މާދަމާ ހެނދުނު ބާއްވާ އެފްއޭއެމުގެ އިންތިހާބު ކާމިޔާބު ކުރެއްވުން ގާތީ ވިކްޓަރީގެ ޗެއާމަން އީވާ އަބުދުﷲ އާއި އީގަލްސްގެ ޗެއާމަން ސަރަނގު އާދަމް މަނިކު (ސަރަނގޭ) ވޯޓުދެއްވާ ބޭފުޅަކު ކަމަށް ގާތްގަނޑަކަށް ޔަގީންވެއްޖެ އެވެ.

ފުރަތަމަ ޑިވިޝނުގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުގެ ތިން ކުލަބާއި ތިން ވަނަ ޑިވިޝަނުގެ ދެ ކުލަބާއެކު ޖުމުލަ 13 ކުލަބަކުން ވޯޓުލާ އިންތިހާބު މިހާރު ވަނީ ވަރަށް ބޮޑަށް ސިޔާސީވެފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެސޯސިއޭޝަނުގެ އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރެކެވެ. އެއީ މިހާރުގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާއި އޭނާ އަށް ތާއީދުކުރައްވަން ނިންމައިފައވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.

މި އިންތިހާބުގައި ފުރަތަމަ ޑިވިޝަނުގެ އަށްކުލަބުގެ ތެރެއިން ތިން ކުލަބެއްގެ ވޯޓު އާޒިމަށް ޔަގީނެވެ. އެއީ އޭނާ ކުރިމަތިލެއްވި ނިއުގެ ވޯޓާއި އޭނާގެ ނާއިބް ހިޔަލީ މުހައްމަދު ރަޝީދުގެ ވެލެންސިއާ ވޯޓާއި އާޒިމާއި ހިޔަލީ އަށް ޕްރޮކްސީ ލިބިފައިވާ އޭވައިއެލްގެ ވޯޓެވެ.

އިލްހާމް ކުރިމަތިލެއްވީ ވީބީން ކަމަށްވާއިރު މާޒިޔާ އާއި ވިޔަންސާ ވޯޓުދޭނެ ގޮތެއް ނޭނގެ އެވެ. ނަމަވެސް މާޒިޔާގެ އޮފިޝަލުން ފާޅުގައި ބުނަމުންދަނީ އާޒިމަށް ތާއިދު ކުރާ ކަމަށެވެ. ވިޔަންސާ އޮތީ އިލްހާގެ ކޮޅުގައި ކަމަށްވެ އެވެ.
ދެ ވަނަ ޑިވިޝަނުން ތިން ކުލަބު ވޯޓުދޭއިރު އެ ތިން ކުލަބު ވެސް އިލްހާމަށް ލިބިފައިވާ ކަމަށްވެ އެވެ. އޭގެ ތެރޭގައި ޖޭފޯ ކުރިމަތިލެއްވި މެކާނޯ ވެސް ހިމެނެ އެވެ. ނަމަވެސް ތިން ވަނަ ޑިވިޝަންގެ ދެ ކުލަބު އޮތީ އާޒިމްގެ ކޮޅުގައި ކަމަށް ޔަގީންކުރެވިފަ އެވެ.

އިންތިހާބުގައި ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުން ވޯޓުލާނެ ކުލަބުތައް ނިންމާނީ މާދަމާ އޮންނަ ޕްރައިމަރީގަ އެވެ. މިބައިގައި ވޯޓުލާ ތިން ވަނަ ޑިވިޝަން ޓީމުތަކުގެ މެޖޯރިޓީ އާޒިމަށް އަދި އިލްހާމް ދެ ވަނަ ޑިވިޝަން ކޮންޓްރޯލް އޮތް ކަމަށްވެ އެވެ. އެއީ އެބޭފުޅުން ކުލަބުތަކުގެ ޕްރޮކްސީ ހޯއްދަވާފައިވާތީ އެވެ.

މިހެންވެ އީވާ އާއި ސަރަނގޭއަކީ ނަތީޖާ ބަދަލުކުރުވާނެ ދެ ވޯތު ދެއްވާނެ ބޭފުޅުންނެވެ. އެމްޑީޕީ އަށް ނިސްބަތްވާ މި ދެ ބޭފުޅުން ވެސް މިހާތަނަށް ތިއްބެވީ އާޒިމްގެ ކޮޅުގައިކަމަށްވެ އެވެ. ސަބަބަކީ އާޒިމަކީ ޑީއާރުޕީގެ ބޭފުޅަކަށް ވެފައި އިލްހާމަކީ ޕީޕީއެމްގެ ބޭފުޅަކަށްވުމެވެ. ހާއްސަކޮށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ ވަރަށް އަރިސް ބޭފުޅަކަށްވުމެވެ. އެމްޑިޕީގެ ފިކުރުގައި ޕީޕީއެމްގެ ބޭފުޅަކަށް މޮޅެއް ހޯދައިދިނުމެއް އެމީހުންގެ ވިސްނުމުގައި ނެތެވެ. ނަމަވެސް އިލްހާމް ޕާޓީ ބަދަލުކުރާ ވާހަކަ ފެންމަތިވުމާއެކު އީވާ އާއި ސަރަނގޭ މިހާރު ފިކުރު ބަދަލުކުރުމަކީ ގާތްކަމެއް ކަމަށް ވެސް ވަރަށް ބޮޑަށް ދަނީ ވާހަކަ ދެކެވެން ފަށައިފަ އެވެ.

މިހެންވެ ވޯޓުދޭނެ މީހަކު ކަނޑައެޅުމުގައި ދެބައިވެފައިވާ ވިކްޓަރީގެ ބޯޑު ބައްދަލުވުމެއް މިރޭ ކުއްލި ގޮތަކަށް ބާއްވަން ވަނީ ނިންމައިފަ އެވެ. ނަމަވެސް އީގްލްސްއިން އެކަހަލަ ކަމެއް ނެތެވެ.

އަނެއްކޮޅުން ސަރަނގޭ އަކީ އެކްސްކޯ އަށް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ. އިލްހާމާއި އާޒިމް ވެސް ވަނީ ކޮންމެ ބޭފުޅަކު ހޮވުނަސް ސަރަނގޭ އަށް އެކްސްކޯއިން ޖާގަ ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.