ސްޕެނިޝް ލަލީގާގައި އެޓްލެޓިކޯ މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައަށް އެޓްލެޓިކޯ އަރައިފިއެވެ.

އެޓްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުން ދާދި ހަމަހަމަކޮށް ބޯޅަ ގެންގުޅެފައިވާއިރު ގިނަ ހަމަލާ އުފައްދާފައި ވަނީ ބިލްބާއޯއިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ.

މިގޮތުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ވެސް ލިބިގެންދިޔަކަން ފާހަގަ ވެގެންދިޔައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މިމެޗުގައި އެޓްލެޓިކޯއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 66ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހޫލިއަން އަލްވަރޭޒްއެވެ.

މިއީ އޭނާ މިސީޒަންގައި ލަލީގާގައި ކާމިޔާބުކުރި 10ވަނަ ލަނޑެވެ. އަދި މީގެއިތުރުން ވެސް އޭނާ އަންނަނީ މިސީޒަންގައި އެޓްލެޓިކޯއަށް ބަދަލުވިފަހުން މޮޅު ކުޅުމެއް ދައްކަމުންނެވެ. މިމެޗުގައި އެޓްލެޓިކޯއިން ލީޑު ނެގި ނަމަވެސް ބިލްބާއޯގެ ހަމަލާތަކުގެ ސަބަބުން ހަމަޖެހިލެވޭގޮތެއް ނުވިއެވެ. އަދި މިގޮތުން ބިލްބާއޯއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެގެން ގޮސްފައެވެ. ބިލްބާއޯގެ ބެނާތު ޕްރަޑޯސް ފޮނުވާލި ހަމަލާ އެޓްލެޓިކޯ ގޯލްގެ ދަނޑީގައި ޖެހިފާ ނިކުން ބޯޅަ އިނާކީ ވިލިއަމްސް ޖެހުމުން ވެސް ދަނޑިގައި ޖެހިފާ ދިޔައީ ބޭރަށެވެ.

މިކާމިޔާބީއާއެކު އެޓްލެޓިކޯއަށް މިހާރުވަނީ ކުޅުނު 26 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ ލިބިފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެޓީމު ކުޅުނު މެޗުން ބަލިވުމެވެ.

ރެއާލް ފަހަތަށް ޖައްސާލާ ތާވަލްގެ އެއްވަނައަށް އެޓްލެޓިކޯއަށް އެރިފައިވާއިރު ޔުއޭފާ ޗެމްޕިއަންސް ލީގުގައި ފަހު 16 ޓީމުގެ ބުރުގައި މިދެޓީމު ބައްދަލުކުރާ މެޗު ކާމިޔާބު ކުރެވިއްޖެނަމަ އެޓްލެޓިކޯއަށް ރެއާލްގެ މައްޗަށް އިތުރު ކާމިޔާބީއެއް ހާސިލް ކުރެވިގެން ދާނެއެވެ. އަދި މިމެޗުން ބަލިވުމުން ބިލްބާއޯ އުޅެނީ 48 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ.