ޕާޓީތަކުގެ މަޝްވަރާތައް ކާމިޔާބު ނުވެގެން އުޅޭނީ މަޝްވަރާތަކުގައި ބައިވެރިވާ ޕާޓީތަކުގެ ބޭފުޅުންގެ ފެންވަރުން ނޫން ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ޕާޓީތަކުގެ މަޝްވަރާތައް ކާމިޔަބުނުވެގެން އުޅެނީ މަޝްވަރާތަކުގައި ބައިވެރިވާ ޕާޓީތަކުގެ ބޭފުޅުންގެ ފެންވަރުން ނޫން ކަމަށާއި ޕާޓީ ޓޯކްސްގެ ބައްދަލުވުމުގައި އިހުލާސްތެރިކަން ދައްކަން ޖެހެނީ އެމްޑީޕީން ކަމަށެވެ.

"...ވާހަކަތައް ނާކާމިޔާބުވެގެން މިއުޅެނީ ވާހަކަތަކުގައި ޕާޓީތަކުން ބައިވެރިވާ ބޭފުޅުންގެ ފެންވަރުން ކަމަށް ޕީޕީއެމުން ގަބޫލުކުރަން ދަތި. އެހެންކަމުން އެމްޑީޕީ އިން ރައްޔިތުންގެ މަސްލަހަތު އިސްކުރާ ނަމަ އިހުލާސްތެރިކަމާ އެކު ވާހަކަތަކުގައި ޕީޕީއެމް ބައިވެރިވާން އޮތީ ތައްޔާރަށް،"ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.

ޕީޕިއެމުން ބުނެފައި ވަނީ އެމްޑީޕީން ފެބުރުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ރާއްޖެ ހަލަބޮލިކޮށްލައި އެމްޑީޕީގެ ފަރާތުން މަގުމަތީގައި ހިންގާ ހަރަކާތްތަކުން ފުލުހުންނާއި ސިފައިންނަށްދޭ ގެއްލުންތައް ހުއްޓުވައި ދައުލަތުގެ މުދަލަށާއި އަމިއްލަ މީހުންގެ މުދަލަށް ދެމުން ގެންދާ ބޮޑެތި ގެއްލުންތައް ހުއްޓުވައި ގާނޫނީ އިމުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް ބާރުއެޅުމަށް ޓަކައި ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށެވެ.

"...އެހެންކަމުން ފެށިފައިވާ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް މިޕާޓީން ބާރު އަޅަން. މިވާހަކަތަކުގެ ބޭނުމަކީ މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން މިކަމުގެ ހުރި ހުރަސްތައް ދެނެގަނެ އެކަންކަމަށް ބޭނުންވާ އިސްލާހުތައް ގެނެސް ރާއްޖޭގައި ހިންގާ ސިޔާސީ ހަރަކާތްތައް ގާނޫނީ އިމުގެ ތެރެއަށް ގެނައުމާ އެކު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ބޭނުންވާ އަމާން ވެއްޓެއް ގާއިމު ކުރުން،" ބަޔާނުގައިވެ އެވެ.

ޕީޕީއެމުން ބަޔާނެއް ނެރުނު އިރު އެމްޑީޕީގެ އިންތިހާބީ ލީޑަރު ރައީސް މުހައްމަދު ނަޝީދު ވަނީ ޕަޓީތަކުގެ ވާހަކަތަކުގައި ނަޝީދާ އެކު ރައީސް މައުމޫނު ވެސް ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާފަ އެވެ.