17 Jul 2012, 20:16
ރާއްޖޭގައި އުޅޭ ބިދޭސީންގެ ނިސްބަތް އާދަޔާއި ހިލާފަށް އިތުރުވަމުން އަންނަ ކަމަށާއި ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ނިސްބަތް 2018 ވަނަ އަހަރު އަންނަ އިރު ދިވެހިންގެ އާބާދީއާއި އެއްވަރު ވާނެ ކަމަށް އިމިގުރޭޝަން ޑިޕާޓް މަންޓުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހާލަތާއި ގުޅޭގޮތުން ކޮންޓްރޯލާ ޑރ. މުހަންމަދު އަލީ މިއަދު ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީ ލައްކައަކާއި ގާތް ކުރާއިރު ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 30،000އާ 35،000އާ ގާތް ކުރާ ކަމަށެވެ. އަދި އެ މީހުން ރަނގަޅަށް ރެގިއުލޭޓް ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ ބިދޭސީންގެ އަދަދު ކޮންމެ އަހަރަކު 20 ޕަސެންޓް އިތުރުވަމުން އަންނަ ކަމަށެވެ.
"އެ އަދަދުން ބަލާނަމަ 2018 ވަނަ އަހަރު ރާއްޖޭގެ އާބާދީއާ ބިދޭސީންގެ އާބާދީވެސް އެއްވަރުވާނެ، އަދި 15 ޕަސެންޓް އިތުރުވަމުންދަންޏާ 2020 ވަނަ އަހަރު ރާއްޖޭގެ އާބާދީއާ ބިދޭސީންގެ އާބާދީ އެއްވަރުވާނެ،" ކޮންޓްރޯލާ ވިދާޅުވި އެވެ.
ދެހާސް ނުވަވަނަ އަހަރު 41000 މީހުން ވިސާ ފީގެ ގޮތުގައި 62 މިލިއަން ރުފިޔާ ލިބިފައިވާއިރު 16900 މީހަކު ފީދައްކާފައި ނުވާކަމަށް މުހަންމަދު އަލީ ވިދާޅުވި އެވެ. އަދި ވިދާޅުވީ 2010 ވަނަ އަހަރު 55000 މީހުން ފީގެ ގޮތުގައި ލިބިފައިވަނީ 166 މިލިއަން ރުފިޔާ ކަމަށެވެ. އެ އަހަރު 28000 މީހަކު ފީނުދައްކާ ކަމަށްވެސް ކޮންޓްރޯލާ ވިދާޅުވި އެވެ. އެހެން ކަމުން ބިދޭސީންގެ ވިސާ ފައިސާގެ ގޮތުގައި ދައުލަތަށް 83 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ކޮންޓްރޯލާ ވިދާޅުވި އެވެ.
"މި ކަމަށް އޮތް ހައްލަކީ ރަނގަޅު ބޯޑާ ކޮންޓްރޯލްގެ ނިޒާމެއް ގާއިމް ކުރުން، މި މީހުން މޮނީޓާ ކުރެވޭނެ މެކޭނިޒަމެއް ރޭވުން، ރާއްޖޭގެ ބޯޑަރު މިހާބޮޑަށް ހުޅުވާލާފައި އޮންނަކަން އިނގޭއިރު މީގެ ނާޖާއިޒު ފައިދާ ނަގައި އެތައް ބަޔަކު އެބަ އުޅޭ، މިކަން ހައްލުކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭނީ،" ކޮންޓްރޯލާ ވިދާޅުވި އެވެ.
ޑެޕިއުޓީ ކޮންޓްރޯލާ ހާމިދު ފަތުހު ﷲ ވިދާޅުވީ ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ހުއްޓުވުމުގެ ގޮތުން އެމީހުންގެ ޕްރޮފައިލެއް ތައްޔާރުކޮށްފައިވާ ކަމަށާއި އެމީހުން ހޯދުމަށް އިންސްޕެކްޝަންތަކެއް ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދޭނީ ބިދޭސީން ނަހަމަ ގޮތުގައި ރާއްޖެ އެތެރެކުރެވުން ހުއްޓުވިގެން ކަމަށާއި އެކަމަށް ރަނގަޅު ހަރުދަނާ ބޯޑާކޮންޓްރޯލް ނިޒާމެއް ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެއްވެސް ޔަގީންކަމެއް ނެތް ފޯޖް ޑޮކިއުމަންޓެއްގައި ގަވާއިދާއި ހިލާފަށް ބަޔަކު ރާއްޖެ އެތެރެ ނުވާނެޔެކޭ، މިހާރު ހުރި ނިޒާމުގެ ހާލަތު ހުރީ ފުރުން މަނާކޮށްފައިވާ މީހަކުވެސް ފުރައިގެން ދާން އުޅުނަސް މެނުއަލީ އެކަން ކުރަންޖެހިދާނެ ކަހަލަ ހާލަތެއްގައި،" ހާމިދު ވިދާޅުވި އެވެ.