މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން މުހިއްމު ކޮމެޓީތަކުގެ މެޖޯރިޓީ ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުން ނަގައިފި އެވެ.

ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުން މެޖޯރިޓީ ނެގި މުހިއްމު ކޮމެޓީތަކުގެ ތެރޭގައި ހިމެނެނީ ގައުމީ ސަލަމަތުގެ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އެވެ. އެމްޑީޕީއަށް މެޖޯރިޓީ ލިބުނު މުހިއްމު ކޮމެޓީގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ ކޮމެޓީގެ މެޖޯރިޓީ އެވެ.

މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ބައެއް މެންބަރުން ޕާޓީ ބަދަލު ކުރުމާ ގުޅިގެން، މެންބަރުން އަލަށް ކޮމެޓީތަކަށް އައްޔަން ކުރުމަށް އެއްބަސްވުމަކަށް އާދެވުނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާއަށް ފަހު އެވެ. ކޮމެޓީތަކަށް ބަދަލު ގެނައުމުގެ މައްސަލާގައި ސުލްހަވެރި ހަލެއްލެއް ނުލިބި އެއް ހަފްތާއަށް މަޖިލިސް ކުރިއަށް ނުގެންދެވި އޮތުމަށް ފަހު، މިއަދުގެ ޖަލްސާގައި ވަނީ ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރެއްވި ގޮތަށް ވޯޓަށް އައްސަވައި ފާސްކުރައްވައިފަ އެވެ. އެގޮތަށް ފާސްވީ މިއަދުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރެއްވުމާ އެކު، މިއަދު މެންދުރު ފަހު ކޮމެޓީތަކުގެ ބައްދަލުވުންތައް ބާއްވައި ކޮމެޓީތަކަށް މުގައްރިރުންނާއި ނައިބު މުގައްރިރުން އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ކޮމެޓީތަކުގެ މަސައްކަތް ފަށައިގަނެ، އެންމެ އަވަހަކަށް މަސައްކަތް ކުރަން ޖެހޭ ބިލްތަކުގެ ތެރޭގައި މެންބަރުންގެ އިންތިޔާޒުގެ ބިލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ޝާހިދު އެދިވަޑައިގެންނެވި އެވެ.

އެމްޑީޕީން ކުރިން މެޖޯރިޓީ ކޮންޓްރޯލް ކުރަމުންދިޔަ ގައުމީ ސަލާމަތުގެ ކޮމެޓީގައި މިހާރު ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ އެންމެ ހަތަރު މެންބަރުންނެވެ. އަދި ޕީޕީއެމްގެ ތިން މެންބަރުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިރު، ޑީއާރްޕީގެ ދެ މެންބަރަކު އެ ކޮމެޓީގައި ތިއްބަވަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ އިތުރުން މިނިވަން މެންބަރެއް ވެސް އެ ކޮމެޓީގައި އިންނަވެ އެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގާއި ދާއްދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒާއި މަޑެވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ އާއި އުނގުފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަލީ އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ.

މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ތިން މެންބަރުނާއި ޕީޕީއެމްގެ ތިން މެންބަރުންނާއި ޑިއާރްޕީގެ ދެ މެންބަރުންންގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރަކާއި ޕީއޭގެ މެންބަރެއްގެ އިތުރުން ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ހަމައެކަނި މެންބަރެވެ.

މާލިއްޔަތު ކޮމެޓީ ހިމެނިވަޑައިގެންނަވާ މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާއާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ފުވައްމުލަކު އަބްދުﷲ މަސީހު މުހައްމަދާއި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީއާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމުގެ އިތުރުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.