02 Mar 2025, 09:16
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޑްރީމް ވޯކްސް އެންޓަޓެއިންމަންޓްގެ އެނިމޭޓަޑް ފިލްމު "ޝްރެކް 5"ގެ ކާސްޓު އިއުލާނުކޮށް ފުރަތަމަ ޓީޒާ ޓްރެއިލަރު އާންމުކޮށްފިއެވެ.
ޔުނިވާސަލްއިން މީގެ ދެ އަހަރެއް ކުރީން އިއުލާނުކޮށްފައިވާ ޝްރެކްގެ ފަސްވަނަ ބަޔަކީ އޮރިޖިނަލް ކާސްޓާއެކު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. އެގޮތުން އަލަށް ނެރުނު ޓްރެއިލަރުގައި ފިލްމުގެ އޮރިޖިނަލް ކާސްޓުން އިއުލާނު ކޮށްފައިވެއެވެ.
އެގޮތުން ޝްރެކްގެ ފަސްވަނަ ބައިން ޝްރެކްގެ ރޯލުން މައިކް މަޔާސް ފެންނާނެ ކަމަށް ބުނެފައިވާއިރު، ޑޮންކީގެ ރޯލުން އެޑީ މާފީ ފެންނާނެއެވެ. އަދި ފިއޯނާގެ ރޯލުން ކެމެރަން ޑިއާޒް ވެސް ފެނިގެންދާނެ ކަމަށް ވަނީ ޓީޒަރުން ވަނީ އެނގިގެން ގޮސްފައެވެ.
ފިލްމުގެ ކާސްޓަށް އިތުރު އެކްޓަރެއް ވެސް ވަނީ އިތުރު ކޮށްފައެވެ. އެއީ ޝްރެކްގެ ދަރިފުޅުގެ ރޯލު ކުޅޭނެ އެކްޓަރެވެ. މި ރޯލަށް ކާސްޓުކޮށްފައިވަނީ މިވަގުތު އެންމެ ޑިމާންޑު ބޮޑު އެއް ތަރި ކަމަށްވާ ޒެންޑެޔާއެވެ.
މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ޝްރެކް ވަނީ ދާދިފަހުން އަންނަ އަހަރަށް ޑިލޭ ކޮށްފައެވެ. މިހާރު ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނި އަންނަ އަހަރުގެ ޑިސެމްބަރު 25 ގައެވެ.
އަލަށް ނެރުނު ޓްރެއިލަރުން އާ އެނިމޭޝަނާއި ކެރެކްޓަރުން ފެނިގެން ގޮސްފައިވެއެވެ.
އެންމެ ފަހުން ޝްރެކްގެ ފިލްމެއް އާއްމުންނާ ހަމައަށް އައިސްފައިވަނީ 2010ވަނަ އަހަރެވެ. އެ ފިލްމަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. މި ފްރެންޗައިޒްގެ ދަށުން ނެރުނު އޮރިޖިނަލް ހަތަރު ފިލްމުގެ އާމްދަނީ އެއް ބިލިއަން ޑޮލަރުން މައްޗެވެ. އަދި ފްރެންޗައިޒްގެ ސްޕިން އޮފް ފިލްމެއް ވަނީ 2022ވަނަ އަހަރު ނެރެފައެވެ. މި ފިލްމަށް ވަނީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.