17 Jul 2012, 21:50
ބިޔަރު ކަމަށް ތުހުމަތުވާ އެއްޗެހިތަކެއް ބަރުކޮށްގެން ދިޔަ ޕިކަޕެއް ފުލުހުން މިރޭ އަތުލައިގެންފި އެވެ.
ފުލުހުން މި ޕިކަޕް ހިފަހައްޓާފައިވަނީ މާފަންނު ވެސްޓް ޕާކް ސަރަހައްދުގައި ހުންނަ އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން މިރޭ 8:30 އެހާކަންހާއިރު އެވެ. ފުލުުހުންގެ މީޑިޔާ އޮފިޝަލް މިރޭ ވިދާޅުވީ އެ ޕިކަޕްދިޔައީ ޓީޖެޓީ ސަރަހައްދުން ހަވީރީ ހިނގުމުގައި ހުންނަ އިމާރާތަކަށްކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބިޔަރު ކަމަށް ޝައްކުވާ 12 ކެގް ބަރުކޮށްގެން ދަތުރުކުރި އެ ޕިކަޕް ހިިފެހެއްޓުމަށްފަހު އެ އެތަކެއްޗާއި ހަވާލުވެގެން ޕިކަޕުގައި ތިބި ދެ މީހަކު ހައްޔަރުކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ދެ މީހުންގެ ތެރޭގައި ޕިކަޕްގެ ޑްރައިވަރު ނުހިމެނޭ ކަމަށާއި އެމީހާ ހައްޔަރު ނުކުރީ އެ ތަކެއްްޗާއި އޭނާޔާ ގުޅުމެއް އޮތް ކަމަށް މިހާތަނަށް އެނގިފައި ނުވާތީ ކަމަށެވެ.
ޕިކަޕް ފާސް ކުރަމުންދިޔައިރު އެ ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން ސަންއަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ ޕިކަޕް ބަރުކޮށްފައި ވަނީ ބިޔަރު ކެގްތަކަކުން ކަމަށާއި ފުލުހުން އެ ޕިކަޕް ހިފަހައްޓާފައި ވަނީ ވެސް ބިޔަރު ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.