ވަޒީފާގެ މާހައުލުގައި އަންހެނުނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން މިއަދު މުޒާހަރާއެއް ކޮށްފި އެވެ.

މިއަދު 2:00 ޖަހާއެހާކަންހާއިރު ވިއްސަކަށް އަންހެނުން ވެލާނާގޭ ކުރިމަށްޗަށް އެއްވެ ކުރިއަށް ގެންދިޔަ އެ މުޒާހަރާގައި އެމީހުން ގޮވަމުންދިޔައީ ވަޒީފާގެ މާހައުލުގަޔާއި އެހެނިހެން މާހައުލުތަކުގައި ވެސް އަންހެނުނަށް ޖިންސީ ގޯނާ ނުކުރުމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ ފަހުމީ މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފަ އެވެ.

އެ މުޒާހަރާގައި ވާހަކަދެއްވި އަންހެނަކު ބުނީ އިސް މަގާމްތަކުގައި ތިބޭ މީހުން އެމީހުންގެ ނުފޫޒް ބޭނުންކޮށްގެން ޖިންސީ ގޯނާ ކުރަމުންގެންދާ ކަމަށާއި އެކަން މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމަށެވެ.

"އެމީހަކުގެ މަންމައެއް ނުވަތަ ކޮއްކޮއެއް ނުވަތަ ދައްތައަކަށް އެފަދަ ފުރައްސާރައެއް ކުރިމަތިވާކަށް އެކަކު ވެސް ނޭދޭނެ. އެހެންކަމުން އެހެންމީހުނަށް ވެސް އެފަދަ އަމަލުތައް ހިންގައިގެން ނުވާނެ،" މުޒާހަރާގައި ވާހަކަދެއްވި އަންހެނަކު ބުންޏެވެ.

އެއްވެސް ހަމަނުޖެހުމެއް ނުހިގައި ކުރިއަށް ދިޔަ އެ މުޒާހަރާގައި އަންހެނުނަށް ކުރާ ޖިންސީ ގޯނާތަކުން އަންހެނުން ރައްކާތެރިކުރުމުގެ ގޮތުން އެ މައްސަލަތައް މިހާރުން މިހާރަށް ތަހުގީގް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އެ ބޭފުޅުން ވަނީ ގޮވާލައިފަ އެވެ.

ސީއެސްސީގެ ރައީސް ފަހުމީ އިސްތިއުފާ ނުދެއްވަނީސް މުޒާހަރާތައް ނުހުއްޓައި ކުރިއަށް ގެންދާނެ ކަމަށް ބުނެ މިއަދު އެމްޑީޕީން ކުރި މުޒާހަރާ ނިންމާލާފައި ވަނީ މިއަދު 4:00 ޖަހާއެހާކަން ހާއިރު އެވެ.