ސިފައިންގެ ވަޒީފާއިން ވަކިވެވަޑައިގަތުމަކަށް ގަސްތު ނުކުރައްވާކަމަށް ކާނަލް މުހައްމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.

ޒިޔާދު މިއަދު ވިދާޅުވީ ސިފައިންގެ ވަޒީފާގައި އޭނާ ހޭދަ ކުރެއްވި 23 އަހަރުގެ ތެރޭގައި ގާނޫނު އަސާސީ އާއި ސިފައިންގެ ގާނޫނާއި ޚިލާފަށް އޭނާއަށް އެނގިވަޑައިގެން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް 22 ދުވަސް ވަންދެން ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާއަށް ޖަވާބުދާރީވާން ފުރިހަމައަށް ތައްޔާރުވެ ވަޑައިގެން ހުންނެވި ކަމަށާއި އޭނާގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ސިފައިންގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށް ގަސްތު ނުކުރައްވާ ކަމަށް ވެސް ޒިޔާދު މިއަދު ވިދާޅުވި އެވެ.

"ސިފައިންގެ ޚިދުމަތުން ވަކިވާކަށް އަޅުގަނޑު ގަސްތެއް ނުކުރަން،" ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ ކުރިންވެސް އަދި މިހާރުވެސް މަސައްކަތް ކުރައްވަނީ ގައުމަށާއި ސިފައިންގެ ތަރައްގީއަށް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށެވެ.

"އަޅުގަނޑުގެ ސިފައިންގެ ހަޔާތުގައި ހޭދަވި 23 އަހަރުގެ ތެރޭގައި ގާނޫނު އަސާސީއާއި ސިފައިންގެ ގާނޫނާއި ޚިލާފު ކަމެއް އަޅުގަނޑަށް އެނގިގެން ކޮށްފައެއް ނުވާނެ. އަޅުގަނޑު މަސައްކަތް ކޮށްފައި ހުންނާނީ ދިވެހި ގައުމަށާއި ސިފައިންގެ ތަރައްގީއަށް. އޭރުގަ ވެސް މިހާރުގަ ވެސް އަދި ކުރިމަގުގަ ވެސް ކުރާނީ އެގޮތަށް. އެހެންވީމަ އަޅުގަނޑުކޮށްފައިހުރި ކޮންމެ ކަމަކަށް ޖަވާބުދާރީވާން ތައްޔާރަށް މިހިރީ،" ޒިޔާދު ވިދާޅުވި އެވެ.

ދައުވާއާ ގުޅިގެން އިސްތިއުފާ ދެއްވަން ގަސްތު ނުކުރައްވާކަމަށް ޒިޔާދު ވިދާޅުވިއިރު އިސް ގާޒީ ހައްޔަރު ކުރި މައްސަލައިގައި ދައުވާ އުފުލާފައިވާ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވަނީ ސިފައިންގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށް އިސްތިއުފާ ހުށަހަޅުއްވާފަ އެވެ.