02 Mar 2025, 14:38
ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން އާއި އެއިންޓްރެކްޓް ފްރޭންކްފާޓް ބައްދަލުކުރި މެޗު ލެވަކޫސެންއިން ކާމިޔާބު ކޮށްފިއެވެ.
ފްރޭންކްފާޓްގެ ދަނޑުގައި ކުޅުނު މިމެޗު ލެވަކޫސެންއިން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. ލެވަކޫސެންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގަފައިވަނީ ވެސް ލެވަކޫސެންއެވެ. މިލަނޑު މެޗުގެ 26ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ނެތާން ޓެލާއެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓް ފަހުން ނޯޑީ މުކިއެލޭ ކާމިޔާބު ކޮށްދިން ލަނޑުން ލެވަކޫސެންއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. އަދި ހަމައެއާއެކު މެޗުގެ 33ވަނަ މިނެޓުގައި ޕެޓްރިކް ޝިކް ވަނީ ލެވަކޫސެންއަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ.
މިމެޗުގައި ފްރޭންކްފާޓްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 37ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހޫގޯ އެކިޓިކޭއެވެ. މިމެޗުގައި ލެވަކޫސެންގެ ފަހު ލަނޑު މެޗުގެ 62ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެލެއިކްސް ގާސިއާއެވެ.
މިކާމިޔާބީއާއެކު ލެވަކޫސެން މިހާރު އުޅެނީ 53 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އެއްވަނައިގާ އުޅޭ ބަޔެން މިޔުނިކާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ 8 ޕޮއިންޓަށް ކުޑަވެގެން ގޮސްފައެވެ. މިމެޗުން ބަލިވުމުން ފްރޭންކްފާޓް އުޅެނީ 42 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.
މިމުބާރާތުގައި އާރްބީ ލެއިޕްޒިގާއި މައިންޒް ބައްދަލުކުރި މެޗު ދެލަނޑު އެއް ލަނޑުން ކާމިޔާބު ކޮށް މައިންޒް މިހާރުވަނި ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. މިމެޗުގެ ލީޑު މެޗުގެ އެއްވަނަ މިނެޓުގައި ޒާވީ ސިމޮންސް ޖަހައިދިން ލަނޑުން ލެއިޕްޒިގް ނެގި ނަމަވެސް މައިންޒް އިން ވަނީ ދެވަނަ ހާފުގައި ނަޑިއެމް އަމީރީ އާއި ކެޕްޓަން ޖޮނަތަން ބާކާޑް ކާމިޔާބު ކޮށްދިން ދެ ލަނޑުން މިމެޗު ކާމިޔާބު ކޮށްފައެވެ. މިކާމިޔާބީ އާއެކު މައިންޒް ހަތަރު ވަނައަށް ކުރިއަށް ޖެހިލީ 41 ޕޮއިންޓާއެކުއެވެ. އަދި ލެއިޕްޒިގް އުޅެނީ 38 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ.