އަބޫދަބީ ( ޖުލައި 17): ގަލްފުގެ ސަރަޙައްދުގައި ދަތުރުކުރަމުން ގެންދިޔަ ކަނޑުގެ އުޅަނދަކަށް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކުން ޙަމަލާދީ އެބޯޓުގެ ފަޅުވެރިއަކު މަރާލައިފި އެވެ.

ޔުނައިޓެޑް އަރަބް އިމަރޭޓްސް އިންބުނީ ޙަމަލާދެވުނު ބޯޓަކީ އެޤައުމުގެ ކަނޑުގެ އެންމެ ބޮޑު ބަނދަރު ކަމަށްވާ ޖަބަލް ޢަލީގެ ކައިރިން ދަތުރުކުރި މަސްބޯޓެއް ކަމަށާއި އެބޯޓުގައިތިބީ އިންޑިޔާގެ ތިން ފަޅުވެރިންކަމުގަ އެވެ. އިންޑިޔާގެ ޚާރިޖިއްޔާ އިން ވަނީ އެމެރިކާގެ ޙަމަލާގައި އިންޑިޔާގެ ރައްޔިތަކުމަރުވެ އިތުރު ތިން ރައްޔިތަކު ޒަޚަމްވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. މިޙަމަލާގެ ޒިންމާ އެމެރިކާ އުފުލާފައިވާ ކަމަށާއި އަދި މިމައްސަލަ ތަޙްޤީޤް ކުރަމުން ގެންދާކަމަށް ވެސް އިންޑިޔާ ބުނެ އެވެ.

އެމެރިކާއާ އެތައްހާސް މޭލެއްގެ ދުރުގައިވާ ގަލްފުގެ ސަރަޙައްދަށް ވަދެގަނެގެން އުޅޭ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކުން 1989 ގައި ވަނީ ގަލްފުގެ މަތިން ދަތުރުކުރި އީރާނުގެ ފަސިންޖަރު މަތިންދާބޯޓަކަށް ވެސް ޙަމަލާދީ އެބޯޓުވައްޓާލާފަ އެވެ. މިޖަރީމާގައި އެބޯޓުގެ ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން މަރުވެފައިވެ އެވެ.

ޔޫއޭއީގެ ޖަބަލް ޢަލީ ބަނދަރުގެ ކައިރިން ދަތުރުކުރި މަސްބޯޓަށް ޙަމަލާދިން ކަމަށް ވަނީ ބަޙްރައިންގައި ބަނދަރުކޮށްފައިވާ އެމެރިކާގެ ފަސް ވަނަ ކަނޑުގެ ފްލީޓަށް ނިސްބަތްވާ މަނަވަރަކުން ކަމަށް ޚަބަރު ލިބެ އެވެ. (ރޮއިޓާސް)