން ޑެންބެލޭ ވަނީ ޕީއެސްޖީއަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މިމެޗުގައި ޕީއެސްޖީގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 37ވަނަ މިނެޓުގައި ޑިސާއާ ޑޮއުއެވެ. މިމެޗުގައި ލީލްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 80ވަނަ މިނެޓުގައި ޖޮނަތަން ޑޭވިޑްއެވެ.
މިކާމިޔާބީ އާއެކު ޕީއެސްޖީ މިހާރު އުޅެނީ ކުޅުނު 24 މެޗުން ލިބިފައިވާ 62 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގާ އުޅޭ އޮލިމްޕިކް މާސޭ އާއި ދެމެދު 16 ޕޮއިންޓްގެ ފަރަގެއް އެބަހުއްޓެވެ. މީގެއިތުރުން މިސީޒަންގައި މިހާތަނަށް ލީގު އާންގައި ޕީއެސްޖީ އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެހެން ކަމުން އެއްވެސް މެޗަކުން ބަލިނުވެ ލީގް އާންގެ ސީޒަނެއް ނިންމާލާ ފުރަތަމަ ޓީމަށް ވުމާ ދެމެދު މިހާރު އޮތީ 10 މެޗެވެ. ރޭގެ މެޗުން ބަލިވުން ލީލް މިހާރު އުޅެނީ 41 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ލޯންސް އާއި ލު އާވްރާ ވައްދަލުކުރި މެޗު ހަތަރު ލަނޑު ތިން ލަނޑުން ލު އާވްރާ ކާމިޔާބު ކޮށްފައިވާއިރު ނީސް އާއި ސެއިންޓް އެޓިއޭން ބައްދަލުކުރި މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ނީސްއެވެ.