00:20


ރައްޔިތުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތައް ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނުގައި ކަނޑައަޅާފައި ވީނަމަވެސް ފުލުހުންގެ މުއައްސަސާއިން މަސައްކަތްކުރަނީ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ގައުމީ ޕާޓީން ބުނެފި  އެވެ.


ފުލުހުންގެ މުއައްސާއަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ހަމަހަމަ އުސޫލުން ހިދުމަތްދޭން ޖެހޭ މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާގެ މަސައްކަތްތައް ގާނޫނު އަސާސީ އާއި ގާނޫނުގައި ވާގޮތަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ފުލުހުންނަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރައްޔިތުން މިއަދު ދިރިއުޅެމުން ގެންދަނީ ބިރުވެރިކަމާއި، ހިތްދަތިކަމާއި ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ފަރުދުންގެ މެދުގައި ހިނގާ ޒާތީ މުއާމަލާތްތަކަކީ، ހިމާޔަތްވެގެންވާ އަސާސީ ހައްގެއްގެ ގޮތުގައި އޮތް ނަމަވެސް ފޯނުންކުރާ މުއާމަލާތްތައް ވެސް ކުރަން ނުކެރޭ ވަރަށް ހާލަތު ވަނީ ބަދަލުވެފައި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ބޭނުން ސިޔާސީ ފިކުރެއް ހިޔާރުކުރުމާއި އެ ފިކުރަށް މާލީ އަދި މައުނަވީ ގޮތުގައި ތާއީދު ކުރުމުގެ މިނިވަން ކަމަކީ އަސާސީ ހައްގެއް ނަމަވެސް އެ ހައްގުގެ ބޭނުންހިފަން ރައްޔިތުން ޖެހިލުންވާ ކަމަށާއި، މުވައްޒިފެއް ނަމަ ހުންނަންޖެހެނީ ވަޒީފާ ގެއްލިދާނެ ކަމަށް ބިރުން ކަމަށާއި، ވިޔަފާރިއެއް ނަމަ ވިޔަފާރި ބަނގުރޫޓުކޮށްލަފާނެތީ ބޭނުން މީހަކާއި، ބޭނުން ތަނަކުން ބައްދަލުކުރަން ޖެހިލުންވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.  އަދި ޝަރުއީ އަމުރެއްގެ ދަށުން ނޫނީ ހިފާ ހައްޔަރުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީން ލާޒިމުކުރި ނަމަވެސް "އުފުރާލާނީ" ކޮންއިރަކު، ކާކުކަމެއް ހަމަ އެކަކަށް ވެސް ނޭނގޭ ކަމަށާއި، ކޯޓުގެ ހުއްދައެއް ނެތި ގެންގޮސް ބަހައްޓާނީ ކޮންތާކު ކިތައް ދުވަހު ކަމެއް ހިތަށް ގެންނަން ނޭނގޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ބަންދުން ދޫކުރަން ކޯޓުން އަމުރުކުރި ނަމަވެސް ދޫކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށާއި، އިންސާފު ހޯދަން ދާން ހުރި ފަނޑިޔާރުގޭގައި ތަޅުއަޅުވާނީ ކޮންއިރަކު ކަމެއް، ފަނޑިޔާރުން ސަލާމަތީ ބާރުތަކުގެ ކުރިމައްޗަށް ހާޒިރުކުރާނީ ކޮން ވަގުތަކުކަން ނޭނގޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.


އަދި މިހާރު ފެންނަމުން މިދަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިން، ސިޔާސީ ފަރާތްތަކަށް އިންޒާރު ދިނުމާ އެކީ، ފުލުހުން އެފަދަ ފަރާތްތައް ހައްޔަރުކުރުމުގައި އަވަސްވެގަންނަ މަންޒަރު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަންގަވާއިރަށް ކޯޓުތަކާއި މިނިވަން މުއައްސަސާތައް ބަންދުކުރާ މަންޒަރު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި ސަރުކާރުގެ އިސް ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ނުގެނެވުމާއި، ކޯޓުތަކުގެ އަމުރުތަކަށް ފުރަގަސްދޭ މަންޒަރު ފެންނަމުންދާ ކަމަށް ވެސް އެ ސިޓީގައި ޑރ. ހަސަން ސައީދު ވިދާޅުވެފައިވެ އެވެ. ސަރުކާރުގެ އިސްވެރިން ސިޔާސަތު ކަނޑައަޅުއްވާ އެ ސިޔާސަތު ތަންފީޒު ކުރަން އެންގެވުމުގެ އިތުރުން އޮފަރޭޝަންތައް ހިންގަންވާ ގޮތުގެ ތަފްސީލާއި، ހައްޔަރުކުރަންވާ މީހުންނާއި، ހައްޔަރުކުރަންވާ ގޮތްވެސް ބުނެދޭ މަންޒަރު ފެންނަމުންދާ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.


ސިޓީގައި އަދި ވިދާޅުވެފައި ވަނީ، ގައުމީ ޕާޓީން ދެކެން ބޭނުންވަނީ، ސަލާމަތީ ބާރުތަކަކީ، މީހެއްގެ މޫނަކަށް ކަނދުރާއަކަށް އަދި އަދާކުރާ ވަޒީފާއަކަށް ބެލުމެއްނެތި ފަހުރުވެރިކަމާ އެކީ ގާނޫނު ތަންފީޒުކުރާ ބަޔަކަށް ވެގެންދާ ދުވަސް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިން މަގާމުން އިސްތިއުފާ ދެއްވުމުން އެ މީހުންގެ މައްސަލަތައް ބަލައި، މަގާމުގެ ފުރިހަމަ އާރާއި ބާރުގައި އެފަރާތްތައް ތިއްބަވާއިރު ވެސް ގާނޫނާއި ހިލާފަށް ކުރާ ކަންކަން ތަހުގީގުކޮށް ހައްގު އަދަބު ހޯދާދޭ ބަޔަކަށް ސަލާމަތީ ބާރުތައް ވެގެންދާ ދުވަސް ކަމަށް ވެސް އެ ސިޓީގައި ޑރ. ހަސަން ސައީދު ވިދާޅުވެފައިވެ އެވެ.