މާދަމާ އޮންނަ އެފްއޭއެމް އިންތިހާބުގައި ވޯޓުދޭނެ މީހަކު ނިންމުމަށް ވިކްޓަރީގެ ބޯޑު ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި އެވެ.
އިތުބާރު ހުރި ގޮތަކަށް ކަށަވަރުވެފައިވާ ގޮތުގައި މިރެ 10ޖަހާއިރު ބާއްވާ ބައްދަލުވުމުގައި މަޝްވަރާކުރާނީ އެފްއޭއެމުގެ އިންތިހާބާ ބެހޭގޮތުންނެވެ. އަދި އިންތިހާބަށް 24 ގަޑިއިރަށްވުރެ ކައިރިވެފައިވާއިރު ވިކްޓަރީ ވަނީ ދެބަޔަކަށް ބެހިފަ އެވެ. އެކުލަބުގެ ޗެއާމަން އީވާ އަބުދުﷲ އާއި ބައެއް އެހެން މެމްބަރުން ތާއިދު ކުރައްވަނީ އާޒިމަށެވެ. ކޯޗު އަލީ ސުޒޭން އާއި އިތުރު ބައެއް މެމްބަރުންގެ ކެނޑިޑޭޓަކީ އިލްހާމެވެ.

މި އިންތިހާބުގައި ރައީސް ކަމަށް ވިކްޓަރީގެ ބޯޑު މެމްބަރު އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލްމުހުސިން ހަމީދު (ޖޭފޯ) ވަނީ ކުރިމަތިލައްވާފަ އެވެ. ރައީސް ކަމުގެ އިތުރަށް ނާއިބް ރައީސް ކަމަށާއި އެކްސްކޯގެ މެމްބަރު ކަމަށް ވެސް އޭނާ ކުރިމަތިލެއްވި އެވެ. މީގެ ތެރެއިން އެއް މަގާމަކަށް އިންތިހާބުވެއްޖެނަމަ ދެންހުރި މަގާމުތަކުން އޭނާގެ ނަން އޮޓެމެޓިކުން އުނިވާނެ އެވެ.

އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރައްވަނީ ޖޭފޯ އާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މިހާރުގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. މީގެ ތެރެއިން ޖޭފޯ ވަނީ މިހާރު އިލްހާމަށް ތާއީދުކުރަން ނިންމައި މީޑިޔާގައި އިއުލާނުވެސް ކޮށްފަ އެވެ. އޭނާ އިންތިހާބަށް ކުރިމަތިލެއްވީ ވެސް ވިކްޓަރީގެ ބަދަލުގައި ދެވަނަ ޑިވިޝަނުގެ މެކާނޯގެ ފަރާތުންނެވެ.