މިއަދުގެ ރެސިޕީއަކީ އެސްއެސްޓީވީން ރޯދަމަހަށް ޚާއްސަކޮށް ގެންނަ 'ދިވެހި ރަހަ' ޕްރޮގްރާމުގައި ދައްކުވައިދޭ، ދިވެހިވަންތަ ރެސިޕީއެކެވެ. އެގޮތުން މިއީ މ. މުލަކުގައި ބަނބުކެޔޮ ހިތި ތައްޔާރުކުރާ ގޮތެވެ.

ބޭނުންވާނެ ތަކެތި:

  • ބަނބުކެޔޮ

  • ކޮތަނބިރި
  • ދަވިއްގަނދު
  • ދިރި
  • އަސޭމިރުސް
  • ރޯ މިރުސް
  • ހިކަނދިފަތް
  • ރާނބާފަތް
  • އިނގުރު
  • ވަޅޯމަސް
  • ބޯކިރު
  • ފެންކިރު
  • ރީނދޫ
  • ދިވެހި ހަވާދު

ތައްޔާރުކުރާނެ ގޮތް

ބަނބުކޭލުގެ ތޮށި މަށައި، ކަރުގަނޑު ނެގުމަށް ފަހު ކޮށާލާށެވެ. ކޮންމެ އެތިކޮޅެއްގައި އިންޗިއެއް ވަރު ހުންނަ ވަރަށް ކޮށުމުން ރަނގަޅުވާނެއެވެ.

އެންމެ ފުރަތަމަ ބަނބުކޭލާއި ފެންކިރާއި ފެން ތެއްޔަށް އަޅައި، ބަނބުކެޔޮ މަޑުކުރަން އުދާނީއެވެ. އޭގެ ތެރެއަށް ހިކަނދިފަތާއި ރާނބާފަތް ވެސް އަޅާލަންވާނެއެވެ.

ބާކީ ހުރި އެއްޗެހި އަޅާނީ ބަނބުކެޔޮ މަޑުވުމުންނެވެ. އެއީ ވަޅޯމަހާއި ހަވާދާއި މިރުހެވެ.

އެއަށްފަހު ހުރިހާ އެއްޗެއް އެއްކޮށް ކެކެންދެން މަޑުކޮށްލުމަށްފަހު، ބޯކިރު އަޅައި އެއްކޮށްލުމަށްފަހު، އުނދުން ނިއްވާލާނީއެވެ.

އެހާ ހިސާބުން ބަނބުކެޔޮ ހިތި ކައްކައި ނިމުނީއެވެ. އަދި ބަތާއި ރޮއްޓާއެކު ކެވޭނެއެވެ.