00:41


ސިވިލްސާވިސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް ހޮވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ސިވިލްސާވިސް ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ށ ގައިވާ ގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް  ހޮވުމުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު ސިވިލް ސާވިސް ކޮމިޝަނަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ފަސް ބޭފުޅުންނަކީ މއ. ކިނބި ޑރ. މުޙަންމަދު ލަޠީފާއި، ގަލޮޅު ކޮއްކިރި މުޙަންމަދު ފަހުމީ ޙަސަނާއި، ގަލޮޅު ނިއުވޭވްސް އަޙްމަދު ޙަސަންދީދީ އާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ޢަބްދުﷲ ޖިހާދާއި، ގަލޮޅު އަލަފަރު ޚަދީޖާ އާދަމެވެ.


މާދަމާގެ ޖަލްސާގައި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާއް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު 62 ވަނަ މާއްދާގެ ރ ގައިވާ ގޮތުގެ މަތިން ލޯކަލް ގަވަރުމަންޓ އޮތޯރިޓީގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަދަނީ ޖަމިއްޔާއެއްގެ މެންބަރަކާއި އެމާއްދާގެ ބ ގައިވާ ގޮތުގެ މަތިން އެ ބޯޑަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކު ހޮވުމަށްޓަކައި މަޖިލީހުގެ އިދާރާއިން ކުރި އިއުލާނަށް އިޖާބަ ދެއްވާ ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް އިއުލާނު ކޮށް މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވުން ވެސް ހިމެނެ އެވެ.