17 Jul 2012, 16:26
އެމްޑީޕީގެ އާ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ގޮތުން ހުވަދު އަތޮޅުގައި އެމްޑީޕީން މެނިފެސްޓޯ ވޯކްޝޮޕްތަކެއް ބާއްވަން ފަށައިފި އެވެ.
އެ މަސައްކަތް ފައްޓާފައި ވަނީ މިދިޔަ މަހު ތެރޭގަ އެވެ.
އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީން ކުރިއަށްގެންދާ ވޯކްޝޮޕްތަކުގެ ތެރެއިން ރޭ ވަނީ ތިނަދޫގައި އެމްޑީޕީ މެނިފެސްޓޯ ވޯކްޝޮޕެއް ބާއްވައިފަ އެވެ. އަދި މިއަދު އެ ރަށުގައި ދޮރުން ދޮރަށް ހިނގައި އެމްޑީޕީގެ އާ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
އެމްޑީޕީން ތައްޔާރުކުރާ ޕާޓީގެ އާ މެނިފެސްޓޯގައި އެމްޑީޕީ ސަރުކާރެއްގައި ހުށަހަޅާނެ ދައުލަތުގެ ބަޖެޓް ހިމެނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި މެނިފެސްޓޯ އެކުލަވާލުމުގެ ކުރީން ގާތްގަނޑަކަށް 120000 މީހުންނާ ހިޔާލު ބަދަލު ކުރުމަކީ މައިގަނޑު އަމާޒު ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރު ކުރަން ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ކެމްޕެއިނެއް ވެސް މިހާރު ވަނީ ފަށާފަ އެވެ.