ގިނަ ބަޔަކު މޫދަށް އެރުމަށާއި އުފާކުރުމަށް ޒިޔާރަތް ކުރާ އާޓިފިޝަލް ބީޗް ސަރަހައްދު ޒަމާނީ ވަސީލަތްތަކާއި އެކު ރަނގަޅު ފެންވަރަކަށް ތަރައްގީކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެގޮތައް ނިންމެވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ހައުސިން މިނިސްޓްރީން ހުށަހެޅި ކަރުދާހަކާއި މެދު ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އެގޮތުން އެ ސަރަހައްދު ތަރައްގީ ކުރާނީ ހުރިހާ އުމުރުފުރައެއްގެ މީހުންނާވެސް ގުޅޭ ގޮތައް ހަފްލާތަކާއި އެހެނިހެންވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވޭ ގޮތަށް ކެއިން ބުޔުމުގެ އިންތިޒާމު ތަކާވެސް އެކު އެވެ.

މިއަދުގެ ބައްދަލުވުމުގައި ވަޒީރުން ވަނީ އެ ސަރަހައްދު ތަރައްގީކުރުމަށް ރޭވިފައިވާ ޕްލޭނާއި އެއްގޮތައް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ފާހަގަ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެތަން ފެހި ރައްކާތެރި މާހައުލެއްގެ ގޮތުގައި ވީ އެންމެ އަވަހަކަށް އެތަން ތަރައްގީކުރުމުގެ މުހިންމުކަން މެންބަރުން ފާހަގަކުރެއްވި ކަމަށްވެސް ބުންޏެވެ.