02 Mar 2025, 14:23
އިޓާލިއަން ސެރީއާގެ އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާން އާއި މިފަހަރު ލީގުގައި އިންޓާ އާ އެންމެ ބޮޑަށް ވާދަކުރަމުންދާ ނަޕޯލީގެ ކުރިމަތިލުން އެއްވަރު ވެގެން ނިމިއްޖެއެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނަޕޯލީންނެވެ.
ނަމަވެސް މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފާ ވަނީ އިންޓާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 22ވަނަ މިނެޓުގައި ފެޑެރީކޯ ޑިމާކޯއެވެ. މިލަނޑާއެކު އިންޓާއިން ހަމަލާޖެހިލާ އެޓީމަށް ލިބިގެންދިޔަ ލީޑު ދިފާއުކޮށް ލިބޭ ފުރުސަތު ތަކުގައި ހަމަލާއަށް އިސްކަން ދޭން ފެށިކަން ފާހަގަ ވެގެންދިޔައެވެ. މިމެޗުން ނަޕޯލީ ބަލިނުވެ ސަލާމަތް ކޮށްދިނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ފިލިޕް ބިލިން ޖަހައިދިން ލަނޑުންނެވެ. މިމެޗުގައި މީގެ އިތުރުން ވެސް ނަޕޯލީއަށް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔައިރު އިންޓާއިން ކާމިޔާބު ކުރި ލަނޑު ފިޔަވާ ނަޕޯލީގެ ގޯލަށް އިތުރު ހަމަލާއެއް އަމާޒު ކުރެވިފައެއް ނުވެއެވެ.
މިމެޗު އެއްވަރު ވުމުން އިންޓާ އަދިވެސް އުޅެނީ ތާވަލުގެ އެއްވަނައިގައެވެ. އެއީ 58 ޕޮއިންޓާއެކުއެވެ. އަދި ނަޕޯލީ އުޅެނީ 57 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. މިމުބާރާތުގައި ތާވަލުގެ ތިންވަނައިގައި އުޅޭ އެޓަލާންޓާ އާއި ވެނެޒިއާ ބައްދަލުކުރި މެޗު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.
މިމެޗުން އެޓަލާންޓާއަށް ތާވަލްގެ އެއްވަނައިގާ އުޅޭ އިންޓާ އާއި ޕޮއިންޓްގެ ގޮތުން ހަމަކުރެވި ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހުމުގެ ފުރުސަތު ލިބިގެން ދިޔައީހެވެ. ނަމަވެސް މިމެޗު އެއްވަރު ވުމުން އެޓަލާންޓާ މިހާރު އުޅެނީ 55 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އަދި ވެނެޒިއާ އުޅެނީ 18 ޕޮއިންޓާއެކު ތާވަލްގެ 19ވަނައިގައެވެ.