17 Jul 2012, 16:47
އަވަސް މުއްދަތެއްގައި ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ނިޒާމެއް ގާއިމު ނުކުރެވިއްޖެ ނަމަ ރާއްޖޭގެ ބޯޑަރުން މީހުން ބޭރުވެ އެތެރެ ވުން ހުއްޓުވަން ޖެހިދާނެ ކަމުގެ އިންޒާރު އިމިގްރޭޝަން ކޮންޓްރޯލާ ޑރ. މުހަންމަދު އަލީ މިއަދު ދެއްވައިފި އެވެ.
ކޮންޓްރޯލާގެ ކުއްލި އިންޒާރު އައިސްފައި މިވަނީ 39 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 601 މިލިއަން ރުފިޔާގެ) ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް މަޑުޖައްސާލަން ހައިކޯޓުން ދެ ވަނަ ފަހަރަށް އިއްޔެ އަމުރެއް ނެރެފައި ވަނިކޮށެވެ.
ހައިކޯޓްގެ އަމުރާއި ގުޅިގެން ނޫސްވެރިންނާ ބައްދަލު ކުރައްވާ މުހަންމަދު އަލީ މިއަދު ވިދާޅުވީ ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ ބޯޑާ ކޮންޓްރޯލް ނިޒާމަކީ 2003 ވަނަ އަހަރު ގާއިމްކުރި ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ތެރެއިން ރާއްޖެއަށް އައިސް ގޮސްފައިވާ މީހުން ރަނގަޅަށް ބަލައި މޮނިޓާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ބޯޑަރުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާމެދު ސުވާލު އުފެދޭނަމަ އެކަން ކަށަވަރު ކުރުމަކީ ކޮންޓްރޯލާގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރުގެ ނިޒާމަކީ ކެނެޑާގައި މީގެ 13 އަހަރު ކުރިން ބޭނުންކޮށްފައި ހުރި ވަރަށް ސިމްޕަލް [އާދައިގެ] ނިޒާމެއް، އެހެންވީމަ އެ ނިޒާމުގެ ތެރެއިން ޑީޕޯޓް ކުރާ މީހުން ހޯދޭކަށް ނުހުރޭ، ކޮންމެ ބަޔަކަށް ވެސް ރާއްޖޭގެ ބޯޑަރު މި އޮންނަނީ ހުޅުވާލެވިފައި، އެ ރައްކާތެރިކަން ނެތް ނަމަ ރާއްޖޭގެ ބޯޑަރުން ބިދޭސީން އެތެރެ ވުމާއި ބޭރުވުން އަޅުގަނޑަށް ހުއްޓުވަން ޖެހިދާނެ، އަޅުގަނޑުގެ ޒިންމާއެއް ބޯޑަރުގެ ރައްކާތެރިކަން ކަށަވަރު ކުރުން،" ކޮންޓްރޯލާ ވިދާޅުވި އެވެ.
މިހާރު ކުރިއަށް ގެންދާ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ކުރިއަށް ނުގެންދާނަމަ ރާއްޖެއަށް އެކި ވަރުގެ ނުރައްކާތަކާއި ކުރިމަތިވެދާނެކަން ފާހަގަ ކުރާއިރު އޭސީސީން އެ ޕްރޮޖެކްޓް ހުއްޓުވަން މަސައްކަތް ކުރަނީ ޕްރޮޖެކްޓްގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހިމެނޭތީ ކަމަށްބުނެ އެވެ.
އޭސީސީގެ އެ މަސައްކަތްތަކަށް ރައްދުވާ ގޮތަށް ކޮންޓްރޯލާ މިއަދު ވިދާޅުވީ ގައުމަށް ހެޔޮ އެދޭ އެއްވެސް ބަޔަކު ރައްޔިތުންނަށާއި ރާއްޖެއަށް އެހާ ބޮޑު ފައިދާއެއްވާ މަސައްކަތެއް ހުއްޓުވަން މަސައްކަތް ނުކުރާނެ ކަމަށެވެ.
"ގައުމުދެކެ ލޯބިވާ ބަޔަކު އެ ގޮތަކަށް މަސައްކަތެއް ނުކުރާނެ،" މުހަންމަދު އަލީ ވިދާޅުވި އެވެ. ކޮންޓްރޯލާ އިޝާރާތް ކުރައްވަނީ އޭސީސީތޯ ދެންވުމުން އެއީ ކޮންބައެއް ކަން ވިދާޅުވާން ކޮންޓްރޯލާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.
ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ބޮޑު ޕްރޮޖެކްޓްގެ ދިފާއުގައި ކޮންޓްރޯލާ ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތެއް ކުރެވޭ ކޮންމެ ފަހަރަކު ޕްރޮޖެކްޓް ހުއްޓާލަން ނުޖެހޭނެ ކަމަށާއި އޭސީސީން އެދުނު ބައެއް ކަންތައްތައް ޕްރޮޖެކްޓްގައި އިސްލާހު ވެސް ކޮށްފައިވާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓާ ގުޅުންހުރި މައްސަލަތައް ޕީޖީއަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނާއިރު އެ ޕްރޮޖެކްޓް ހުއްޓުވަން ޖެހޭނެ އުޒުރެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެ ޕްރޮޖެކްޓާ ގުޅޭ މައްސަލައެއް ވިއްޔާ ޕީޖީއަށް ފޮނުވާފައި އޮތް ކަމަށް އޭސީސީން އެ ވިދާޅުވަނީ، އެހެން ވިއްޔާ އެ ހިސާބުން މި ޕްރޮޖެކްޓާ މެދު އޭސީސީން ކުރާ ތުހުމަތުތައް އެހެރީ ޕީޖީއަށް ފޮނުވިފައި، އެހެންވީމަ އަޅުގަނޑު ނުދެކެން އެ ޕްރޮޖެކްޓް ހުއްޓާލަން ޖެހޭނެ ކަމަކަށް. އަޅުގަނޑު ކަންބޮޑުވަނީ މީގެ ކުރިން ދައުލަތުން ގެނައި އުފުއްޔަކަށް ވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވިގެން އެހެން ތިލަފުށީގައި އޮވެ އެ ހަލާކުވީ ގޮތައް މި ޕްރޮޖެކްޓައް ވެސް އެހެން ވެދާނެތީ، އެ އުފުލީގެ މައްސަލައެއް ނެތެއް ނޫންތޯ،" ކޮންޓްރޯލާ ވިދާޅުވި އެވެ.
ރާއްޖެއަށް ބިދޭސީން ނަހަމަ ގޮތުގައި ގެނެސް އެކަމުން ވިޔަފާރި ކުރާ މީހުން އުޅޭކަން ފާހަގަ ކުރައްވާ މުހަންމަދު އަލީ ވިދާޅުވީ ބޯޑާ ކޮންޓްރޯލް ހިންގަން ފުރުސަތު ނުދޭނަމަ އެ ހިތްވަރު ދެވެނީ "އަޅު ވިޔަފާރި ކުރަން" ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ވެސް އެކަމުގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރުވެސް މި ވަނީ އެމެރިކާގެ ހިއުމަން ޓްރެފިކިންގެ ވޮޗްލިސްޓުގައި ހިމެނިފައި، އަނެއްކާ އަޅުގަނޑުމެން ކިރިޔަ ކިރިޔާ ދެ ވަނަ ކެޓަގަރީއަށް މި އެރީވެސް، އެމެރިކާގެ ދީލަތި ކަމުން، އަޅުގަނޑުމެން މިގޮތަށް އޮންނަން ވިއްޔާ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިވެދާނެ،" އަލަށް ކޮންޓްރޯލާ ކަމަށް ވަޑައިގެންނެވި ތިމާވެށީގެ ތަޖުރިބާކާރު ވިދާޅުވި އެވެ.
ކޯޓްގައި ހިނގަމުންދާ މައްސަލައެއް ކަމަށް ވިދާޅުވެ ޕްރޮޖެކްޓާ ގުޅޭ މައުލޫމާތުތައް ދެއްވުމަށް ކޮންޓްރޯލާ ވަނީ ދެކޮޅުހައްދަވައިފަ އެވެ.
މެލޭޝިޔާގެ ނެކްސް ބިޒާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އެނގިފައިވާ ގޮތުގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ހުއްޓާލިއިރު މިހާރުގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ވެސް ހިންގަމުން އަންނަނީ ނެކްސްބިޒްގެ އިކުޕްމަންޓްތައް ބޭނުން ކޮށްގެންނެވެ.